ކ. މާލެ
|
18 ޖެނުއަރީ 2018 | ބުރާސްފަތި 13:29
އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން
އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން
ރާއްޖެ އެމްވީ
މާރާމާރީ ހާދިސާ
23 ސްކޫލެއްގައި ސެކިއުރިޓީ ބަލަހައްޓަން، ކަންބޮޑުވާނެ ކަމެއް ނެތް: ފުލުހުން
މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ވަނީ ދޫކޮށްލާފައި

މާލޭގެ ދެ ސްކޫލެއްގައި މާރާމާރީ ހިންގައި، ދެ ދަރިވަރަކު ޒަހަމްކޮށްލާފައި ވަނިކޮށް، މާލޭގެ 23 ސްކޫލެއްގައި ސެކިއުރިޓީ ބަލަހައްޓަން ފަށާފައިވާ ކަމަށާއި ސްކޫލު މާހައުލާ މެދު ބެލެނެވެރިން ކަންބޮޑުނުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ

ފުލުހުން އެގޮތަށް އިލްތިމާސްކޮށްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައެވެ. ފުލުހުންގެ ތަރުޖަމާނު ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ސްކޫލު މާހައުލުގައި ނުރައްކަލެއް ނެތް ކަމަށާއި އެކަމާ ބެލެނެވެރިން ކަންބޮޑުވާން ނުޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ ފުލުހުން ސްކޫލުތަކުގައި ބައިތިއްބާކަށް. އެއަށް ވުރެ މި ގައުމު އަމާން،" ޝިފާން ވިދާޅުވިއެވެ.

 

ޝިފާން ވިދާޅުވީ، މާލޭގެ 23 ސްކޫލެއް ބެލެހެއްޓުމުގެ މަސައްކަތް ކުރަނީ ޕްރީސްކޫލުތަކުން ފެށިގެން ސާނަވީ ސްކޫލުތައް ވެސް ހިމެނޭ ގޮތަށް ކަމަށެވެ.

ތާޖުއްދީން ސްކޫލު (ޓީއެސް) އާއި ދަރުމަވަންތަ ސްކޫލުގައި ހިންގި މާރާމާރީއަކީ ކުދިންތަކެއްގެ މެދުގައި އުފެދުނު މައްސަލައަކާ ގުޅިގެން ހިނގި މާރާމާރީއެއް ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ޝިފާން ވިދާޅުވިއެވެ. 

ޝިފާން ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީ އާއި ފުލުހުންނާ ގުޅިގެން މިކަންކަން ހައްލު ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ތާޖުއްދީން ސްކޫލުގައި ހިނގައިދިޔަ ހާދިސާއަކީ ސްކޫލު ކުދިންތަކެއްގެ މެދުގައި ހިނގައިދިޔަ ހާދިސާއެއް ކަމަށާއި އެ މައްސަލައިގައި ދެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށް ޝިފާން ވިދާޅުވި އެވެ. އެގޮތުން 14 އަަހަރުގެ ކުއްޖަކާއި 15 އަހަރުގެ ކުއްޖެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު އިރު އޭނގެ ތެރެއިން 14 އަހަރުގެ ކުއްޖާ އައިލާގެ ބެލުމުގެ ދަށުގައި ހުރި އިރު 15 އަހަރުގެ ކުއްޖާ އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"މި މައްސަލައަށް ބަލާ އިރު މިއީ ސްކޫލުގެ މާހައުލުގެ ތެރެއިން ދިމާވާ ކަންކަމުގެ ގޮތުގައެއް ނުފެނޭ. ދަރުމަވަންތަ ސްކޫލުގައި ހިނގައިދިޔަ ހާދިސާގައި ވެސް ފާހަގަކުރެވިފައި ވަނީ އެހެން މައްސަލަތަކެއް. އެހެން ނަމަވެސް މިދެ މައްސަލައިގައި އެއްވެސް ގުޅުމެއް ނެތް. މިދެ މައްސަލައަކީ ވެސް ވަރަށް ސީރިއަސް ދެ މައްސަލައިގެ ގޮތުގައި ދަނީ ބަލަމުން،" ޝިފާން ވިދާޅުވިއެވެ.

މި މުޖުތަމައުއަކީ ވަރަށް ފުޅާ މާހައުލެއް ކަމަށާއި މިވާހަކަތައް ދައްކަން ޖެހެނީ މިކަން ހައްލު ކުރުމަށް ކަމަށް ޝިފާން ވިދާޅުވިއެވެ. މިފަދަ ހާދިސާތައް އިތުރަށް ހިނގައިދިޔަ ނުދިނުމަށް، މުހިއްމު ގިނަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ޝިފާން ވިދާޅުވިއެވެ. ސްކޫލުގެ މާހައުލަކީ ނުރައްކާތެރި މާހައުލެއް ކަމަށް ދެއްކުމަށް، ސޯޝަލް މީޑިޔާ އާއި މީޑިޔާގައި ވެސް ވާހަކަދައްކަމުންދާ ކަމަށާއި އެހެން ނަމަވެސް މިފަދަ ކަންކަން އެއްވެސް ބަޔަކު ނުކުރުމަށް ޝިފާން އިލްތިމާސްކުރެއްވިއެވެ.

އެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ސްކޫލުތަކުގައި ހިންގި މާރާމާރީތަކާ ގުޅިގެން ބެލެނެވެރިންގެ ކަންބޮޑުވުން ލިބެމުންދާ ކަމަށާއި އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަަމަށެވެ.

މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވީ، މިހަފްތާގެ ތެރޭގައި ހިނގައިދިޔަ މާރާމާރީއާ ގުޅިގެން، ސްކޫލުތަކުގެ ކަންކަން ހަރުދަނާ ކުރުމަށް މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ

"އަޅުގަނޑުމެންގެ ޒިންމާއެއްގެ ގޮތުގައި މިކަން ދެނެގަނެ، ސްކޫލުގެ މާހައުލަކީ ރައްކާތެރި މާހައުލަކަށް ހެދުމުގެ މަސައްކަތްވަނީ ފެށިފައި. މީގެ ކުރިން ވެސް އެފަދަ އުސޫލުތަކެއް ވަނީ އެކުލަވާލެވިފައި،" ޝިހާމް ވިދާޅުވިއެވެ.

 

އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު އައްޒަ ވިދާޅުވީ، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މުހިއްމު މަސައްކަތްތަކެއް އެކުލަވާލެވިފައިވާ ކަމަށާއި މިދިޔަ އަހަރުގެ 23 އޮގަސްޓްގައި ތަންފީޒުކުރި އުސޫލުގެ ތެރެއިން ވެސް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ސްކޫލް ތެރޭގައި ދަރިވަރުން ރައްކާތެރިކަން ކަށަވަރު ކުރުމަށް، ސްކޫލުގެ ތެރޭގެ އިތުރުން ސްކޫލުން ބޭރުގައި އަމަލު ކުރާނެ ގޮތް ކަނޑައަޅާފައިވާނެ ކަމަށެވެ.

"ދަރިވަރުން ނުރައްކަލަށް ހުށަހެޅިފައިވާކަން އެނގޭ ހިސާބުން،އަމަލު ކުރާނެ ގޮތްތަކެއް ހިމަނާފައިވާނެ. ދަރިވަރުން ސްކޫލަށް ހާޒިރުވާކަން ކަށަވަރު ކުރުމަށްވެސް އުސޫލެއް ވަނީ ހެދިފައި. އެއްވެސް ހާލަތަކާއި ގުޅިގެން ކިޔެވުމުން ދުރަށް ޖެހިދާނެ، ނުވަތަ ޖެހިފައިވާ ކުދިން ދެނެގަނެވޭނެ އުސޫލެއް ވަނީ ކަނޑައެޅިފަ." އައްޒަ ވިދާޅުވި އެވެ.

 

ބުދަ ދުވަހު ދަރުމަވަންތަ ސްކޫލްގެ 14 އަހަރުގެ ދަރިވަރެއްގެ އަރިކައްޓަށް ވަޅި ހަރާފައިވާއިރު އޭނާގެ ބޮލަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. އަދި އަތުގެ އިނގިލިތައް ވެސް ބިންދައިގެން ގޮސްފައިވާ ކަމަށް އާއިލާއިން ބުނެއެވެ.

އަންގާރަ ދުވަހު ގްރޫޕަކުން ތާޖުއްދީން ސްކޫލްގެ ތެރެއަށް ވަދެ އެސްކޫލްގެ ދަރިވަރަކަށް ޙަމަލާދީފައިވާއިރު، ބުދަ ދުވަހު މެންދުރު ދަރުމަވަންތަ ސްކޫލްގެ ދަރިވަރަކު ސްކޫލް ނިންމާފައި ގެޔަށް ދަނިކޮށް ލިލީ މަގުން ވަނީ ތޫނު އެއްޗަކުން ޙަމަލާދީ ޒަޚަމްކޮށްލާފައެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް