ކ. މާލެ
|
18 ޖެނުއަރީ 2018 | ބުރާސްފަތި 14:32
ނޭމާ މި މެޗުގައި ހަތަރު ލަނޑު ޖެހި
ނޭމާ މި މެޗުގައި ހަތަރު ލަނޑު ޖެހި
ގެޓީ އިމޭޖަސް
ފްރެންޗް ލީގު
ފްރެންޗް ލީގު: ޕީއެސްޖީ އިން ޑީޖޮން ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލައިފި
ޑީޖޮންއާ ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 8-0 އިން
ނީސްއާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރުވެ މޮނާކޯ ވަނީ ތާވަލުގެ ހަތަރު ވަނައަށް ވެއްޓިފައި
ރަށުން ބޭރުގައި 2-0 އިން ގެއިންގެމްޕް ބަލިކޮށް ލިޔޯން ވަނީ ތާވަލުގެ ދެވަނައަށް ޖެހިލާފައި

ފްރެންޗް ލީގުގައި ޕީއެސްޖީ އިން ޑީޖޮންއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ޕީއެސްޖީއިން ކާމިޔާބުކޮށްފައި ވަނީ 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި އެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި އެ ޓީމަށް ބަދަލުވި ނޭމާ ވަނީ އަނިޔާ އިން އެނބުރި އައިސް މި މެޗުގައި ހަތަރު ލަނޑު ޖަހާފައެވެ. މިދިޔަ އާދިއްތަ ދުވަހު 1-0 ގެ ނަތީޖާއަކުން ނަންޓޭސް އަތުން ޕީއެސްޖީ މޮޅުވި މެޗުގައި އެ ޓީމުގެ ފުރަތަމަ އެގާރައަށް ކުޅުނު ފަސް ކުޅުންތެރިޔަކު މި މެޗުގައި ކުޅެފައެއް ނުވެއެވެ.

ފުރަތަމަ ހާފު ފެށިގެން ހަތަރު މިނެޓު ނުވަނީސް ޕީއެސްޖީއަށް ލީޑު ނަގައިދިނީ އާޖެންޓީނާގެ ވިންގަރ އެންހެލް ޑިމަރިއާއެވެ. ޕީއެސްޖީގެ ދެވަނަ ލަނޑު މެޗުގެ 15 ވަނަ މިނެޓުގައި ނޭމާ ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ޖަހައިދިނީ ވެސް ޑިމަރިއާއެވެ. އެ ޓީމުގެ ތިންވަނަ ލަނޑު އެޑިންސަން ކަވާނީ ޖެހިއިރު މި ލަނޑު ޖެހުމަށް އެހީތެރިވެދިނީ ޑިމަރިއާއެވެ. ޕީއެސްޖީގެ ހަތަރުވަނަ ލަނޑު މެޗުގެ 42 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ޖަހައިދިނީ ނޭމާއެވެ.

ހަތަރު ލަނޑުގެ ލީޑެއްގައި އޮވެ ޕީއެސްޖީއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ހަތަރު ލަނޑު ޖަހާފައެވެ. މެޗުގެ 57 ވަނަ މިނެޓުގައި ނޭމާ އޭނާގެ ދެވަނަ ލަނޑު ޖެހިއިރު އޭނާވަނީ މެޗުގެ 73 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ހެޓްރިކް ފުރިހަމަކޮށްފައެވެ. އޭގެ ހަތަރު މިނެޓު ފަހުން ކިލިއަން އެމްބާޕޭ ލަނޑެއް ޖަހައިދީ ޕީއެސްޖީގެ ހަތްވަނަ ލަނޑު ޖަހައިދިންއިރު އެ ޓީމުގެ އަށްވަނަ ލަނޑު 83 ވަނަ މިނެޓުގައި ޖަހައިދިނީ ނޭމާއެވެ.

މި މެޗުގައި ޖެހި ލަނޑާއެކު ކަވާނީ ވަނީ ޕީއެސްޖީއަށް އެންމެ ގިނަ ލަނޑު ޖަހައިދީގެން ޒްލަޓާން އިބްރަހިމޮވިޗް ހަދާފައިވާ ރެކޯޑާ އަރާ ހަމަކޮށްފައެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ ކޮންމެ ކުޅުންތެރިޔަކު 156 ލަނޑު ޖަހައިދީފައެވެ.

ނީސްއާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރުވެ މޮނާކޯ ވަނީ ތާވަލުގެ ހަތަރު ވަނައަށް ވެއްޓިފައެވެ. މި މެޗުގައި މޮނާކޯއިން ޖެހި ލަނޑުތައް ޖަހައިދިނީ އާދަމާ ޑިއާބީ އާއި ރަޑަމެއަލް ފަލްކާއޯއެވެ. ހަމައެހެންމެ ނީސް އިން ޖެހި ދެ ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ މާރިއޯ ބަލޮޓެލީއެވެ.

ރަށުން ބޭރުގައި 2-0 އިން ގެއިންގެމްޕް ބަލިކޮށް ލިޔޯން ވަނީ ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. މި މެޗުގައި ލިޔޯންގެ ލަނޑުތައް ޖަހައިދިނީ ނަބިލް ފެކިރް އަދި ހުސެމް އޯރާއެވެ.

ފްރެންޗް ލީގުގައި މިހާތަނަށް 21 މެޗު ކުޅެފައިވާއިރު 56 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ޕީއެސްޖީއެވެ. ދެވަނައިގައި 45 ޕޮއިންޓާއެކު ލިޔޯން އޮތްއިރު ތިންވަނައިގައި 44 ޕޮއިންޓާއެކު އޮތީ މާސޭއެވެ. ހަމައެހެންމެ މިދިޔަ އަހަރުގެ ޗެމްޕިއަން މޮނާކޯ އޮތީ 43 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް