ކ. މާލެ
|
19 ޖެނުއަރީ 2018 | ހުކުރު 13:39
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު
އެފްއޭއެމް
ފީފާ ރޭންކިން
ފީފާ ރޭންކިން: ފަސް ދަރަޖައިގެ ކުރިއެރުމެއް ރާއްޖެއިން ހޯދިއިރު ޖަރުމަނުން އެއްވަނަ ދިފާއުކޮށްފި
ރާއްޖެއަށް މިފަހަރު ލިބިފައި ވަނީ ފަސް ދަރަޖައިގެ ކުރިއެރުމަކާ އެކު 150 ވަނަ
ސަރަހައްދުގެ އެއްވަނަ އިންޑިއާއަށް ލިބުނީ 102 ވަނައިގައި ރޭންކް ކުރެވިގެން
ރޭންކިންއަށް މާ ބޮޑު ބަދަލުތަކެއް އައިސްފައެއް ނުވޭ

މިއަހަރު ނެރުނު އެންމެ ފުރަތަމަ ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް ލިބުނުއިރު ޖަރުމަނުން އެއްވަނަ މަގާމު ދިފާއުކޮށްފިއެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ އިން ކޮންމެ މަހަކު އެއްފަހަރު ނެރޭ ރޭންކިންގައި ރާއްޖެއަށް މިފަހަރު ލިބިފައި ވަނީ ފަސް ދަރަޖައިގެ ކުރިއެރުމަކާއެކު 150 ވަނައެވެ. މި ސަރަހައްދުގެ އެއްވަނަ މިފަހަރު ވެސް އަވަށްޓެރި އިންޑިއާ އިން ހޯދިއިރު ސާކްގެ ގައުމުތަކުގެ ތެރެއިން އެންމެ ދަށުން ރޭންކް ކުރެވިފައި ވަނީ ޕާކިސްތާނެވެ. އެގޮތުން 102 ވަނައިގައި އިންޑިއާ ރޭންކް ކުރެވުނުއިރު ޕާކިސްތާން ރޭންކް ކުރެވިފައި ވަނީ 201 ވަނައިގައެވެ. އަފްޣާނިސްތާނަށް 148 ވަނަ ލިބޭއިރު 165 އަދި 188 ގައި ރޭންކް ކުރެވިފައި ވަނީ ނޭޕާލް އާއި ބޫޓާނެވެ. އަދި 197 ވަނައިގައި ބަންގްލަދޭޝް އޮތްއިރު 200 ވަނައިގައި އޮތީ ސްރީ ލަންކާއެވެ.

ފީފާ ރޭންކިންގެ އެއްވަނަ ޖަރުމަނުން ދިފާއުކުރި އިރު އެ ޓީމަށް ލިބިފައި ވަނީ 1602 ޕޮއިންޓެވެ. ރޭންކިން އަށް މިފަހަރު ބަދަލު އައިސްފައި ނުވަނީ ޓީމުތަކުން ބައިނަލްއަގްވާމީ މެޗުތައް ކުޅެފައި ނުވާތީއެވެ. ރޭންކިންގެ ދެ ވަނައިން ފެށިގެން 14 ވަނަ އާއި ހަމަޔަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

ދެވަނައިގައި ބްރެޒިލް އޮތްއިރު ތިންވަނައިގައި އޮތީ ޕޯޗުގަލްއެވެ. ހަތަރުވަނައިގައި އާޖެންޓީނާ އޮތްއިރު ފަސްވަނައިގައި އޮތީ ބެލްޖިއަމްއެވެ. އެ ޓީމުގެ ފަހަތުން ހަވަނަ ސްޕެއިންއަށް ލިބޭއިރު ހަތްވަނައިގައި އޮތީ ޕޮލެންޑްއެވެ. އަށްވަނައިގައި ސްވިޓްޒަލޭންޑް އޮތްއިރު ނުވަ ވަނައިގައި އޮތީ ފްރާންސްއެވެ. އަދި ރޭންކިންގެ ދިހަ ވަނައިގައި އޮތީ ޗިލީއެވެ.

އެފްރިކާ ބައްރުގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކް ކުރެވިފައި ވަނީ 23 ވަނަ ލިބުނު ޓިއުނީޝިއާއެވެ. އުތުރު އެމެރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކުރެވިފައި ވަނީ 17 ވަނައިގަ އޮތް މެކްސިކޯއެވެ. ހަމައެހެންމެ ދެކުނު އެމެރިކާގެ އެންމެ މަތީ ރޭންކިން ދެވަނައިގައި އޮތް ބްރެޒިލްއަށް ލިބޭއިރު އޭޝިއާގެ އެންމެ މަތީގައި ރޭންކް ކުރެވިފައި ވަނީ 34 ވަނައިގައި ރޭންކް ކުރެވިފައިވާ އީރާންއެވެ. އޯޝޭނިއާގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކް ކުރެވިފައިވަނީ 120 ވަނައިގައި ރޭންކް ކުރެވިފައި އޮތް ނިއުޒިލޭންޑެވެ.

މިފަހަރުގެ ރޭންކިންގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދީ މެދު އިރުމަތީގެ ގައުމެއް ކަމަށްވާ ކުވެއިތެވެ. އެ ޓީމުން 15 ދަރަޖައިގެ ކުރިއެރުމެއް ހޯދިއިރު 32 ދަރަޖައިގެ ވެއްޓުމަކާއެކު އެންމެ ބޮޑު ވެއްޓުމެއް މިފަހަރު ލިބިފައިވަނީ ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ސުރިނާމްއެވެ.

ފީފާ ރޭންކިން ދެން ޝާއިއުކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް