ކ. މާލެ
|
18 ޖެނުއަރީ 2018 | ބުރާސްފަތި 11:58
ބާސާ އަދި އެސްޕަންޔޯލް ކުޅުނު މެޗުގެ ތެރެއިން
ބާސާ އަދި އެސްޕަންޔޯލް ކުޅުނު މެޗުގެ ތެރެއިން
އެފްސީ ބާސެލޯނާ
ސްޕެނިޝް ކޮޕާ ޑެލްރޭ
ސްޕެނިޝް ކޮޕާ ޑެލްރޭ: އެސްޕަންޔޯލް އަތުން ބަލިވެ ބާސާ ދެވަނަ ލެގަށް އިންތިޒާރުކުރަން ޖެހިއްޖެ
އެސްޕަންޔޯލް ވަނީ 1-0 އިން ބާސާ ބަލިކޮށްފައި
ދެ ވަނަ ލެގު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ބާސާގެ ދަނޑުގައި
ރަށުން ބޭރުގައި 2-1 އިން އެޓްލެޓިކޯ މެޑްރިޑް ބަލިކޮށް ސެވިއްޔާ ވެސް ވަނީ ސެމީގެ ޖާގައަކާ ގާތަށް ޖެހިލާފައި

ސްޕެނިޝް ކޮޕާ ޑެލްރޭގެ ކުއާޓާ ފައިނަލުގައި ވާދަވެރި އެސްޕަންޔޯލްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ކޮލިފައިވުމަށް ބާސެލޯނާ އިން ދެވަނަ ލެގު ކާމިޔާބުކުރަން ޖެހިއްޖެއެވެ.

އެސްޕަންޔޯލްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ބާސާ ބަލިކޮށް ސެމީގެ އުއްމީދު ދަމަހައްޓާފައެވެ. މި މެޗުގައި ބާސާގެ ޓީމުން ގިނަ ބަދަލުތަކެއް ފެނިގެންދިޔައިރު އެ ޓީމުގެ ފުރަތަމަ އެގާރަ އިން ގަވާއިދުން ޖާގަ ދޭ ފަސް ކުޅުންތެރިޔަކަށް މި މެޗުގެ ފުރަތަމަ އެގާރައިން ފުރުސަތު ދީފައެއް ނުވެއެވެ. ހަމައެހެންމެ އެސްޕަންޔޯލްގެ ފުރަތަމަ އެގާރައިން ވެސް ގަވާއިދުން ޖާގަ ހޯދާ ފަސް ކުޅުންތެރިޔަކު މި މެޗުގައި ކުޅެފައެއް ނުވެއެވެ.

ފުރަތަމަ ހާފު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެފައިވަނީ ބާސާއިންނެވެ. އެ ޓީމުން ވަނީ އެސްޕަންޔޯލްގެ ގޯލަށް ނުރައްކާކޮށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މި ހާފުގައި ސާޖިއޯ ބުސްކެޓްސް އާއި ލިއޮނެލް މެސީ ފޮނުވާލި ހަމަލާތައް އެސްޕަންޔޯލްގެ ކީޕަރު ޑިއޭގޯ ލޮޕޭޒް ދިފާއުކުރިއިރު ޑެނިސް ސުއަރޭޒް އާއި ޕައުލީނިއޯ ފޮނުވާލި ހަމަލާތައް ގޯލަށް އަމާޒުވެފައެއް ނުވެއެވެ.

ދެ ޓީމު އެއްވަރުވެ އޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ބާސާއިން ވަނީ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ލަނޑު ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މެޗުގެ 60 ވަނަ މިނެޓުގައި ބާސާއަށް ވަނީ ލީޑު ނެގުމަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ސާޖީ ރޮބާޓޯއަށް އެސްޕަންޔޯލްގެ ހާފުގެ ތެރެއިން ފައުލްކުރުމާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީ މެސީ ފޮނުވާލިއިރު، ޑިއޭގޯ ލޮޕޭޒް ވަނީ ހުށިޔާރުކަމާއެކު އެ ޕެނަލްޓީ ދިފާއުކޮށްފައެވެ.

މި ޕެނަލްޓީއަށް ފަހު އެސްޕަންޔޯލްއިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ހަމަލާ އުފެއްދުމަށް މަސައްކަތްކުރިއެވެ. ނަތީޖާއެއްގެ ގޮތުން 87 ވަނަ މިނެޓުގައި އޮސްކާ މެލެންޑޯ ވަނީ ލަނޑެއް ޖަހައިދީ އެ ޓީމަށް ލީޑު ނަގައިދީފައެވެ.

މި މެޗު އެއްވަރުވުމާ ގުޅިގެން ސެމީގެ ޖާގައެއް ހޯދަން ބޭނުންވާ ނަމަ ދެވަނަ ލެގު ކާމިޔާބުކުރުން ބާސާއަށް ވަނީ މަޖުބޫރުވެފައެވެ. ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ބާސާގެ ދަނޑުގައެވެ.

ރަށުން ބޭރުގައި 2-1 އިން އެޓްލެޓިކޯ މެޑްރިޑް ބަލިކޮށް ސެވިއްޔާ ވެސް ވަނީ ސެމީގެ ޖާގައަކާ ގާތަށް ޖެހިލާފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޑިއޭގޯ ކޮސްޓާ އެޓްލެޓިކޯއަށް ޖަހައިދިން ނަމަވެސް ޖީސަސް ނަވާސް އަދި ޖޯކުއިން ކޮރެއާ ވަނީ ކޮންމެ ކުޅުންތެރިޔަކު ލަނޑެއް ޖަހައިދީ ސެވިއްޔާ މި މެޗުން މޮޅުކޮށްދީފައެވެ.

ހަމައެހެންމެ ފަހަތުން އަރައި 2-1 އަލަވޭސް ބަލިކޮށް ވެލެންސިއާ ވެސް ވަނީ ސެމީގެ ޖާގައެއްގެ އުއްމީދު ދަމަހައްޓާފައެވެ. މި މެޗުގައި އަލަވޭސް އިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ރުބެން ސޮބްރީނޯއެވެ. ވެލެންސިއާގެ ލަނޑުތައް އެ ޓީމަށް ޖަހައިދިނީ ގޮންކާލޯ ގުއޭޑޭސް އަދި ރޮޑްރިގޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް