ކ. މާލެ
|
20 ޖެނުއަރީ 2018 | ހޮނިހިރު 16:40
އަފްޢާނިސްތާން ގައުމީ ޓީމުގެ ކެޕްޓަން ޒޮހިބް އިސްލާމް އާމިރީ
އަފްޢާނިސްތާން ގައުމީ ޓީމުގެ ކެޕްޓަން ޒޮހިބް އިސްލާމް އާމިރީ
ގެޓީ އިމޭޖަސް
ނިއު ރޭޑިއަންޓް ސްޕޯޓްސް
އަފްޢާނިސްތާން ގައުމީ ޓީމުގެ ކެޕްޓަން ނިއުއަށް
އޭނާއަކީ ހުނަރުވެރި ޑިފެންޑަރެއް
ކެރިއަރުގެ ގިނަ ބައި އޭނާ ކުޅެފައިވަނީ އިންޑިއާގެ ޓީމުތަކަށް
ނިއުއިން އަންނަނީ އާ ކުޅުންތެރިން ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން

މި ފެށޭ ސީޒަނަށް އަފްޢާނިސްތާން ގައުމީ ޓީމުގެ ކެޕްޓަން އަދި އިތުބާރު ޑިފެންޑަރު ޒޮހިބް އިސްލާމް އާމިރީ ގެނައުމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްއިން ނިންމައިފިއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ނިއުއިން ވަނީ އޭނާ ގެނައުމުގެ ހުރިހާ މަސައްކަތްތަކެއް ނިންމާފައެވެ. އެގޮތުން އޭނާއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި މި ސީޒަނުގެ އޭއެފްސީ ކަޕްއަށް ނިއުގެ ފަރިތަކުރުންތައް ވެސް ފަށާނީ އޭނާއާއެކު ކަމަށް ރާއްޖެއެމްވީއަށް ވެސް ވަނީ އެނގިފައެވެ.

އާމިރީއަކީ ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅުންތެރިޔެކެވެ. ޕްރޮފެޝަނަލް ކުޅުންތެރިޔެއްގެ ގޮތުގައި އޭނާގެ ކެރިއަރު އެންމެ ފުރަތަމަ ފެށީ އެ ގައުމުގެ ޓީމުތަކުންނެވެ. އެގޮތުން ކާބުލް ޕްރިމިއާ ލީގުގެ ޓީމުތައް ކަމަށްވާ އެފްސީ ޝޯއާ އާއި ކާބުލް ބޭންކް އެފްސީގެ އިތުރުން ފެރޯޒީ އެފްސީއަށް އޭނާ ވަނީ ކުޅެފައެވެ. އަމިއްލަ ގައުމުގެ ޓީމުތަކަށް ކުޅުމަށްފަހު އޭނާ މިހާރު ފެންނަމުން އަންނަނީ އިންޑިއާގެ ލީގުގެ ޓީމުތަކުންނެވެ. އެގޮތުން މުމްބާއި އެފްސީ އާއި ޑެމްޕޯ އެފްސީގެ އިތުރުން ޗެންނާއި ސިޓީ އެފްސީއަށް އޭނާ ވަނީ ކުޅެފައެވެ. ހަމައެހެންމެ އިންޑިއަން ސުޕާ ލީގުގެ އެފްސީ ގޯއާގެ ޖާޒީއިން ވެސް އޭނާވަނީ ފެނިގެން ގޮސްފައެވެ.

އޭނާއަކީ 2005 ވަނަ އަހަރުން ފެށިގެން އަފްޢާނިސްތާނުގެ ގައުމީ ޓީމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިޔެކެވެ. 2011 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން އެ ޓީމު ޖާގަ ހޯދިއިރު އޭނާވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ހަމައެހެންމެ 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް އެ ޓީމުން ކާމިޔާބުކުރީ އޭނާގެ މޮޅު ކުޅުމާއި އޭނާގެ ކެޕްޓަންކަމުގެ ދަށުންނެވެ. ޖުމްލަ 42 މެޗާއެކު އެ ގައުމުގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ އާމިރީ ވަނީ މިހާތަނަށް ހަ ލަނޑު އެ ގައުމަށް ޖަހައިދީފައެވެ.

ނިއުއިން އާމިރީ ގެނައުމަށް ނިންމާފައި ވަނީ މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު ލުބްނާންގެ ޑިފެންޑަރު ހުސައިން އެލްޑޯ އަދި މޮންޓެނީގްރޯގެ ޑިފެންޑަރު ސްޓެވަން މާކޮވިޗް ދޫކޮށްލުމާއި ގުޅިގެންނެވެ. އެ ޓީމުން އަންނަނީ ޔޫރަޕުގެ ޑިފެންޑަރަކާއި ފޯވާޑެއް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

މި ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ނިއުއިން ވަނީ ހަ ކުޅުންތެރިޔަކު މިހާތަނަށް އެ ޓީމަށް ގެނެސްފައެވެ. މިދިޔަ ސީޒަނުގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި މި ސީޒަނާއި ކުރިމަތިލި ނިއުއިން އަންނަނީ މިދިޔަ ސީޒަނުގައި އެ ޓީމުން ހޯދި ކާމިޔާބު ތަކުރާރުކުރުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް