ކ. މާލެ
|
18 ޖެނުއަރީ 2018 | ބުރާސްފަތި 07:46
ޑރ އަބްދުލްމަޖީދު އަބްދުލް ބާރީ
ޑރ އަބްދުލްމަޖީދު އަބްދުލް ބާރީ
އަބުދުﷲ ނަސީރު އިބްރާހިމް
ޑރ މަޖީދު
ކެމްޕޭން ވައުދު ފުއްދަން، މަޝްރޫޢުތައް ހިންގަން ޒަކާތު ފައިސާ ބޭނުމެއް ނުކުރެވޭނެ: ޑރ. މަޖީދު
މިސްކިތް ބިނާކުރުން ފަދަ ކަންކަމަށް ވެސް އެފައިސާ ބޭނުން ނުކުރެވޭނެ
ޒަކާތު ފައިސާ ބަހަން ޖެހޭ ގޮތް ޤުރުއާނާއި ސުންނަތުގެ އަލީގައި ފެންނަން އޮވޭ
އެކި މަޝްރޫޢުތަކަށް ޒަކާތު ފަންޑުން ފައިސާ ޚަރަދުކުރާކަމުގެ ވާހަކަތައް އަޑު އިވޭ

ސަރުކާރުން ހިންގާ މަޝްރޫޢުތަކަށާއި ކެމްޕޭން ވައުދު ފުއްދުމަށް ޒަކާތު ފައިސާ ބޭނުން ނުކުރެވޭނެ ކަމަށް ކުރީގެ އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ. މަޖީދު ވިދާޅުވީ ސަރުކާރުން ހިންގާ މަޝްރޫޢުތަކަށް، އެއީ ކިތަންމެ ރަނގަޅު މަޝްރޫޢަކަށްވީ ނަމަވެސް، ޒަކާތުގެ ފައިސާ ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި އެއީ ދީނީ ގޮތުން ކުރަން ޖެހޭ ކަމެއް ނަމަވެސް، އެކަމަށް ޒަކާތުގެ ފައިސާ ޚަރަދު ނުކުރެވޭނެ ކަމަށް ޑރ. މަޖީދު ވިދާޅުވިއެވެ.

ޑރ. މަޖީދު މިފަދައިން ވިދާޅުވީ ޒަކާތު ފަންޑުން ފައިސާ ބޭނުންކޮށްގެން ރިޔާސީ ވައުދުތައް ފުއްދުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް، ބައެއް ފަރާތްތަކުން ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

ިސްކިތް ބިނާކުރުމަށް ޒަކާތުގެ ފައިސާއިން ހޭދައެއް ނުކުރެވޭނެ. މީހުންނަށް މުސާރަ ދޭން ޒަކާތުގެ ފައިސާ އިން (ބޭނުން ނުކުރެވޭނެ). އަދި ދީނީ އެކިއެކި ޖަލްސާތައް ބާއްވާކަށް ވެސް، އިހްޔާ ޕްރޮގްރާމްތައް ބާއްވާކަށް ވެސް ޒަކާތުގެ ފައިސާއިން ހޭދައެއް ނުކުރެވޭނެ،" ޑރ. މަޖީދު ވިދާޅުވިއެވެ.

 

ޑރ. މަޖީދު ވިދާޅުވީ ސަރުކާރުގެ އެކިއެކި ޖަލްސާތައް ބޭއްވުމާ އެކި މަޝްރޫޢުތަކަށް ޒަކާތު ފަންޑުން ފައިސާ ޚަރަދުކުރާކަމުގެ ވާހަކަތައް އަޑު އިވޭ ކަމަށެވެ. އެގޮތުން ދާދިފަހުން ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާ ޑރ. މަޖީދު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކަން އެއީ ހަޤީގަތަކަށް ވާނަމަ އެކަން ބަލަން ޖެހޭ ކަމަށާއި، އޭސީސީ އިން ވެސް އެކަން ބަލަން ޖެހޭ ކަމަށް ޑރ. މަޖީދު ވިދާޅުވިއެވެ.

ޒަކާތު ފައިސާ ޚަރަދުކުރަން ޖެހޭ ގޮތް ޤުރުއާނާއި ސުންނަތުން ވަރަށް ސާފުކޮށް އެނގެން އޮތްކަން ޑރ. މަޖީދު ފާހަގަކުރެއްވިއެވެ. އަދި ޒަމާނާއި ޙާލަތަށް ފެތޭ ގޮތަށް، އެފައިސާ ބޭނުންކުރެވޭނެ ގޮތްތައް ޤުރުއާނާއި ސުންނަތުގެ އަލީގައި ޖުމްހޫރު އިލްމުވެރިން ބުނެދެއްވާފައި ވާކަމަށް ވެސް ވިދާޅުވިއެވެ.

ދީން ޙިމާޔަތްކުރަން ސަރުކާރުން މަސައްކަތްކުރާ ކަމަށް ބުނާ ވާހަކަތަކަށް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ މަޖީދު ވަނީ ފާޑުވިދާޅުވެފައެވެ. ޑރ. މަޖީދު ވިދާޅުވީ ރާއްޖޭގައި ތިބީ މޮޔައިން ނޫން ކަމަށާއި، ހުރިހާ ވެސް މައްސަލައަކީ ޤާނޫނު އަސާސީ މަސައްކަތް ނުކުރާތީ ކަމަށެވެ.

"މިރާއްޖޭގެ ރައްޔިތުންނަކީ މޮޔައިންނެއް ނޫން. ބީތާވެފައި ތިބި ބައެއް ނޫން. ހަމަހޭގައި ތިިބި ބައެއް. ނުވިސްނެނީކީއެއް ނޫން. މިރާއްޖޭގައި މިއޮތް ޤާނޫން އަސާސީ، މީތި މަސައްކަތް ނުކުރާތީ ހުރިހާވެސް މައްސަލައަކީ. މީގައި އޮތް ރައްޔިތުންގެ އަސާސީ ހައްޤުތައް މިވަނީ ގެއްލިފައި. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަނީ ގެއްލިފައި،" ޑރ. މަޖީދު ވިދާޅުވިއެވެ.

ޑރ. މަޖީދު ވިދާޅުވީ ވެރިންގެ ތެރެއިން ގޯސްކޮށް ކަންތައް ކުރާ މީހުންގެ ވާހަކަ ޙަދީޘްފުޅުގައި ވެސް އައިސްފައިވާ ކަމަށާއި، ވެރިން ކުރާ ގޯސްތައް މަނާނުކުރާ މީހުންނަކީ އެގޯހުގައި ބައިވެރިވާ މީހުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް