ކ. މާލެ
|
19 ޖެނުއަރީ 2018 | ހުކުރު 14:25
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
އަޒުމޫން އަހުމަދު
ޤައުމީ ޔުނިވަރސިޓީ
ޤައުމީ ޔުނިވަރސިޓީގެ ބައެއް ކޯސްތަކުގެ ޖާގަ އިތުރުކޮށްފި
300 އަށް ވުރެ ގިނަ ޖާގަ ވަނީ އިތުރުކޮށްފައި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިޢުލާންކުރި 30 ކޯހަކަށް، ކަނޑައަޅާފައިވާ ޖާގައަށް ވުރެ އިތުރަށް އެޕްލިކޭޝަން ލިބިފައި ވާތީ، އެ ކޯސްތަކަށް ކުދިން ނެގުމަށް 300 އަށްވުރެ ގިނަ ޖާގަ އިތުރުކޮށްފިއެވެ.

އެ ޔުނިވާސިޓީން ބުރާސްފަތިދުވަހު މީޑިއާތަކަށް ފޮނުވާފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެންމެ ގިނަ ޖާގަ އިތުރުކުރެވިފައި ވަނީ ނަރސިންގ ދާއިރާގެ ޕްރޮގްރާމުތަކަށާއި ފައުންޑޭޝަން އަދި ބިޒްނަސް ދާއިރާގެ ކޯސްތަކަށް ކަމަށެވެ.

މުއްދަތު އިތުރުކޮށްފައި ވަނީ ކިހާ މުއްދަތަކަށް ކަމެއް ޔުނިވާސިޓީން ހާމަކޮށްފައެއް ނުވެއެވެ.

ޔުނިވާސިޓީން ބުނީ މި ޖެނުއަވަރީ މަހު އޯލެވެލް އަދި އޭލެވެލް ނަތީޖާ ލިބޭ ފަރާތްތަކަށް ޖާގަހުރި ކޯސްތަކުން ފުރުސަތު ފަހިކުރުމުގެ މަޤްޞަދުގައި ޔުނިވަރިސިޓީން ޚާއްޞަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން، އޯލެވެލް އިމްތިހާނުގެ ނަތީޖާ ލިބުނު ފަރާތްތަކަށް އަމާޒުކޮށްގެން އެޕްލިކޭޝަން ފޯމްތައް ބަލައިގަތުމާއި ކެރިއަރ ގައިޑަންސް ދިނުމުގެ ޚާއްޞަ ހަރަކާތެއް ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާގެ ގޯތި ތެރޭގައި ކުރިއަށް ގެންދާނެ ކަމަށެވެ. މި ހަރަކާތުގައި، ޖާގަ ހުރި ކޯސްތަކަށް ފޯމު ބަލައިގަނެ، ޝަރުތު ފުރިހަމަވާ ދަރިވަރުންނަށް ކޯހަށް ހޮވުނުކަމުގެ ލިޔުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭލެވެލް ނަތީޖާ ލިބޭ ފަރާތްތަކަށް އަމާޒުކޮށް ހަމަ މިފަދަ އެހެން ހަރަކާތެއް، 27 ޖެނުއަރީގައި ކުރިއަށްގެންދިއުމަށް ވެސް ޔުނިވަރސިޓީން ވަނީ ރާވާފައެވެ.

މި އަހަރަށް ޤައުމީ ޔުނިވަރސިޓީން ހުޅުވާލި ކޯސްތަކަށް އެދި މިހާތަނަށް 4،479 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. އޭގެ ތެރެއިން ޝަރުތު ފުރިހަމަވާ 2،853 ފަރާތަކަށް ކޯސްތަކުން ވަނީ ޖާގަ ދީފައެވެ. ޤައުމީ ޔުނިވަރސިޓީގެ ކޯސްތަކަށް މިއަހަރު އަލަށް ވަންނަ ދަރިވަރުން ރަޖިސްޓްރީކުރުމާއި އޮރިއެންޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވުން 21 ޖަނަވަރީން ފެށިގެން ކުރިއަށްދާނެއެވެ. ކޯސްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ 28 ޖަނަވަރީގައެވެ. މިހާރު ވެސް ކިޔަވަމުންގެންދާ 7070 ދަރިވަރުންނާ އެކު މި ޓަރމްގައި ގާތްގަނޑަކަށް 9،000 ދަރިވަރުން  ޔުނިވަރސިޓިގައި ކިޔަވަމުންދާނެ ކަމަށް ޔުނިވާސިޓީން ބުނެއެވެ.

ޔުނިވާސިޓީން ހުޅުވައިލި ބައެއް ކޯސްތަކަށް އެކަށީގެންވާ ވަރަށް ކުރިމަތިނުލާތީ ބައެއް ކޯސްތައް މެދުކެނޑިގެންދާނެ ކަމަށް ޔުނިވާސިޓީން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ރަށްރަށުގެ ކެމްޕަސްތަކުގައި ހިންގާ ކޯސްތައް ހިމެނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް