ކ. މާލެ
|
16 ޖެނުއަރީ 2018 | އަންގާރަ 12:30
ނަދާލް ވާދަކުރި ފުރަތަމަ މެޗުގެ ތެރެއިން
ނަދާލް ވާދަކުރި ފުރަތަމަ މެޗުގެ ތެރެއިން
އޭޓީޕީ
އޮސްޓްރޭލިއަން އޯޕަން 2018
އޮސްޓްރޭލިއަން އޯޕަން: ނަދާލް އަދި ކިރްގިއޯސް ފެށުން ރަނގަޅުކޮށްފި
ޑޮމިނިކަން ރިޕަބްލިކްގެ ކުޅުންތެރިޔަކާ ވާދަކޮށް ނަދާލް މޮޅުވީ ސީދާ ތިން ސެޓުން
ކިރްގިއޯސް ވަނީ ފުރަތަމަ ބުރުގައި ބްރެޒިލްގެ ރޮޑްރިގޯ ޑުޓްރާ ސިލްވާ ސީދާ ތިން ސެޓުން ބަލިކޮށްފައި

އޮސްޓްރޭލިއާގެ މެލްބަންގައި މިހާރު ކުރިޔަށްދާ މިއަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތުގެ ފެށުން ސްޕެއިންގެ ރަފައޭލް ނަދާލް އަދި އެ ގައުމުގެ ނިކް ކިރްގިއޯސް ރަނގަޅުކޮށްފިއެވެ.

ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮވެގެން މި މުބާރާތާއި ކުރިމަތިލި ނަދާލް ފުރަތަމަ މެޗުގައި ބައްދަލުކުރީ ޑޮމިނިކަން ރިޕަބްލިކްގެ ވިކްޓާ އެސްޓްރެލާ ބާގޯސްއާ ދެކޮޅަށެވެ. 94 މިނެޓަށް ދިގުދެމިގެންދިޔަ މި މެޗު ނަދާލް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ 6-1، 6-1 އަދި 6-1 އިންނެވެ.

މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުޅުމާއި ދުރުގައި ހުރުމަށްފަހު ވާދަވެރި މުބާރާތެއްގައި ނަދާލް ވާދަކުރާ ފުރަތަމަ ފަހަރެވެ. މި މެޗުން މޮޅުވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ނަދާލް ބުނީ އަނިޔާއިން ރަނގަޅުވެފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށާއި މުބާރާތުގައި ކުރިޔަށް ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މިދިޔަ އަހަރުގެ ފައިނަލްގައި ރޯޖާ ފެޑެރާ އަތުން ބަލިވި ނަދާލް ދެވަނަ ބުރުގައި ނުކުންނަން ޖެހޭނީ ދުނިޔޭގެ ރޭންކިންގެ 52 ވަނައިގައި މިވަގުތު އޮތް އާޖެންޓީނާގެ ލިއޮނާޑޯ މޭޔާއާ ދެކޮޅަށެވެ.

އަމިއްލަ ގައުމުގައި ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރުމުގެ އުއްމީދުގައި މި މުބާރާތާއި ކުރިމަތިލި ކިރްގިއޯސް ވަނީ ފުރަތަމަ ބުރުގައި ބްރެޒިލްގެ ރޮޑްރިގޯ ޑުޓްރާ ސިލްވާ ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ކިރްގިއޯސް ގެންދިޔައީ 6-1، 6-2 އަދި 6-4 އިންނެވެ.

މި މުބާރާތުގެ ކުރިން އޮސްޓްރޭލިއާގެ ބްރިސްބޭންގައި ބޭއްވި ބްރިސްބޭން އިންޓަނޭޝަނަލް ކާމިޔާބުކުރި ކިރްގިއޯސް މިފަހަރު ސީޑް ކުރެވިފައިވަނީ 17 ވަނަ އަށެވެ. މި މެޗުން މޮޅުވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކިރްގިއޯސް ބުނީ މީގެ އަހަރުތަކެއްކުރިން ކުއާޓާ ފައިނަލްގައި އޭނާ ވާދަކުރި ކަމަށާއި މިއަހަރުގެ އަމާޒަކީ މިއަހަރުގެ މުބާރާތުގައި އެއަށްވުރެ ދުރަށް ދަތުރުކުރުން ކަމަށެވެ. ދެވަނަ ބުރުގައި އޭނާ ނުކުންނާނީ ދުނިޔޭގެ ރޭންކިންގެ 65 ވަނައިގައި މިވަގުތު ރޭންކް ކުރެވިފައި އޮތް ސާބިއާގެ ވިކްޓާ ޓްރިއޯކީއާ ދެކޮޅަށެވެ.

މި މުބާރާތުގެ ތިންވަނައަށް ސީޑު ކުރެވިފައިވާ ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވް ވެސް ވަނީ ސީދާ ތިން ސެޓުން އޮސްޓްރިއާގެ ޑެނިސް ނޮވަކް ބަލިކޮށް ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. ހަމައެހެންމެ މިއަހަރުގެ މުބާރާތުގައި ހަވަނައަށް ސީޑު ކުރެވިފައިވާ ކްރޮއޭޝިއާގެ މަރިން ސިލިޗް ދެވަނަ ބުރަށް ދަތުރުކުރީ ކެނަޑާގެ ވެސެކް ޕޮސްޕިސިލް ތިން ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ.  

މިއަހަރުގެ މުބާރާތަކީ ހުރިހާ ގޮތަކުން ވެސް ފޯރިގަދަ މުބާރާތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް