ކ. މާލެ
|
19 ޖެނުއަރީ 2018 | ހުކުރު 07:39
މެޗު ނިމެން މިނިޓަކަށް ވެފައިވަނިކޮށް ރެއާލް މޮޅުކޮށްދިން ލަނޑު ޖެހުމަށް ފަހު އަސެންސިއޯ އުފާ ފާޅުކުރަނީ
މެޗު ނިމެން މިނިޓަކަށް ވެފައިވަނިކޮށް ރެއާލް މޮޅުކޮށްދިން ލަނޑު ޖެހުމަށް ފަހު އަސެންސިއޯ އުފާ ފާޅުކުރަނީ
ރޮއިޓަރސް
ސްޕެނިޝް ކޮޕާ ޑެލްރޭ
އުނދަގޫ މޮޅަކާ އެކު ކޮޕަ ޑެލް ރޭގެ ސެމީ ފައިނަލާއި ގާތަށް ރެއާލް ޖެހިލައިފި
ރެއާލް އިން ލަނޑު ޖެހީ މެޗު ނިމެން މިނިޓަކަށް ވެފައިވަނިކޮށް
މި ދެ ޓީމް ރެއާލްގެ ދަނޑުގައި ބައްދަލުކުރާ ދެވަނަ ލެގު ކުޅޭނީ އަންނަ ބުދަ ދުވަހުގެރޭ

މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ލެގާނޭސްގެ މައްޗަށް ކުރިހޯދައި، ސްޕެނިޝް ކޮޕަ ޑެލް ރޭގެ ސެމީ ފައިނަލާ ގާތަށް ރެއާލް މެޑްރިޑް ޖެހިލައިފިއެވެ.

ސްޕެނިޝް ކޮޕަ ޑެލް ރޭގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގައި ބުރާސްފަތި ދުވަހުގެރޭ ލެގާނޭސްގެ މައްޗަށް ރެއާލް މެޑްރިޑް ކުރި ހޯދީ އެއް ލަނޑު ސުން ލަނޑުންނެވެ.

ލެގާނޭސްގެ ދަނޑުގައި ކުޅުނު މިމެޗަށް ރެއާލް ނިކުތީ ފުރަތަމަ އެގާރައަށް ބޮޑެތި ބަދަލުތަކެއް ގެނެސް މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުލައެވެ. ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އަރާމު ކުރުމުގެ ފުރުޞަތު ދީފައިވާއިރު، އަނިޔާގެ ސަބަބުން ގެރެތު ބޭލް، މާސެލޯ އަދި ކަރިމް ބެންޒޭމާ މިމެޗަށް ނިކުމެފައެއް ނުވެއެވެ. ބެންޒޭމާގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާ ކަމަށް އެކްލަބުން ބުނެއެވެ.

މިމެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ރެއާލް އިންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ރެއާލް އިން ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކޮށް، ލެގާނޭސްގެ ގޯލަށް ނުރައްކާ ކުރި ނަމަވެސް، ފުރަތަމަ ހާފް ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ފުރަތަމަ ހާފްގައި ރެއާލްގެ ރަފައެލް ވަރާން އަށް ލަނޑު ޖަހަން ލިބުނު ފުރުޞަތުގައި އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލްގެ ދަނޑި މަތިންނެވެ. މީގެ އިތުރުން ހުސްކޮށް ހުރެ މެޓިއޯ ކޮވަސިޗް ފޮނުވާލި ހަމަލާ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ.

ސްޕެނިޝް ލީގުގެ 13 ވަނައިގައިވާ ލެގާނޭސް އިން މިމެޗުގެ ފުރަތަމަ ހާފްގައި ލީޑު ނެގުމާއި ގާތަށް ދިޔައެވެ. ލެގާނޭސްގެ ކުޅުންތެރިން އުފެއްދި ހަމަލައެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި ރެއާލްގެ ޑިފެންޑަރު މާކޯސް ލޮރެންޓޭ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ މަތީ ދަނޑިއަށެވެ.

މީގެ އިތުރުން ވޮޓްފޯޑް އިން ލޯނު އެއްބަސްވުމެއްގެ ދަށުން ލެގާނޭސް އަށް ކުޅެމުން އަންނަ ނޯޑިން އަމްރަބަޓް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް، ރެއާލްގެ ގޯލްކީޕަރު ކިކޯ ކަސީއާ ވަނީ ދިފާއުކޮށްފައެވެ.

މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗު ނިމެން މިނިޓަކަށް ވެފައިވަނިކޮށް ރެއާލް އަށް ޖަހައިދިނީ މާކޯ އަސެންސިއޯއެވެ. މިލަނޑަކީ ރެއާލްގެ ތިއޯ ހެނާންޑޭޒް ނަގައިދިން ހުރަހަކުން، އަސެންސިއޯ ޖެހި ލަނޑެކެވެ. މިއީ އެންމެ ފަހުން ކުޅުނު 11 މެޗުގައި އަސެންސިއޯ ޖެހި ފުރަތަމަ ލަނޑެވެ.

ސްޕެނިޝް ކޮޕަ ޑެލް ރޭގެ ކުއާޓަރ ފައިނަލްގައި މިދެޓީމް ބައްދަލުކުރާ ދެވަނަ ލެގު ކުޅޭނީ އަންނަ ބުދަ ދުވަހުގެރޭ ރެއާލްގެ ދަނޑުގައެވެ. މިމުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ކަށަވަރުވާނީ، ދެލެގުގެ އެގްރިގޭޓުން ކުރި ލިބޭ ޓީމަކަށެވެ.

ފްރާންސްގެ ލެޖެންޑް ޒައިނުއްދީން ޒިދާންގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރުގެ ޔުއޭފާ ޗެމްޕިއަންސް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރި ރެއާލް މެޑްރިޑް، މިސީޒަނުގައި ސްޕެނިޝް ލީގުގައި ނެރެފައިވަނީ ދަށް ނަތީޖާތަކެކެވެ. ލީގުގައި 18 މެޗު ކުޅެގެން 32 ޕޮއިންޓާއެކު ރެއާލް އޮތީ ލީގު ތާވަލްގެ ހަތަރުވަނާގައެވެ. ރެއާލް މެޑްރިޑާއި ލީގު ތާވަލްގެ ކުރީގައިވާ ވާދަވެރި ބާސެލޯނާއާ ދެމެދު 19 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ކޮޕަ ޑެލް ރޭގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގައި ލެގާނޭސް އަތުން ހޯދި މޮޅަކީ، ހުރިހާ މުބާރާތްތަކެއްގައި ރެއާލް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވި ހަމައެކަނި މެޗެވެ.

ސްޕެނިޝް ކޮޕަ ޑެލް ރޭގެ ކުއާޓަރ ފައިނަލް ހަތަރު މެޗުގެ ފުރަތަމަ ލެގުގެ ކުޅުން ނިމިފައިވާއިރު، ބުދަ ދުވަހުގެރޭ ބާސެލޯނާ ވަނީ ރަށުން ބޭރުގައި އެސްޕަނިޔޯލް އަތުން އެއް ލަނޑު ސުން ލަނޑުން ބަލިވެފައެވެ. އަމިއްލަ ދަނޑުގައި ސެވިއްޔާ އަތުން ދެ ލަނޑު އެއް ލަނޑުން އެތުލެޓިކޯ މެޑްރިޑް ބަލިވިއިރު، އަލާވޭސްގެ މައްޗަށް އަމިއްލަ ދަނޑުގައި ވެލެންސިއާ ކުރި ހޯދީ ހަމަ މިނަތީޖާއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް