ކ. މާލެ
|
16 ޖެނުއަރީ 2018 | އަންގާރަ 12:31
މާރިއާ ޝަރަޕޯވާ ވާދަކުރި ފުރަތަމަ މެޗުގެ ތެރެއިން
މާރިއާ ޝަރަޕޯވާ ވާދަކުރި ފުރަތަމަ މެޗުގެ ތެރެއިން
އޭޓީޕީ
އޮސްޓްރޭލިއަން އޯޕަން 2018
އޮސްޓްރޭލިއަން އޯޕަން: ޝަރަޕޯވާ ދެވަނަ ބުރަށް، ވީނަސް ކަޓައިފި
ޝަރަޕޯވާ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ ޖަރުމަނުގެ ޓަޓިޔާނާ މަރިއާ ސީދާ ދެ ސެޓުން ބަލިކޮށްގެން
ވީނަސް ވިލިމްސް ވަނީ ސްވިޓްޒަލޭންޑްގެ ބެލިންޑާ ބެންސިޗް އަތުން ސީދާ ދެ ސެޓުން ބަލިވެ މުބާރާތުން ކަޓާފައި

އޮސްޓްރޭލިއަން އޯޕަންގެ ފުރަތަމަ ބުރުގައި ކުޅުނު މެޗު ކާމިޔާބުކޮށް ރަޝިއާގެ މާރިއާ ޝަރަޕޯވާ ދެވަނަ ބުރަށް ދަތުރުކުރިއިރު އެމެރިކާގެ ވީނަސް ވިލިއަމްސް ފުރަތަމަ ބުރުން ކަޓައިފިއެވެ.
އުމުރުން 30 އަހަރުގެ ޝަރަޕޯވާ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ ފުރަތަމަ ބުރުގައި ދުނިޔޭގެ ރޭންކިންގެ 47 ވަނައިގައި ރޭންކް ކުރެވިފައި އޮތް ޖަރުމަނުގެ ޓަޓިޔާނާ މަރިއާ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ޝަރަޕޯވާ ގެންދިޔައީ 6-1 އަދި 6-4 އިންނެވެ. މިއީ 2016 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ޑްރަގް ޓެސްޓަކުން ފެއިލްވުމާއި ގުޅިގެން 15 މަސްދުވަހުގެ ސަސްޕެންޝަނެއް ފުރިހަމަކުރުމަށްފަހު ޝަރަޕޯވާ މި މުބާރާތުގައި ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.

މި މެޗު ކާމިޔާބުކުރުމަށްފަހު ވާހަކަ ދައްކަމުން ޝަރަޕޯވާ ބުނީ އޮސްޓްރޭލިއަން އޯޕަންގައި ވާދަނުކުރާތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި މިއަހަރުގެ މުބާރާތަކީ ވަރަށް ހާއްސަ މުބާރާތެއް ކަމަށެވެ. އޭނާ ބުނީ ކޮންމެ މެޗެއް ވެސް އޭގެކުރިން ކުޅޭ މެޗަށްވުރެ އުނދަގޫވާނެ ކަމަށާއި މުބާރާތުގައި ކުރިޔަށްދިޔުން ވެގެންދާނީ ބޮޑު ގޮންޖެހުމަކަށް ކަމަށެވެ. ދެވަނަ ބުރުގައި ޝަރަޕޯވާ ނުކުންނާނީ އަނަސްޓޭސިއާ ސެވަސްޓޯވާ އާއި ވާވަރާ ލެޕްޗެންކޯއާ ދެ ކުޅުންތެރިން ކުޅޭ މެޗުން މޮޅުވާ ކުޅުންތެރިޔަކާ ދެކޮޅަށެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ވާދަކުރި ވީނަސް ވިލިމްސް ވަނީ ފުރަތަމަ ބުރުގައި ދުނިޔޭގެ ރޭންކިންގެ 87 ވަނައިގައި ރޭންކް ކުރެވިފައި އޮތް ސްވިޓްޒަލޭންޑްގެ ބެލިންޑާ ބެންސިޗް އަތުން ސީދާ ދެ ސެޓުން ބަލިވެ މުބާރާތުން ކަޓާފައެވެ. އުމުރުން 20 އަހަރުގެ ބެލިންޑާ ވީނަސްއާ ދެކޮޅަށް ކުޅުނު މެޗުގެ ސެޓުތައް ގެންދިޔައީ 6-3 އަދި 7-5 އިންނެވެ.

މެޗު ނިންމާލުމަށްފަހު ދިން އިންޓަވިއުއެއްގައި ބެލިންޑާ ބުނީ މީގެކުރިން ހަތަރު ފަހަރެއްގެ މަތިން ވީނަސްއާ ދެކޮޅަށް ކުޅެ ބަލިވި ކަމަށާއި އޭނާ ބަލިކުރެވުނީ ހިތްވަރު ކޮށްގެން ކަމަށެވެ. ހަމައެހެންމެ މިއީ މުބާރާތުގައި އިތުރަށް ކުރިޔަށް ދިޔުމަށް ލިބުނު ބޮޑު ބާރެއް ކަމަށާއި މިއީ ވެސް ލިބުނު ބޮޑު ކާމިޔާބެއް ކަމަށެވެ. މިއީ ވޭތުވެދިޔަ 20 އަހަރުތެރޭ ވިލިއަމްސް ދެބެއިން ގްރޭންޑް ސްލޭމް މުބާރާތެއްގެ ދެވަނަ ބުރުން ފެނިގެން ނުދާނެ ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރު މި މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަކުރި ކެރޮލައިނާ ޕްލިސްކޯވާ ވަނީ ފުރަތަމަ ބުރުގައި ޕެރަގުއޭގެ ވެރޯނިކާ ރޮއިގް ސީދާ ދެ ސެޓުން ބަލިކޮށް ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. ހަމައެހެންމެ 2016 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރި ޖަރުމަނުގެ އެންޖެލިކް ކާބަރ ވަނީ ސީދާ ދެ ސެޓުން ހަމަ އެގައުމުގެ އެނާ ފްރީޑްސޭމް ބަލިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް