ކ. މާލެ
|
20 ޖެނުއަރީ 2018 | ހޮނިހިރު 22:03
ފަން އައިލެންޑްގެ ގުދަނުގައި ހުރި ބައެއް ރާ، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައި
ފަން އައިލެންޑްގެ ގުދަނުގައި ހުރި ބައެއް ރާ، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައި
ފަން އައިލެންޑް
ވިލާގެ ރިސޯޓްތަކަށް އެރުން
ޤާނޫނީ ބާރުވެރިކަމެއް ނެތި، ފަން އައިލެންޑްގައި ހުރި ރާ ކަސްޓަމްސްގެ ބެލުމުގެދަށަށް ގެންގޮސްފި
ކަސްޓަމްސްއަށް ދީފައިވަނީ ބަލައި ފާސްކުރުމުގެ ހުއްދަ
ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދުވަހުން ދުވަހަށް ފަތުރުވެރިން ބޭނުންކުރާ ރަލުގެ ބާވަތްތައް
މުވައްޒަފުން ދަނީ ރިސޯޓްގެ މުދާ ނުގެންދިއުމަށް އެދި އަޑު އުފުލަމުން

ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރެދީފައިވާ އަމުރަކާއިއެކު މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފިސަރުން، ވިލާ ގްރޫޕުން ހިންގާ ފަން އައިލެންޑަށް އަރައި، އެ ރަށުގައި ހުރި ރަލުގެ ބައެއް ބާވަތްތައް އެފަރާތުގެ ބެލުމުގެ ދަށަށް ގެންދަން ފަށައިފިއެވެ.

ފަން އައިލެންޑްގެ މެނޭޖަރ، އިސްމާއިލް ނަސީރު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ރެއެކޭ އެއްގޮތަށް، ހޮނިހިރު ދުވަހުވެސް ފުލުހުންގެ އެހީތެރިކަމާއިއެކު ކަސްޓަމްސްގެ އޮފިސަރުން އެ ރަށަށް އަރާފައިވަނީ ބަލައި ފާސްކުރުމުގެ އަމުރަކާއި އެކު ކަމަށާއި، އެ އަމުރުގައި މުދާ ހިފެހެއްޓުމަށް ހުއްދަ ދީފައި ނުވާ ކަމަށެވެ.

ނަމަވެސް ކަސްޓަމްސްގެ އޮފިސަރުން އެ ރިސޯޓްގެ ގުދަން ބަލައި ފާސްކޮށް، ނިމިގެން ދިޔަ 2017 އަހަރުގެ މާޗް މަހުގެ ފަހުން އެ ރިސޯޓަށް ގެންގޮސްފައިވާ ރާ ކަމަށް އެފަރާތްތަކުން ބުނާ ރަލުގެ ބާވަތްތައް މިހާރު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދަމުންދާ ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހުގެރޭ 9 ޖެހުމާއި ހަމައަށް 3 ގާޑިޔާ ފުރައި، އެ ރިސޯޓްގެ ގުދަނުގައި ހުރި ރާ، ކަސްޓަމްސްގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ، ކަސްޓަމްސްގެ ބެލުމުގެދަށަށް ގެންދަމުންދާ ރަލުގެ ބާވަތްތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދުވަހުން ދުވަހަށް ފަތުރުވެރިން އާންމުކޮށް ބޭނުންވާ ބާވަތްތައް ކަމަށެވެ.

ބަލައި ފާސްކުރުމުގެ އަމުރަކާއިއެކު ރިސޯޓަށް އަރައި، ކަސްޓަމްސްގެ ބެލުމުގެދަށަށް، އެ ރިސޯޓްގައި ހުރި ރާ ގެންދަން ފަށާފައިވާއިރު، ކްރިމިނަލް ކޯޓުން ކަސްޓަމްސްއަށް ދީފައިވާ އަމުރުގެ ދަށުން އެއްވެސް މުދަލެއް ނުހިފެހެއްޓޭނެ ކަމަށް ވިލާގެ ޤާނޫނީ ޓީމުން ދަނީ ބުނަމުންނެވެ.

ރާއްޖެއެމްވީ އާއި ވާހަކަ ދައްކަވަމުން ވިލާގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ، މިހާރު ކްރިމިނަލް ކޯޓުން ނެރެދީފައިވާ އަމުރުގެ ދަށުން އެއްވެސް އެއްޗެއް ގެންދިއުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، މި ހާލަތުގައި، ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ފަން އައިލެންޑުން ހޯދާފައިވާ އެ މުދާ ގެންދިއުމަކީ، ޤާނޫނުލް އުޤޫބާތުގައި ބުނާ ފޭރުމުގެ އަމަލެއް ކަމަށެވެ. ޝަމީމް ވިދާޅުވީ ކަސްޓަމުން ކުރަމުންދަނީ ޤާނޫނީ ކުށެއް ކަމަށެވެ.  

ފުލުހުންގެ އެހީތެރިކަމާއިއެކު ފަން އައިލެންޑްގެ މުދަލެއް ކަސްޓަމްސްގެ ބެލުމުގެދަށަށް ގެންދާއިރު އެ ރިސޯޓްގެ މުވައްޒަފުން ދަނީ އެކަން އެގޮތަށް ނުކުރުމަށް އެދި އަޑު އުފުލަމުންނެވެ.

ރާއްޖެއެމްވީ އާއި ވާހަކަ ދައްކަވަމުން އިސްމާއިލް ވިދާޅުވީ، ރިސޯޓްގެ މުވައްޒަފުން ތިބީ އެލަރޓްގައި ކަމަށާއި، ކަސްޓަމްސްއިން ހިންގަމުންދާ އަމަލުތަކާއި ދެކޮޅަށް މުވައްޒަފުން އަޑު އުފުލި ނަމަވެސް، އެކަމަށް ހުރަސްއަޅައި، ހަމަނުޖެހުން ގެއްލޭފަދަ ކަމެއް އެ މުވައްޒަފުން ނުކުރާނެ ކަމަށެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ކަސްޓަމްސްއިން ވިލާގެ ރިސޯޓްތަކަށް އަރަމުންދިއުމާއި ގުޅިގެން އެ ކުންފުނީގެ ރިސޯޓްތަކުގައި ތިބި ފަތުރުވެރިންގެ މެދުގައި ބިރުވެރިކަމެއް އުފެދިފައިވާއިރު، އިސްމާއިލް ވިދާޅުވީ، ފަން އައިލެންޑްގައި މިހާރުވެސް 180 އަށް ވުރެ ފަތުރުވެރިން އެބަ ތިބި ކަމަށާއި، އެ ފަތުރުވެރިން ތިބީ ހާސްކަމެއްގެ ތެރޭގައި ކަމަށެވެ.

އިސްމާއިލް އިތުރަށް ވިދާޅުވީ، ކަސްޓަމްސްއިން އަމަލުކުރަމުންދާ ގޮތުން ފަތުރުވެރިންނަށް ދެމުންދާ ޚިދުމަތަށް ހުރަސްއެޅިފައިވާ ކަމަށެވެ.

ޤާނޫނާއި ޤަވާއިދުގެ ތެރެއިން ނަގަންޖެހޭ ހުއްދަތައް ބާތިލްކޮށްފައިވަނިކޮށް ރަލުގެ ވިޔަފާރި ކުރާ ކަމަށް ވިލާ ކުންފުނީގެ ރިސޯޓްތަކުގެ މައްޗަށް ކަސްޓަމްސްއިން ތުޙުމަތު ކުރާއިރު، އެ ހުރިހާ ރިސޯޓެއްގައިވެސް ޤާނޫނާއި ޤަވާއިދުގެ ތެރެއިން ހަމަވާންޖެހޭ ހުރިހާ ހުއްދަތައް ހަމައަށް ހުރިކަން ވިލާގެ ޤާނޫނީ ވަކީލުން ވަނީ ހާމަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް