ކ. މާލެ
|
17 ޖެނުއަރީ 2018 | ބުދަ 15:35
ކެރޮލައިން ވޮޒްނިއާކީ
ކެރޮލައިން ވޮޒްނިއާކީ
އޭޓީޕީ
އޮސްޓްރޭލިއަން އޯޕަން 2018
އޮސްޓްރޭލިއަން އޯޕަން: ވޮޒްނިއާކީގެ އިތުރުން 15 އަހަރުގެ ކޮސްޓްޔުކް ތިންވަނަ ބުރަށް
ވޮޒްނިއާކީ މި މުބާރާތުގެ ތިންވަނަ ބުރަށް ދަތުރުކުރީ ޖެނާ ފެޓް ދެ ސެޓު އެއް ސެޓުން ބަލިކޮށްގެން
އުމުރުން 15 އަހަރުގެ މާޓާ ކޮސްޓްޔުކް މި މުބާރާތުގެ ތިންވަނަ ބުރަށް ދަތުރުކުރީ އޮލިވިއާ ރޮގްވޯސްކާ ސީދާ ދެ ސެޓުން ބަލިކޮށްގެން
ޖެލޭނާ އޮސްޓަޕެންކޯ ވެސް ވަނީ ތިންވަނަ ބުރަށް ދަތުރުކޮށްފައި

އޮސްޓްރޭލިއާގެ މެލްބަންގައި މިހާރު ކުރިޔަށްދާ އޮސްޓްރޭލިއަން އޯޕަންގެ ތިންވަނަ ބުރުން ޑެންމާކްގެ ކެރޮލައިން ވޮޒްނިއާކީގެ އިތުރުން ޔޫކްރެއިންގެ ޒުވާން ޓެނިސް ކުޅުންތެރިޔާ މާޓާ ކޮސްޓްޔުކް ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ދެވަނަ އަށް ސީޑު ކުރެވިފައިވާ ވޮޒްނިއާކީ މި މުބާރާތުގެ ތިންވަނަ ބުރަށް ދަތުރުކުރީ ދެވަނަ ބުރުގެ މެޗުގައި ދުނިޔޭގެ ރޭންކިންގެ 119 ވަނައިގައި އޮތް ޖެނާ ފެޓް ދެ ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. ދެ ގަޑިއިރާއި 31 މިނެޓަށް ދިގުދެމިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 6-3 އިން ޖެނާ ގެންދިޔަ ނަމަވެސް ވޮޒްނިއާކީ ވަނީ އޭގެ ފަހުން ކުޅުނު ދެ ސެޓު 6-2 އަދި 7-5 އިން ގެންގޮސް މެޗު ކާމިޔާބުކޮށްފައެވެ.

ތިންވަނަ ބުރުން ޖާގަ ހޯދުމަށްފަހު ވާހަކަ ދައްކަމުން ވޮޒްނިއާކީ ބުނީ ކޮންމެ ޕޮއިންޓެއް ހޯދުމަށް ވެސް ބުރަ މަސައްކަތްތަކެއް ކުރި ކަމަށާއި އެ މަސައްކަތުގެ އަގަކީ ތިންވަނަ ބުރަށް ދަތުރުކުރެވުން ކަމަށެވެ. ހަމައެހެންމެ މި މުބާރާތް ކާމިޔާބުކުރުމަށް ކުރަމުންދާ މަސައްކަތުގައި މިއީ ކުރިޔަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި މި މެޗު ވެގެން ގޮސްފައި ވަނީ އޭނާއަށް އުނދަގޫ މެޗަކަށް ކަމަށެވެ.

ދުނިޔޭގެ ރޭންކިންގެ 521 ވަނައިގައި މިވަގުތު ރޭންކް ކުރެވިފައިވާ އުމުރުން 15 އަހަރުގެ މާޓާ ކޮސްޓްޔުކް މި މުބާރާތުގެ ތިންވަނަ ބުރަށް ދަތުރުކުރީ ދެވަނަ ބުރުގައި އޮސްޓްރޭލިއާގެ އޮލިވިއާ ރޮގްވޯސްކާ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. އޭނާ މި މެޗުގެ ސެޓުތައް ގެންދިޔައީ 6-3 އަދި 7-5 އިންނެވެ.

މި މެޗުން މޮޅުވުމާއެކު އޭނާ ވެގެން ގޮސްފައިވަނީ 1997 ވަނަ އަހަރު ޔޫއެސް އޯޕަންގެ ފަހުން ގްރޭންޑް ސްލޭމް މުބާރާތެއްގެ ތިންވަނަ ބުރުގައި ވާދަކުރާ އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. ހަމައެހެންމެ 1996 ވަނަ އަހަރު މާޓީނާ ހިންގިސް މި މުބާރާތުގެ ތިންވަނަ ބުރަށް ދަތުރުކުރިފަހުން މި މުބާރާތުގެ ތިންވަނަ ބުރުގައި ވާދަކުރާ އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

މިދިޔަ އަހަރުގެ ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ހޯދި ލެޓްވިއާގެ ޖެލޭނާ އޮސްޓަޕެންކޯ ވެސް ވަނީ ޗައިނާގެ ޑުއާން ޔިންގްޔިންގް ދެ ސެޓު އެއް ސެޓުން ބަލިކޮށް މި މުބާރަތުގެ ތިންވަނަ ބުރަށް ދަތުރުކޮށްފައެވެ. ހަމައެހެންމެ މި މުބާރާތުގެ ހަތަރުވަނައަށް ސީޑު ކުރެވިފައިވާ ޔޫކްރެއިންގެ އެލީނާ ސްވިޓްލޯނާ ވެސް ވަނީ ދެ ސެޓު އެއް ސެޓުން ޗެކް ރިޕަބްލިކްގެ ކެޓެރީނާ ސިނިއަކޯވާ ބަލިކޮށް ތިންވަނަ ބުރަށް ދަތުރުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް