ކ. މާލެ
|
20 ޖެނުއަރީ 2018 | ހޮނިހިރު 23:41
ފަން އައިލެންޑް ރިސޯޓްގައި ކަސްޓަމްސް ގެ ޓީމް ހަރަކާތްތެރިވަނީ
ފަން އައިލެންޑް ރިސޯޓްގައި ކަސްޓަމްސް ގެ ޓީމް ހަރަކާތްތެރިވަނީ
ރާއްޖެ އެމްވީ
ވިލާ ރިސޯޓުތައް
ކަސްޓަމްސް އިން ވިލާ ރިސޯޓްތަކަށް ތުހުމަތު ކުރާ މައްސަލައަކީ ގާނޫނީ ހަމަތަކަށް ބަލާއިރު އެ އިދާރާއަށް ބެލޭނެ މައްސަލައެއް ނޫން: ހިސާން
މިހާރު ތުހުމަތު ކުރާ މައްސަލަ ބެލޭނީ ފުލުހުންނަށް
ވިލާ ގްރޫޕްގެ ރިސޯޓްތަކުން ބަނގުރާ އެތެރެކޮށްފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން

ގާނޫނީ ހަމަތަކާއި އުސޫލުތަކަށްބަލާ އިރު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބަލަމުންދާ މައްސަލައަކީ އެ އިދާރާއަށް ބެލޭނެ މައްސަލައެއް ނޫން ކަމަށާއި އެ މައްސަލަ ބެލޭނީ ފުލުހުންނަށް ކަމަށް ވިލާ ގްރޫޕްގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

 ވިލާގެ ފަސް ރިސޯޓަކަށް ކަސްޓަމްސް އިން އަރާ ފަން އައިލެންޑް ރިސޯޓުން ބަނގުރާ ގެންދިއުމާ ގުޅިގެން ރާއްޖެޓީވީންް ކުރިއަށްގެންދާ ކަވަރޭޖްގައި ވާހަކަ ދައްކަވަމުން، ހިސާން ވިދާޅުވީ، މިދިޔަ ބުދަ ދުވަހުގެ ރޭ ، ކަސްޓަމްސް އާއި ފުލުހުންނާއި މީރާގެ މުވައްޒަފުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކުންފުނި ވިލާ ގްރޫޕަށް ނިސްބަތްވާ ފަސް ރިސޯޓަކަށް އަރާ ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ދަށުން ރިސޯޓްތައް ބަލާ ފާސްކުރުމަށް ނެރުނު އަމުރު ބާތިލްކޮށް އަނެއްކާ ހޮނިހިރު ދުވަހު ރިސޯޓްތަކަށް ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކުރުމަށް އަރާފައިވާ ކަމަށެެވެ. ފަހުން ނެރުނު އަމުރާ އެކު މިދިޔަ ބުދަ ދުވަހު ކަސްޓަމްސް އިން ރިސޯޓްތަކަށް އަރާ ހޯދި ހުރިހާ މައުލޫމާތެއް ބާތިލް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

 ހިސާން ވިދާޅުވީ، ކޯޓުތަކުން ކޯޓު އަމުރުތައްދެނީ ވަކި ކަމެއް ތަހުގީގު ކުރުމަށް ކަމަށާއި ހެކިވެސް ހޯދޭނީ ކަނޑައެޅިފައިވާ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ކަމާ ގުޅޭ ގޮތުން ކަމަށެެވެ. އެކޯޓު އަމުރަކީ ތަކެތި ބަލާ ފާސްކުރާ އަމުރެއް ކަމަށްވާ އިރު ތަކެތި ގެންދިއުމުގެ ބާރު އެ ކޯޓު އަމުރުގެ ދަށުން ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ، ބޮންޑެޑް ވެއަރ ހައުސް އިން ރޯޔަލް އައިލެންޑް އެންޑް ސްޕާ މެނޭޖްމެންޓްގެ ނަމުގައި ދޫކުރި ބަނގުރާ އެ ރިސޯޓާއި ގުޅުން ހުރި އެހެން ތަންތަނަށް ގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެ ބަލާ މައްސަލައަކީ އެއްވެސް ހާލެއްގައި ކަސްޓަމްސްއަށް ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ގާނޫނާ ހިލާފަށް ބަނގުރާދީ ވިއްކާފައިވޭތޯ އާއި ބަނގުރާ ގެންދެވޭ ތަންތަން ފިޔަވާ އެހެން ތަންތަނަށް ދީފައިވޭތޯ އާއި ގާނޫނާ ހިލާފަށް ބަނގުރާ ވިއްކާފައިވޭތޯ ފަދަ މައްސަލަ ބެލޭނެ ކަމަށް ހިސާނު ވިދާޅުވި އެވެ.

" ވިލާ ރިސޯޓްތަކަށް އަރާ މިހާތަނަށް އެއްވެސް ހެއްކެއް ހޯދިފައެއް ނެތް. އަދި ބޮންޑެޑް ވެއަރ ހައުސް އިން މުދާ ނެރުމަށް ފަހު  އެ މުދާ ގެންދިޔައީ ކޮން ތަންތަނަކަށް ކަމެއް ވެސް އެނގިފައެއް ނުވޭ. ބޮންޑެޑް ވެއަރ ހައުސް އިން މުދާ ނެރުމަށް ފަހު ރޯޔަލް އައިލެންޑަށް ނުގެންދާ ކަމުގެ ހެއްކެއް ވެސް ހޯދިފައެއް ނުވޭ. އެއާ ހިލާފަށް މި ހުރިހާ ރިސޯޓްތަކުގެ ޑޮކިއުމެންޓްތައް ވެސް އެބަ ދައްކާ، މި ހުރިހާ ރިސޯޓްތަކުން ވެސް ބަނގުރާ އެތެެރެކޮށްފައިވަނީ ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ އުސޫލުތައް ފުރިހަމަ ކޮށްގެންކަން. އެހެން ކަމުން މިއަދު ކަސްޓަމްސް އިން އެކުރަނީ ގާނޫނީ ގޮތުން ކުރެވޭނެ ކަންކަމެއް ނޫން." ހިސާން ވިދާޅުވި އެވެ.

 ހިސާން ވިދާޅުވީ، ބަނގުރާ ގެނައުމާއި ގެންގުޅުމާއި ވިއްކުމުގެ ގަވައިދުގެ ދަށުން، ބަނގުރާ ވިއްކުން މަނާ ތަންތަން ކަނޑައަޅާފައިވާ އިރު ގެންގުޅޭނެ އިޖުރާއަތްތައްވެސް ބަޔާންކޮށްފައިވާ ކަމަށެވެ. ކަނޑައަޅާފައިވާ ގަވައިދާ ހިލާފަށް ވިލާގެ އެއްވެސް ރިސޯޓަކުން ބަނގުރާ އެތެރެކޮށްފައިނުވާނެ ކަަމަށް ހިސާން ވިދާޅުވި އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް