ކ. މާލެ
|
13 ޖެނުއަރީ 2018 | ހޮނިހިރު 18:45
2016 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ތަށި ޖޮކޮވިޗް އުފުލާލަނީ
2016 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ތަށި ޖޮކޮވިޗް އުފުލާލަނީ
އޭޓީޕީ
އޮސްޓްރޭލިއަން އޯޕަން 2018
އޮސްޓްރޭލިއަން އޯޕަންއަށް ޖޮކޮވިޗް ނުކުންނަނީ 100 އިން ސައްތައަކު ނޫން
ވޭތެވެދިޔަ ހަ މަސްދުވަހު އޭނާ އެއްވެސް މުބާރާތެއްގައި ވާދަކޮށްފައެއް ނުވޭ
އަނިޔާއިން ސަލާމަތްވުމަށް އޭނާ ސާޖަރީއެއް ވެސް ހަދާފައިވޭ
މިއަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ޖޮކޮވިޗް ސީޑު ކުރެވިފައިވަނީ 14 ވަނައަށް

މި ހަފްތާގެ ތެރޭގައި އޮސްޓްރޭލިއާގެ މެލްބަންގައި ފެށުމަށް ހަމަޖެހިފައިވާ މިއަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންއާ ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް ކުރިމަތިލާނީ 100 އިން ސައްތަ ފިޓްނެސްގައި ނޫން ކަމަށް އޭނާ ބުނެފިއެވެ.

މިދިޔަ އަހަރުގެ ވިމްބެލްޑަން ޓެނިސް ޗެމްޕިއަންޝިޕްގެ ކުއާޓާ ފައިނަލްގައި ތޯމަސް ބާޑިޗްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ އުޅަބޮށްޓައް ލިބުނު އަނިޔާއަކާ ގުޅިގެން ވޭތުވެދިޔަ ހަ މަސްދުވަހު އޭނާ އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ. މި އަނިޔާއިން ސަލާމަތްވުމަށް އޭނާ ސާޖަރީއެއް ވެސް ފުރިހަމަކޮށްފައިވެއެވެ. ޖޮކޮވިޗް ވަނީ އަނިޔާއިން ސަލަމާތްވުމަށް ފަހު މިދިޔަ ހަފްތާގައި މެލްބަންގައި ކުރިޔަށްދިޔަ ކޫޔޮންގް ޓެނިސް ކްލެސިކްގައި ވާދަކޮށްފައެވެ.

މުބާރާތް ފެށުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޖޮކޮވިޗް ބުނީ އަދިވެސް އަނިޔާ އެއްކޮށް ރަނގަޅު ނުވާ ކަމަށާއި 100 އިންސައްތަ ފިޓްނެސްއަށް އައުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ކޮންމެ ދުވަހަކު ވެސް ކުރިއެރުން ފެންނަމުންދާ ކަމަށާއި މުބާރާތް ފެށުމުގެ ކުރިން 100 އިންސައްތަ ފިޓްނެސްއަށް ދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ޖޮކޮވިޗް ބުންޏެވެ.

އޭނާ ބުނީ މުބާރާތުގެ ތެރޭގައި އަނިޔާ ގޯސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ވާދަވެރި މުބާރާތެއްގައި ނުކުޅެ ހުރުމަށް ފަހު ކުޅެން ޖެހުމުން ކޮންމެ ވެސް ވަރަކަށް ޖެހިލުންވާ ކަމަށެވެ. އަދި މުބާރާތުގައި ވާދަކުރަން ނިންމީ އެހެން ކުޅުންތެރިންނާއި ވާދަކުރެވޭނެކަން ގަބޫލުކުރެވޭތީ ކަމަށް އޭނާ ބުނެފައިވެއެވެ.

އަނިޔާ އިން އެނބުރި އައިސް، އޮފް ސީޒަންގައި ޖޮކޮވިޗް ވަނީ އޭނާގެ އާ ކޯޗު ކަމަށްވާ ރެޑެކް ސްޓެޕަނެކްއާ އެކު ފަރިތަކުރުންތައް ކުރިޔަށް ގެންގޮސްފައެވެ. އަދި މި މުބާރާތަށް ޖޮކޮވިޗް ތައްޔާރުކޮށްދިނުމުގެ ގޮތުން ޓެނިސް ލެޖެންޑެއް ކަމަށްވާ އަންދްރޭ އަގާސީ ވެސް ވަނީ މެލްބަންއަށް ގޮސްފައެވެ. ޖޮކޮވިޗްގެ ތަމްރީނުތައް ބިނާކުރަމުން އަންނަނީ އޭނާގެ އުޅަބޮށްޓައް ލޯޑު ކުޑަވާނެ ގޮތަށް ކަމަށް މީޑިއާތަކުން ބުނެއެވެ.

މިދިޔަ އަހަރުގެ ޓެނިސް ސީޒަނުގެ ބޮޑުބައި ޖޮކޮވިޗްއަށް ގެއްލުނުއިރު އޭނާގެ ރޭންކިންއަށް ވެސް މިކަމުގެ ސަބަބުން ބޮޑެތި އަސަރުތަކެއް ކުރިއެވެ. ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮވެގެން އޭނާ 2017 ވަނަ އަހަރު ފެށިއިރު އަނިޔާގެ ސަބަބުން މުބާރާތްތައް ގެއްލުމާއި ގުޅިގެން އޭނާ އަހަރު ނިންމާލީ 14 ވަނައިގައި ރޭންކް ކުރެވިގެންނެވެ މިއަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ޖޮކޮވިޗް ސީޑު ކުރެވިފައިވަނީ 14 ވަނައަށެވެ. އޭނާގެ ފުރަތަމަ މެޗުގައި އަންގާރަ ދުވަހު ނުކުންނާނީ އެމެރިކާގެ ޑޮނަލްޑް ޔަންގްއާ ދެކޮޅަށެވެ.

މިއަހަރުގެ މުބާރާތަށް އޭނާ ނުކުންނާނީ ހަތްވަނަ ފަހަރަށް މި މުބާރާތް ކާމިޔާބުކޮށް 13 ވަނަ ގްރޭންޑް ސްލޭމްއެއް ކާމިޔާބުކުރުމުގެ އުއްމީދުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް