ކ. މާލެ
|
17 ޖެނުއަރީ 2018 | ބުދަ 12:14
ކިޑްސް ފުޓްސަލް ފިއެސްޓާގެ ތެރެއިން
ކިޑްސް ފުޓްސަލް ފިއެސްޓާގެ ތެރެއިން
މުހައްމަދު ޝަރުހާން
އެފްއޭއެމް
ފެސްޓިވަލެއްގެ ސިފައިގައި ނޫނީ 12 އަހަރުން ދަށުގެ މުބާރާތެއް ދެން ނުބޭއްވޭނެ
މިފަދަ މުބާރާތްތައް ކުރިޔަށް ގެންދިޔުމަކީ އޭއެފްސީއިން ވެސް ތާއިދުކުރާ ކަމެއް ނޫން

ފެސްޓިވަލެއްގެ ސިފައިގައި ނޫނީ 12 އަހަރުން ދަށުގެ އެއްވެސް މުބާރާތެއް ދެން ނުބޭއްވޭނެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ 12 އަހަރުން ދަށުގެ ވާދަވެރި މުބާރާތް ބޭއްވުމަކީ އޭއެފްސީއިން ވެސް ތާއިދުކުރާ ކަމެއް ނޫން ކަމަށާއި އަދި މިފަދަ މުބާރާތްތައް ކުރިޔަށް ގެންދާތީ އެކަމުގެ ޝަކުވާތައް ސްކޫލުތަކުގެ ބެލެނިވެރިންނާއި ފުޓްބޯޅައިގެ ތަޖުރިބާކާރުން ހުށަހަޅަމުންދާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން އެ އިދާރާގެ ޓެކްނިކަލް ކޮމިޓީގެ މަޝްވަރާޔާއެކު 12 އަހަރުން ދަށުގެ އެއްވެސް މުބާރާތެއް ފެސްޓިވަލެއްގެ ސިފައިގައި ނޫނީ ކުރިޔަށް ނުގެންދެވޭ ގޮތަށް ނިންމާފައިވާ ކަމަށް މި ބަޔާނުގައިވެއެވެ.

އެ އެސޯސިއޭޝަނުން މިގޮތަށް ނިންމީ ގިނަ ނުކުތާތަކަކަށް ވިސްނުމަށްފަހު ކަމަށް މި ބަޔާނުގައިވެއެވެ. އެގޮތުން މިފަދަ މުބާރާތްތަކުގެ ސަބަބުން ވާދަވެރިކަން ބޮޑުވެ ކުދިން ފުޓްބޯޅަ ކުޅުމާއި ދުރަށް ދިއުމަށް މަގުފަހިވުމާއި މިފަދަ މުބާރާތްތަކުގެ ސަބަބުން ފުޓްބޯޅައިގެ ހުނަރު ދަސްވުމަށްވުރެ އ ފުޓްބޯޅައިގައި ހުންނަ ގޯސް ކަންކަން އެ ކުދިންނަށް ދަސްވާ ކަމަށެވެ. މީގެއިތުރުން ހުރިހާ ކުދިންނަށް ހަމަހަމަ ފުރުސަތު މިފަދަ މުބާރާތްތަކުގައި ނުދެވޭ ކަމަށާއި މި މުބާރާތްތަކުގެ މެޗުތަކުން މޮޅުވުމަށް ކުދިންނަށް އެކަށިގެންނުވާ ވަރަށް ޕްރެޝާރކޮށް އެކަށީގެންނުވާ ތަމްރީންތައް ދިނުމަކީ މި ގޮތަށް ނިންމަން މެދުވެރިވި ބައެއް ސަބަބު ކަމަށް އެ ބަޔާނުގައިވެއެވެ.

ހަމައެހެންމެ މި މުބާރާތްތަކުގައި ކުޅުންތެރިންނަށް އަމިއްލަ ހުނަރުތައް ބޭނުންކުރުމުގެ ފުރުސަތު ނުލިބޭ ކަމަށާއި ފުޓްބޯޅަ ކުޅެގެން ލިބޭ ހިތްހަމަޖެހުމާއި އުފާވެރިކަން ކުދިންނަށް މިފަދަ މުބާރާތްތަކުގެ ސަބަބުން ނުލިބޭ ކަމަށް އެފްއޭއެމްގެ ބަޔާނުގައިވެއެވެ.

އެފްއޭއެމްއިން ބުނެފައިވާ ގޮތުގައި މިގޮތަށް ނިންމަން  ޖެހުނީ ފުޓްބޯޅައިގެ މުސްތަގުބަލު ހިމާޔަތްކޮށް ފުޓްބޯޅަ ކުރިއެރުވުމަކީ އެ އެސޯސިއޭޝަނުގެ ޒިންމާއަކަށް ވާތީއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް