ކ. މާލެ
|
20 ޖެނުއަރީ 2018 | ހޮނިހިރު 11:44
ދިވެހިރާއްޖޭގެ ހައިކޯޓު، ފަނޑިޔާރުންގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައި
ދިވެހިރާއްޖޭގެ ހައިކޯޓު، ފަނޑިޔާރުންގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައި
މުހައްމަދު ޝަރުހާން
ދިވެހިރާއްޖޭގެ ހައިކޯޓް
މަހަކަށް ވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށް ފަހު ހައިކޯޓުގެ ޝަރީއަތްތައް އާދީއްތަ ދުވަހު ފަށަނީ
ހައިިކޯޓުގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ ޑިސެމްބަރު 12 ގައި
ހައިކޯޓު ރިސެސްއަށް ދިޔަ ކަމެއް އެނގެން ނެތް
ހައިކޯޓަށް ފަނޑިޔާރުުންގެ ދަތިކަން ކުރިމަތިވެފައި

މަހަކަށް ވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށް ފަހު ހައިކޯޓުގެ ޝަރީއަތްތައް އާދިއްތަ ދުވަހު ފެށުމަށް އެކޯޓުގައި ތާވަލުކޮށްފިއެވެ.

ހައިކޯޓުގެ ވެބްސައިޓުގައިވާ ގޮތުގައި، އެ ކޯޓުން އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ ޑިސެމްބަރު 12 ވަނަ ދުވަހުއެވެ. މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން އަޑުއެހުންތައް ނުބޭއްވި ސަބަބެއް ކޯޓުން ނުބުނެއެވެ.

މީގެ ކުރިން، ކޮންމެ އަހަރެއްގެ ފަހުކޮޅު ހައިކޯޓު ރިސެސްއަށް ދިޔަ ނަމަވެސް، މިއަހަރު ރިސެސްއަށް ގޮސްފައެއް ނުވެއެވެ. ހައިކޯޓުން އާންމުކޮށް އަމަލުކުރާ އުސޫލަކީ، ރިސެސްއަށް ދިއުމުގެ ކުރިން އެކަން އާންމުކޮށް އިއުލާނުކުރުމެވެ. އެހެން ނަމަވެސް، މިދިޔަ އަހަރުގެ ފަހުކޮޅު އެފަދަ އެއްވެސް އިއުލާނެއް ކޮށްފައިނުވެއެވެ.

ހައިކޯޓުގެ ޝަރީއަތްތައް ނުބާއްވައިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، އެކޯޓުން ވަނީ އާދިއްތަ ދުވަހަށް ދެ މައްސަލައެއްގެ އަޑުއެހުން ތާވަލުކޮށްފައެވެ. އެގޮތުން ތާވަލުކޮށްފައި ވަނީ، ބަންޑާރަނައިބުގެ އޮފީހުން ސަންއެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުވާކުރާ މައްސަލަ އާއި، ޗެކުން ލިބެންޖެހޭ ފައިސާ ހޯދުމަށް އާންމުންގެ މީހަކު ދައުވާ ކުރާ މައްސަލައެކެވެ.

ހައިކޯޓަކީ ފަނޑިޔާރުންގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ކޯޓެކެވެ. އެގޮތުން އެކޯޓުގައި މިހާރު ތިއްބަވަނީ ހަތަރު ފަނޑިޔާރުންނެވެ. ދެން ތިއްބަވަނީ، ހައިކޯޓުގެ ދެކުނު ގޮފީގެ ތިން ފަނޑިޔާރުންނެވެ.

ފަނޑިޔާރުންގެ ދަތިކަން ދިމާވެ މައްސަލަތައް ލަސްވާތީ، ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ދެކުނު ގޮފީގެ ތިން ފަނޑިޔާރުން ތިން މަސް ދުވަހަށް މާލޭގައި މަސައްކަތް ކުރެއްވިއެވެ. އެ މުއްދަތު ހަމަވަމުން ފަނޑިޔާރުން ވަނީ އެނބުރި ދެކުނު ގޮތްޕަށް ވަޑައިގަންނަވާފައެވެ. އެހެން ނަމަވެސް، ދެކުނު ގޮފީގައި ވެސް ޝަރީއަތެއް ކުރިއަކަށް ނުދެއެވެ.

ހައިކޯޓަށް ދިމާވެފައިވާ ފަނޑިޔާރުންގެ ދަތިކަން ހައްލުކުރުމުގެ ގޮތުން، ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރުކުރުމަށް ކޯޓުތަކުގެ ގާނޫނަށް ވަނީ އިސްލާހު ގެެނެސްފައެވެ. ކޯޓުތަކުގެ ގާނޫނަށް ގެނައި ދެ ވަނަ އިސްލާހު ތަސްދީގުކުރައްވާފައި ވަނީ ޖޫން މަހުގެ 18 ވަނަ ދުވަހުއެވެ.

ގާނޫނަށް ގެނައި އިސްލާހުގައި ވާގޮތުގައި އެ އިސްލާހަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ފަނޑިޔާރުން އައްޔަން ކުރަން ޖެހެއެވެ. އެހެން ނަމަވެސް، ގާނޫނަށް އަމަލުކުރަން ފެށިތާ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހަށް ތިން މަސް ދުވަސް ފުރުނު އިރު ވެސް، ފަނޑިޔާރުން އައްޔަން ކޮށްފައެއް ނުވެއެވެ. ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅައި ދިޔަތާ ވެސް މިހާރު ވަނީ ތިން މަހަށް ވުރެ ގިނަ ދުވަސްވެފައެވެ.

ހައިކޯޓަށް ފަނޑިޔާރުން އައްޔަންކުރުން ޖޭއެސްސީގެ އެޖެންޑާގައި ހިމަނާފައިވާއިރު، އެ ކޯޓަށް ފަނޑިޔާރުން އައްޔަން ނުކުރެވިގެން އުޅެނީ ޖޭއެސްސީގެ މެންބަރުންގެ ބައްދަލުވުމުގެ ކޯރަމް ހަމަނުވެގެން ކަމަށް މައުލޫމާތު ލިބެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް