ކ. މާލެ
|
15 ޖެނުއަރީ 2018 | ހޯމަ 22:18
ރަޔަން ގިގްސް - ވޭލްސްގެ ގައުމީ ޓީމުގެ އާ ކޯޗު
ރަޔަން ގިގްސް - ވޭލްސްގެ ގައުމީ ޓީމުގެ އާ ކޯޗު
ބީބީސީ
ވޭލްސްގެ ގައުމީ ފުޓްބޯޅަ ޓީމު
ވޭލްސްގެ ކޯޗުގެ މަގާމަށް ގިގްސް އައްޔަންކޮށްފި
މީގެ ކުރިން އެ މަގާމުގައި ހުރީ ސަންޑަލޭންޑްގެ ކޯޗު ކްރިސް ކޯލްމަން
ގިގްސް ސޮއިކުރީ ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި
މިއަހަރުގެ ވޯލްޑް ކަޕަށް ވޭލްސް ކޮލިފައި ވެފައެއް ނުވޭ

ވޭލްސްގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ރަޔަން ގިގްސް އައްޔަންކޮށްފިއެވެ.

ވޭލްސްގެ ފުޓްބޯޅަ އިދާރާ އިން ވަނީ ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ގިގްސް އެ މަގާމަށް އައްޔަންކޮށްފައެވެ. އުމުރުން 44 އަހަރުގެ ގިގްސް އެ މަގާމަށް އައްޔަންކުރީ އެ މަގާމުގައި ކުރިންހުރި ކްރިސް ކޯލްމަން އެ މަގާމު ދޫކޮށް އިނގިރޭސި ދެވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ސަންޑަލޭންޑުގެ ކޯޗުކަމާއި ހަވާލުވުމާއި ގުޅިގެންނެވެ.

ވޭލްސްގެ ގައުމީ ޓީމާ ހަވާލުވުމަށް ފަހު ނެރުނު ބަޔާނެއްގައި ގިގްސް ބުނީ ގައުމީ ޓީމުގެ ކޯޗަކަށްވުމުގެ ފުރުސަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އެކަމާއި ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ. ހަމައެހެންމެ އޭނާ ބުނީ 2020 ވަނަ އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ޔުއެފާ އިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ނޭޝަންސް ލީގުގައި ވޭލްސްއަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދިނުމަށް އުއްމީދުކުރާ ކަމަށެވެ. އޭނާ ބުނީ މިއީ ބޮޑު ޗެލެންޖެއް ކަމަށާއި މިއަހަރުގެ ފަހުކޮޅު ކުޅުމަށް ހަމަޖެހިފައިވާ މުހިންމު މެޗުތަކަށް ޓީމު ރަނގަޅަށް ތައްޔާރުކުރަން ބޭނުންވާ ކަމަށެވެ.

ވޭލްސްގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ޗީފް އެގްޒެކްޓިވް ޖޮނަތަން ފޯޑް ބުނީ ގިގްސްއަކީ އޭނާ ކުޅުނު ދުވަސްވަރު އެތަކެއް ކާމިޔާބުތަކެއް ހޯދި ކުޅުންތެރިޔެއް ކަމަށާއި އޭނާއަށް އޭރު ލިބިފައިވާ ތަޖުރިބާތަކަކީ ވަރަށް އަގުހުރި ތަޖުރިބާތަކެއް ކަމަށެވެ. ހަމައެހެންމެ ދުނިޔޭގެ އެންމެ ބޮޑު އެއް ޓީމުގެ ކޯޗުކަން އޭނާ ކޮށްފައިވުމަކީ މި މަގާމުގައި އޭނާ ކާމިޔާބު ހޯދާނެ ކަމުގެ ހެއްކެއް ކަމަށް ފޯޑް ބުނެފައިވެއެވެ.

ގިގްސްގެ ކުރިން މި މަގާމު ފުރި ކޯލްމަންގެ އިރުޝާދުގެ ދަށުން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ވޭލްސް ޖާގަ ހޯދި ނަމަވެސް، 1958 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ. ކޯލްމަން އެ މަގާމުން އިސްތިއުފާ ދިނުމާއެކު ގިގްސް އެ މަގާމަށް އަންނަން ބޭނުންވާ ކަމަށް ބުނެ ޝައުގުވެރިކަން ފާޅުކުރިއެވެ.

ޔުނައިޓެޑްގެ ކޯޗުކަމުން 2014 ވަނަ އަހަރު ޑޭވިޑް މޮއެސް ވަކިކުރުމުން އެޓީމުގެ ކޯޗެއްގެ ގޮތުގައި ހަތަރު މެޗުގައި ގިގްސް ވަނީ އިރުޝާދު ދީފައެވެ. އެ އަށް ފަހު 2016 ވަނަ އަހަރުގެ ނިޔަލަށް ގިގްސް ވަނީ ލުއިސް ވެންހާލްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ޔުނައިޓެޑްގައި މަސައްކަތްކޮށްފައެވެ. މި މަގާމާ ހަވާލުވުމުގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ އެވަޓަން އަދި ލެސްޓާ ސިޓީގެ ކޯޗުގެ މަގާމާ އޭނާ ހަވާލުވާން އުޅޭ ކަމަށް ވެސް އަޑުތައް ފެތުރުނެވެ.

ވޭލްސްގެ ގައުމީ ޓީމަށް 1991 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާ ހަމަޔަށް ކުޅުނު ގިގްސް ވަނީ އެ ޓީމަށް 64 މެޗު ކުޅެދީފައެވެ. މި މެޗުތަކުގައި އޭނާ ވަނީ އެ ޓީމަށް 12 ލަނޑު ޖަހައިދީފައެވެ. އޭނާއަކީ ވޭލްސްގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް