ކ. މާލެ
|
18 ޖެނުއަރީ 2018 | ބުރާސްފަތި 18:49
ޖެންޑަރ މިނިސްޓަރ އައިމިނަތު ޒެނީޝާ ޝަހީދު ޒަކީ
ޖެންޑަރ މިނިސްޓަރ އައިމިނަތު ޒެނީޝާ ޝަހީދު ޒަކީ
އަލީ ޔޫސުފް
ޖެންޑަރ މިނިސްޓްރީ
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ގެވެށި އަނިޔާގެ މައްސަލަ އާއި އާއިލީ މައްސަލަ: ޖެންޑަރ މިނިސްޓްރީ
އާއިލީ މައްސަލަ އާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 38 މައްސަލަ މިނިސްޓްރީ އަށް ހުށަހަޅާފައިވޭ
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޖުމްލަ 203 މައްސަލައަކަށް މިނިސްޓްރީން އެޓެންޑުކޮށްފައިވޭ

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަ އާއި އާއިލީ މައްސަލަތައް ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީ އިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ޖެންޑަރ މިނިސްޓްރީ އިން ނެރުނު ނޫސްބަޔާނުގައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އާއިލީ މައްސަލަ އާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 38 މައްސަލަ މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލު ނުކުރެވޭ 20 މައްސަލަ، ކުދިން ބެލުމުގައި ދިމާވާ 11 މައްސަލަ، އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ 7 މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ތެރޭގައި ގިނައިން ރިޕޯޓުކޮށްފައިވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ. މި ގޮތުން ޖިސްމާނީ އަނިޔާކުރުމުގެ 20 މައްސަލަ އާއި ޖިންސީ ހާނިއްކައިގެ 29 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓު ކޮށްފައިވެއެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރޭގައި ނަފްސާނީ އަނިޔާ ކުރުން ނުވަތަ އަނގަ ބަހުން ކުރެވޭ އަނިޔާގެ 9 މައްސަލަ، ބާރާއި ނުފޫޒު ފޯރުވުމުގެ 6 މައްސަލަ، ބިރު ދެއްކުމަށް ކުރާ އެކި ކަންކަމުގެ 1 މައްސަލަ، މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ 1 މައްސަލަ، އަދި ފާރަލުމުގެ 1 މައްސަލަ ހިމެނެއެވެ.

މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނަށް ކުރާ ޖިސްމާނީ ހާނީއްކައިގެ 27 މައްސަލަ، އިހުމާލުވުމުގެ 13 މައްސަލަ، ނަފްސާނީ ހާނީއްކައިގެ 10 މައްސަލަ، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 5 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގޯނާ ލިބުމުގެ ނުވަތަ ސައިބަރ ބުލީންގގެ ޝިކާރައަކަށްވުމުގެ 2 މައްސަލަ އަދި ކުދިންގެ ނާޖާއިޒު ފައިދާ ނެގުމުގެ 1 މައްސަލަ ހިމެނޭ ކަމަށް ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 10 މައްސަލަ މިނިސްޓްރީ އަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުށަހަޅާފައިވާއިރު މި ފަދަ މައްސަލަތަކުގެ ތެރޭގައި ވައްކަން ކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތައް ހިމެނެއެވެ. އަދި ކުޑަކުދިންގެ އަހުލާގީ މައްސަލަތަކުގެ ތެރޭގައި ގެއިން ނިކުމެގެން ދިޔުމުގެ 5 މައްސަލަ، ރުޅި އިސްކުރުން ނުވަތަ ރުޅިގަދަވެގެން އުޅުމުގެ 1 މައްސަލަ، އަދި ސްކޫލަށް ދާން ބޭނުން ނުވުމުގެ 1 މައްސަލަ ހިމެނެއެވެ.

ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ ޖުމްލަ 8 މައްސަލައެއް ވެސް ވަނީ މިނިސްޓްރީ އަށް ހުށަހަޅާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 6 މައްސަލައެއް ހުށަހަޅާފައިވާއިރު އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ 1 މައްސަލަ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މިނިސްޓްރީ އަށް ރިޕޯޓު ކޮށްފައިވެއެވެ.

 

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޖުމްލަ 203 މައްސަލައަކަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން ވަނީ އެޓެންޑް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް