ކ. މާލެ
|
18 ޖެނުއަރީ 2018 | ބުރާސްފަތި 12:29
ގާސިމް އިބްރާހިމްގެ ޕެރަޑައިސް އައިލެންޑް ރިސޯޓް
ގާސިމް އިބްރާހިމްގެ ޕެރަޑައިސް އައިލެންޑް ރިސޯޓް
މުހައްމަދު ފަޒީން
ވިލާގެ ރިސޯޓްތަކަށް އެރުން
ގާނޫނާ ހިލާފު ކަމެއް ނުކުރަން، ރިސޯޓްތަކަށް އެރީ ބިރު ދައްކަން: ވިލާ
ބުދަ ދުވަހުގެ ރޭ އެރީ ފަސް ރިސޯޓަކަށް
މިއަދު ފުލުހުންނާއި ކަސްޓަމްސް އަދި މީރާއިން ހަރަކާތްތެރި ވަނީ ތިން ރިސޯޓެއްގައި
މިގޮތަށް ރިސޯޓްތަކަށް އެރުމަކީ ޓޫރިޒަމް ދާއިރާގައި ބިރުވެރިކަން އުފެދޭނެ ކަމެއް

ވިލާ ގްރޫޕްގެ އެއްވެސް ރިސޯޓަކުން ގާނޫނާ ހިލާފަށް ކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި ފުލުހުންނާ އެކު ކަސްޓަމްސް އާއި މީރާ އިން ރިސޯޓްތަކަށް އެރީ ބިރު ދެއްކުމަށް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ކްރިމިނަލް ކޯޓް އަމުރެއްގެ ދަށުން ބުދަ ދުވަހުގެ ރޭ ކަސްޓަމްސް އާއި މީރާ އިން ފުލުހުންނާ އެކު ވިލާގެ ހުރިހާ ރިސޯޓްތަކަކަށް ކުއްލި ގޮތަކަށް އެރި މައްސަލައިގައި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ރާއްޖެއެމްވީ އަށް ވިދާޅުވީ "އެއީ ޖެއްސުން ކޮށް، ގާސިމް އިބްރާހިމް އަށް ބިރު ދެެއްކުމަށް ކުރަމުންދާ ކަމެއް" ކަމަށެވެ.

ސަން އައިލެންޑް ރިސޯޓް ފާސްކުރުމަށްޓަކައި ކަސްޓަމްސް އަށް ދީފައިވާ ކޯޓް އަމުރުގައި ބުނެފައި ވަނީ އެ ރިސޯޓް ފާސްކުރަނީ ބޮންޑެޑް ވެއާ ހައުސް އިން ރޯޔަލް އައިލެންޑް ރިސޯޓަށް ގެންދިޔަ ބަނގުރާ، އެ ރިސޯޓާ ގުޅުން ހުރި އެހެން ތަންތަނަށް ގެންދިޔަ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ.

ގައިސަރު ވިދާޅުވީ، ކަސްޓަމްސްއިން ތުހްމަތު އެކުރާ ކަންކަމަކީ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަންކަން ނޫން ކަމަށާއި ރޯޔަލް އައިލެންޑުން އެހެން ރިސޯޓްތަކަށް ބަނގުރާ ގެންގޮސްފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.

"ރާއްޖޭގެ ގާނޫނު އޮންނަ ގޮތުން ވަންޏާ ރާ ވިއްކުމުގެ ހުއްދަ އޮންނަ އެއްތަނުން އަނެއް ތަނަށް [ބަނގުރާ] މޫވް ކުރެވޭނެ،" ޓޫރިޒަމް ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކޮށް، ބައިނަލްއަގުއާމީ އެތައް އެވޯޑެއް ހާސިލްކުރައްވާފައިވާ ގައިސަރު ވިދާޅުވިއެވެ.

ވިލާގެ ރިސޯޓެއްގެ ބަނގުރާ ގުދަން ކަސްޓަމްސްއިން ޗެކްކުރަނީ

އޭނާ ވިދާޅުވި ގޮތުގައި ރޯޔަލް އައިލެންޑްގެ ނަމުގައި ގެންނަ ބަނގުރާ، ކަސްޓަމްސް އިން ނެރެގެން އެހެން ރިސޯޓަކަށް ނުގެންދާ ކަމަށާއި، އެ ތަކެތި ސީދާ ގެންދަނީ އެ ރިސޯޓަށް ކަމަށެވެ. އެ ތަކެތި އެހެން ރިސޯޓްތަކަށް ގެންދަނީ ރޯޔަލް އައިލެންޑްގައި ރަޖިސްޓްރީކުރުމަށް ފަހު، ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށް، އޮންނަ އުސޫލުގެ ދަށުން ކަމަށް ވެސް ގައިސަރު ވިދާޅުވިއެވެ.

ފުލުުހުންނާ އެކު، ކަސްޓަމްސް އާއި މީރާ އިން ބުދަ ދުވަހުގެ ރޭ އެރި ވިލާގެ ރިސޯޓްތަކަކީ، ރާއްޖޭގެ އެންމެ ބޮޑު ރިސޯޓްތަކުގައިވާ ސަން އައިލެންޑާއި، ޕެރަޑައިސް އެލެންޑާއި ހޮލިޑޭ އައިލެންޑާއި ރޯޔަލް އައިލެންޑް އަދި ފަން އައިލެންޑަށެވެ. މިއަދު ވެސް ފުލުުހުންނާއެކު، ކަސްޓަމްސް އާއި މީރާއިން ޕެރަޑައިސް ރިސޯޓާއި ސަން އައިލެންޑް އަދި ރޯޔަލް އައިލެންޑަށް އަރާފައިވެއެވެ.

ގައިސަރު ވިދާޅުވި ގޮތުގައި ކަސްޓަމްސް އާއި މީރާ އިން ބަލަމުން ދަނީ މި ރިސޯޓްތަކުގެ ބަނގުރަލާއި އޫރު މަހުގެ ސްޓޮކާއި ލިޔެކިޔުންތަކެވެ.

"[ބުދަ ދުވަހުގެ ރޭ] ރިސޯޓްތަކަށް އައި މީހުންނަށް ވެސް ކުރަންވީ ކޮން ކަމެއް ނޭނގިގެން އުޅުނީ، އެ މީހުން އަމަލުކުރަމުން ދިޔައީ ފޯނުކޮށްގެން މީހަކު އަންގާ ގޮތަކަށް،" ގައިސަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ރިސޯޓްތަކުގައި ގިނަ އަދަދެއްގެ ޓޫރިސްޓުން ތިއްބައި ފުލުހުން ރަށަށް އެރުމަކީ ޓޫރިސްޓުންނަށާއި ސްޓާފުންނަށް ލިބިގެން ދިޔަ ސިހުމެއް ކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ އެހެން ރިސޯޓްތައް ވެސް ބިރުވެރިކަން އުފެދިގެން ދާނެއެވެ.

"މިއީ ހަމައެކަނި ގާސިމް އިބްރާހިމް އަށް ދިން އިންޒާރެއް ނޫން، ދެއްކި ބިރެއް ނޫން، އެހެން މީހުންނަށް ވެސް ދައްކާ ބިރު،" ގައިސަރު ވިދާޅުވިއެވެ.

ވިލާ ކުންފުނީގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އިދިކޮޅު ފަރާތްތަކާ ގުޅިގެން ދައުލަތް ޒިންމާދާރު ކުރުމަށް މަސައްކަތް ފެށުމާ އެކު، ވިލާއަށް ދޫކޮށްފައިވާ ބައެއް ރަށްތަކާއި ފަޅުތައް ސަރުކާރަށް ވަނީ ނަގައިފައެވެ. އަދި އެ ރަށްތަކުގެ އެގްރީމެންޓް ބާތިލްކޮށް މީރާއަށް 90 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށް ބުނެ ވިލާގެ އެކައުންޓްތައް ވަނީ ފްރީޒްކޮށްފައެވެ. އަދި ވިލާގެ ބައެއް ކުންފުނިތަކަށް ކަސްޓަމްސްއިން ހިދުމަތް ދިނުން ވެސް ވަނީ ހުއްޓާލައިފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް