ކ. މާލެ
|
19 ޖެނުއަރީ 2018 | ހުކުރު 15:14
އިސްލާމީ މަރުކަޒު
އިސްލާމީ މަރުކަޒު
ރާއްޖެ އެމްވީ
ހުކުރު ޚުތުބާ
މުޖުތަމައުގައި ނުކުރެވި ހުރި ކަންތައްތަކަށް ޒަކާތު ފައިސާ ބޭނުންކުރެވޭނެ: ޚުތުބާ
ހުކުރު ޚުތުބާގެ މައުޟޫއަކީ "ޒަކާތް ނެރުމުގެ މުހިއްމުކަން"

މުޖުތަމައުގައި ނުކުރެވި ހުރި ކަންތައްތައް ކުރުމަށް ޒަކާތު ފައިސާ ބޭނުންކުރެވޭނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ހުކުރު ޚުތުބާގެ މައުޟޫއަކީ "ޒަކާތް ނެރުމުގެ މުހިއްމުކަން" އެވެ.

މިއަދުގެ ހުކުރު ޚުތުބާގައު ބުނެފައި ވަނީ ޒަކާތުގެ ބެހެނިވެރިންނަށް އެއިން ބޭނުން ކުރެވޭނެ ކަމަށެވެ. އެގޮތުން މީހުންގެ ބޭނުން ފުއްދުމާއި މުޖުތަމައުގައި ނުކުރެވި ހުރި ކަންކަން ކުރުމަށް ބޭނުން ކުރެވޭނެ ކަމަށެވެ.

"ޒަކާތް ނެރުމުގެ ސަބަބުން ޒަކާތުގެ ބެހެނިވެރިންނަށް އެމުދަލުގެ ބޭނުން ހިފެވެއެވެ. އޭގެ ތެރޭގައި ޙާޖަތްތެރިންގެ ޙާޖަތްތައް ފުރުމާއި، ބޭނުންޖެހިފައި ތިބި މީހުންގެ ބޭނުންތައް ފުދުމާއި، މުޖުތަމައުގައި ނުކުރެވި ހުރި ބައެއް ކަންތައްތައް ކުރުމަށް އެހީތެރިވުމާއި މިފަދަ އެތައް ކަމެއް ޒަކާތުގެ މުދަލުން ފުއްދައިދެވެއެވެ،" ޚުތުބާގައި ވެއެވެ. 

އެކަންކަން ފުދިގެން ނުދަނީ ޒަކާތް ވާޖިބުވާ މީހުން ޒަކާތް ނުދައްކާތީ ކަމަށް އިހުގެ އިލްމުވެރިން ވިދާޅުވެފައިވާ ކަމަށް ޚުތުބާގައިވެއެވެ.

ޚުތުބާގައި ބުނެފައިވަނީ މުދަލުގެ ޒަކާތް ދެއްކުމުން މީހާގެ ރިޒްގު ތަނަވަސްވެ ތިޔާގިކަން އިތުރުވާ ކަމަށެވެ. 

ޚުތުބާގައި ބުނެފައި ވަނީ ކޮންމެ މީހެއްގެ ވެސް މުދަލުގައި ނުވަތަ އެކައުންޓުގައި ނިޞާބު ހަމަވާ ވަރަށް ފައިސާ ހުރެ އެއް އަހަރު ވުމުން އެމީހެއްގެ މައްޗަށް ޒަކާތް ދިނުން ވާޖިބުވާނެ ކަމަށެވެ. އެހެންކަމުން އެ މުދަލުގެ ސާޅީސް ބައިކުޅަ އެއްބައި މުދަލުގެ ޒަކާތުގެ ގޮތުގައި ޒަކާތް ބަލައިގަންނަ ފަރާތަށް ދެއްކުމުން އޭނާގެ ފަރުޟު އަދާކުރެވުނީއެވެ.

"މުސްލިމު އަޚުންނޭވެ! ތިޔަބައިމީހުން ތިޔަބައިމީހުންގެ މއްޗަށް ފަރުޟު ކުރެވިފައިވާ މުދަލުގެ ޒަކާތް ނެރެފި ނަމަ ބަނޑުހައި ހޫނުކަން ތަހައްމަލު ކުރަންޖެހޭ މީހުން މަދުވާނެއެވެ. ތިޔަބައި މީހުން ތިޔަބައިމީހުންގެ ޒަކާތް ނެރެފި ނަމަ، މުއްސަނދިންނަށް ނުނިއަތްލާނެ މިސްކީނުން މަދުވާނެއެވެ. ތިޔަ ބައިމީހުން ތިޔަބައިމީހުންގެ ޒަކާތް ނެރޭ ނަމަ ތިޔަބައިމީހުންގެ ހާލު ރަނގަޅުކުރައްވައި ތަނަވަސްކަން އިތުރު ކުރައްވާނެތެވެ،" ޚުތުބާގައި ބުނެފައިވެއެވެ.

ކީރިތި ރަސޫލާ(ސ) ބަސްފުޅުން އެނގޭ ގޮތުގައި ޒަކާތް ނުދައްކާ ފޮރުވާފައި ހުރި މުދާތައް ގިޔާމަތްދުވަހު އަލިފާނުން ދޮންކުރެވި އޭނާގެ ތަންތަނުގައި ޖެއްސޭނެ ކަމަށް ރަސޫލާގެ ހަދީސްފުޅުން ސާބިތުވާ ކަމަށް ބުނެފައިވެއެވެ. ދަހިވެތި ކަމަކީ ސުންޕާ ކަމެއް ކަމަށާއި އެކަމުގެ ނުބައިކަމުގެ ސަބަބުން އެކަމަށް ރައްކާތެރިކޮށްދެއްވުމަށް އެދިވަޑައިގެން ރަސޫލާ (ސ) ﷲ އަށް އަބަދު ވެސް ދުއާ ދެންނެވި ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް