ކ. މާލެ
|
19 ޖެނުއަރީ 2018 | ހުކުރު 20:18
މިއަދު ހަވީރު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ބައެއް މީހުން ޝުއޫރު ފާޅުކުރަނީ:- ފޮޓޯ--ރާއްޖެއެމްވީ
މިއަދު ހަވީރު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ބައެއް މީހުން ޝުއޫރު ފާޅުކުރަނީ:- ފޮޓޯ--ރާއްޖެއެމްވީ
މުހައްމަދު ޝަރުހާން
އިދިކޮޅު ގުޅިފައިވާ ޕާޓީތައް
ގާސިމްގެ ރިސޯޓުތަކަށް ފުލުހުން އަރަމުންދާތީ އިދިކޮޅު ފަރާތްތަކުން މުޒާހަރާކޮށްފި
މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ގާސިމްގެ ރިސޯޓުތަކަށް ފުލުހުން އަރަނީ ސިޔާސީ ބޭނުމެއްގައި ކަމަށް
ފުލުހުން ވަނީ މުޒާހަރާއަށް ހުރަސް އަޅާފައި

މާމިގިލީ ދާއިރާގެ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ރިސޯޓުތަކަށް ފުލުހުން އަރައިގެން ހިންގާ ކަންކަމާ ދެކޮޅަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން މުޒާހަރާކޮށްފި އެވެ.

ހުކުރު ދުވަހުގެ ހަވީރު އެމްޑީޕީގެ ހަރުގެ ކުރިމަތީ ފެށި މި މުޒާހަރާގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ އިސްބޭފުޅުންނާއި އާންމު މީހުން ބައިވެރިވެ އަޑު އުފުލާފައިވެ އެވެ.

މި މުޒާހަރާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވަނީ ރައީސް އަބްދުﷲ ޔާމިންގެ އެކައުންޓަށް ހަލާލުނޫން ގޮތުގައި ވަދެފައިވާ ފައިސާ ރައްޔިތުންނާ ހަވާލު ކުރުމަށް ގޮވާލާފަ އެވެ. އަދި ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ރިސޯޓްތަކަށް ކަސްޓަމްސްއާއި ފުލުހުންނާއި މީރާއިން ގުޅިގެން އެރުމަކީ ވިޔަފާރިވެރިންނަށް ދިން އިންޒާރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަނިޔާވެރިންކަން އިންތިހާއަށް ބޮޑުވެ ވައްކަމާއި ފޭރުން އާންމުވެއްޖެ ކަމަށް ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ވެރިކަން ބަދަލުކޮށްފައިނޫނީ އެ ބޭފުޅުންގެ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށެވެ.

މި މުޒާހަރާގެ ތެރޭގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފު ވިދާޅުވީ އެނާ ކޮންމެ މުވައްސަސާއެއްގައި މަސައްކަތްކުރާ މީހަކަށްވީ ނަމަވެސް އެމީހަކު ބުނާ އެއްޗަކުން ވަޒީފާ ގެއްލޭ ހިސާބަށް ގައުމުގެ ހާލަތަށް ގައުމު ގޮސްފައިވާ ކަމަށެވެ. އަދި އޭނާ ވަނީ ނައިބު ރައީސް އަބްދުﷲ ޖިހާދަށް ވެރިކަން ހަވާލުކުރުމަށް ރައީސް އަބްދުﷲ ޔާމިނަށް ގޮވާލައްވާފަ އެވެ.

މުޒާހަރާގެ ބައިވެރިން މަޖީދީމަގުގައި ބޯޑުތައް ހިފައިގެން:- މުޒާހަރާއަށް ފުލުހުން ވަނީ ހުރަސްއަޅާފައި-

މި މުޒާހަރާގައި ވާހަކަ ދައްކަވަމުން ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވެސް ވަނީ ގާސިމްގެ ރިސޯޓުތަކަށް ފުލުހުން އަރައިގެން ހިންގާ ކަންތައްތަކަކީ ރިޔާސީ އިންތިހާބާ ދިމާކޮށް ސަރުކާރުން ހިންގާ ކަންތައްތަކެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެ ބަދަލުގައި ރިޔާސީ އިންތިހާބުގައި އެންމެން އެއްކޮން ތިބެ ރައީސް  ޔާމިނަށް އޭގެ ނަތީޖާ ދައްކާލަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު މުހައްމަދު ލަތީފު ވިދާޅުވީ މި ސަރުކާރު ވޯޓުން ބަދަލުކުރާނެ ކަމަށާއި އެކަމާމެދު އެއްވެސް ޝައްކެތް ނުކުރައްވާ ކަމަށެވެ. އަދި ވައްކަމާއި ފަސާދައަށް މި ގައުމުގައި ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމިންގެ ދެ ކަނބަލުންނަށް ވަރަށް ބޮޑަށް ވަނީ ފާޑު ވިދާޅުވެފަ އެވެ.

މުޒާހަރާއަށް ހުރަސްއެޅުމަށް ފުލުހުން އެމްޑީޕީގެ ހަރުގެ ކުރިމަތީ އެތުރިގެން:-ފޮޓޯ-މުހައްމަދު ޝަރުހާން 

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ގާސިމްގެ ރިސޯޓުތަކަށް ފުލުހުން އަރައިގެން ހިންގާ ކަންކަމަކީ ގާސިމްގެ ވިޔަފާރީ ފޭރިގަތުމަށް ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ހުއްޓުމެއް ނެތި އަޑު އުފުލާނެ ކަމަށާއި ގާސިމް އިބްރާހިމް ވެސް އަދި އިދިކޮޅު އެއްވެސް ލީޑަރަކު އޭގެ ސަބަބުން ފަހަތައް ނުޖެއްސޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މުޒާހަރާގެ ބައިވެރިން އެމްޑީޕީގެ ހަރުގެ ކުރިމަތީގައި ތިބިއިރު އެ ތަނުން އެހެން ސަރައްހައްދަށް ދިއުމަށް ފުލުހުން ހުރަސްއެޅި އެވެ. އެހެން ހުކުރު ދުވަސްތަކުގައި އެމްޑީޕީގެ ހަރުގެ ކުރިމަތީ ކުރިއަށް ގެންދާ ސައިގެ ހަރަކާތައް ގެންނަ ތަކެތި ފުލުހުން ގެންދިޔަ ނަމަވެސް މި ހުކުރުގައި އެތަކެތި ނުގެންދެ އެވެ. ނަމަވެސް މި ހުކުރުގައިވެސް އެއް މޭޒު ބަހައްޓާފައި ހުރީ އެމްޑީޕީގެ ހަރުގެ ކުރިމަތީގައި އޮންނަ ޕޭވްމަންޓްގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
19 ޖެނުއަރީ 2018 | ހުކުރު 20:48
Choppe
Yaameen moyaveetha balivaa theedhow