ކ. މާލެ
|
20 ޖެނުއަރީ 2018 | ހޮނިހިރު 14:44
ވިލާގެ ރިސޯޓެއް ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ބަލާފާސްކުރަނީ
ވިލާގެ ރިސޯޓެއް ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ބަލާފާސްކުރަނީ
މުހައްމަދު ޝަރުހާން
ވިލާ ރިސޯޓުތައް
ކޯޓު އަމުރާ ޚިލާފަށް ވިލާގެ ރިސޯޓަކުން ބަނގުރާ ކޭސްތަކެއް ކަސްޓަމްސް އިން ގެންދިޔަ މައްސަލަ ކޯޓަށް ހުށަހަޅައިފި
ކޯޓު އަމުރުގައި އޮތީ ބަލާފާސްކުރަން ހުއްދަ ދީފައި
ފަން އައިލެންޑުން ބަނގުރާ ދެ ކޭސް ގެންދިޔަ، ސްޓޮކް ބޭނުން ނުކުރަން އެންގި
ކޯޓު އަމުރުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުން، މިއީ މުދާ ފޭރުން

ވިލާ ގްރޫޕުގެ ރިސޯޓްތައް ބަލާފާސްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި ޚިލާފަށް ރިސޯޓަކުން ބަނގުރާ ކޭސްތަކެއް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ކަސްޓަމްސްގެ ބެލުމުގެ ދަށަށް ދެ ކޭސް ބަނގުރާ ގެންގޮސްފައި ވަނީ ފަން އައިލެންޑް ރިސޯޓުންނެވެ. ހަމަ އެ ރިސޯޓުގެ ބަނގުރާ ސްޓޮކުގައި ހުރި ބައެއް ވަތްތަރުތައް ބޭނުން ނުކުރުމަށް ވެސް ވަނީ އަންގާފައެވެ.

ވިލާގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ ކޯޓު އަމުރުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަމުންދާ މައްސަލަ ބަލައިދިނުމަށް އެދި ކަމަށެވެ. އެގޮތުން ކޯޓު އަމުރުގައި ބެލުމުގެ ދަށަށް ތަކެތި ގެންދެވޭނެ ކަމަށް ބަޔާންކޮށްފައި ނުވަނީސް ވިލާގެ ރިސޯޓަކުން ދެ ކޭސް ބަނގުރާ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ކޯޓު އަމުރުގައި ކަނޑައެޅިގެން ސާފުކޮށް، ބެލުމުގެ ދަށަށް ތަކެތި ގެންދެވޭނެ ކަމަށް ބަޔާންކޮށްފައި ނުވަނީސް، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ތަކެތި ގެންދިއުމަކީ ފޭރުން ކަމަށެވެ. އޭނާ ވިދާޅުވީ ދެ ކޭސް ބަނގުރާ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިއުމުގައި އަމަލުކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 36 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ މުދާ ހިފެހެއްޓުމުގައި އަމަލުކުރަންވާނެ ގޮތެވެ.

ކޯޓު އަމުރެއްގެ ދަށުން ވިލާގެ ފަސް ރިސޯޓެއް ކަސްޓަމްސް އާއި ފުލުހުން ބަލައި ފާސްކުރީ ރޯޔަލް އައިލެންޑަށް އެތެރެކުރި ބަނގުރާތަކެއް ވިލާގެ އެހެން ރިސޯޓަކަށް ގެންދިޔަ ކަމުގެ ތުހުމަތުގަ އެވެ. ކޯޓު އަމުރެއްގެ ދަށުން ރިސޯޓްތައް ބަލާފާސްކުރަމުން ދިޔަ ނަމަވެސް، ވިލާ ގްރޫޕުން ބުނަނީ ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް