ކ. މާލެ
|
13 ޖެނުއަރީ 2018 | ހޮނިހިރު 18:22
މިނިސްޓަރ ސައީދު: ވަޒީރުކަމަށް ވަޑައިގެންނެވީ ޖޭޕީގެ ސްލޮޓެއްގައި
މިނިސްޓަރ ސައީދު: ވަޒީރުކަމަށް ވަޑައިގެންނެވީ ޖޭޕީގެ ސްލޮޓެއްގައި
ރައީސް އޮފީސް
މަގޭ ރިޕޯޓް
ތަޅާ އަނގައިން ލަދުން ބޯ ހަލާކު!.
ބައެއް މީހުންނަކީ ބޮޑެތި ހުކުމްތައް އައިސްފައިވާ މީހުން
ވަޒީރުކަމަށް ވަޑައިގެންނެވީ ބައެއްގެ ސްލޮޓުގައި
ޤާސިމަށާއި ޔާމީނަށް ހުޝާމިދު ކުރި މީހުން މިއަދު ދަނީ ފާޅުގައި ފާޑުކިޔަމުން

އަނެއްކާ ވެސް މިއީ ތަފާތު މޫސުމެކެވެ. ވައި އެނބުރޭ މިމޫސުމުގައި ފުއްޓަރު ބޭރަށްލާފައިވާ ފަނާތައް ހީވަނީ ހަމަ ދެންމެ ދެންމެ ކަހާލަ ފާނެ ހެންނެވެ. އިރުވައި މޫސުމެއް ކަމަކު އޮޑީގައި ތިބެގެން ޖަހަން ފެށި ސަކަރާތް ވިހަވެ، މީހާ ބަދުނާމްވެ، ހަފޮޅުން ބޭރަށް ފުންމާލަން ޖެހޭވަރަށް ބޮލާފޮށާ އެޅިދާނެހެން ވެސް ބައެއް މީހުންނަށް ހީވާ ދުވަސްވަރެކެވެ.

ކޮންމެހެން ދިއުޅި ދިގު ކުރާކަށް ހާސަރުތަކެއް ދަމާނެ ކަމެއް ނެތެވެ. މަރުތޭލުން ސީދާ މޮހޮރު ބޮލުގައި ޖަހާލާނަމެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ އިސްފަޑީގައި މިއަދު ތިބި ގިނަ މީހުންނަކީ ދުވަހަކު ކޮޅުން ވެސް ސިޔާސީ މައިދާނުން އެހިސާބަށް އާދެވޭ ވަރުގެ އުރައްޕެއް ހުރި ބައެއް ކަމަކަށް ގިނަ ބަޔަކު ޤަބޫލެއް ނުކުރެއެވެ. ކުޑައިކޮށް ވެސް ރާއްޖޭގެ ސިޔާސީ މަޝްރަހުގެ އާޖުފާޖު ދަންނަ އެއްވެސް މީހަކަށް އަމުދުން އެކަމެއް ނޯޅެއެވެ. އެމީހުންގެ ފަސްބައި ހުރި ގޮތުންނެވެ. އެމީހުންގެ ވަތުބަތަނާތަކުންނެވެ. އެމީހުންގެ މާޒީ ބަލާލުމުންނެވެ. މިކަމުގައި ސައީދެއް ނިހާނެއް އަދި އަދުރޭއެއް ކިޔާނެ ކަމެއް ނެތެވެ. ޝައިނީއެއް ޒަމީރެއް އަދި އެހެން މީހަކު ވެސް އިސްތިސްނާވެގެނެއް ނުވެއެވެ. އަމުދުން ޚުދު ރައީސް ޔާމީނަށް ވެސް އެމަޤާމަށް އާދެވިދާނެ ކަމަކަށް ޤަބޫލުކުރި ބަޔަކު މި އުޑު ބަޅުކުރި ހިސާބުގައި މަދެވެ.

އެކަމުގެ ނަތީޖާއެއްގެ ގޮތުން އެވެރިން އެމަޤާމްތަކަށް އާދެވުމުގައި އެހެން ބައެއްގެ އަތް އަޅާލުން ވަރަށް ބޮޑެވެ. އެހެން މީހެއްގެ މުއްފަތުން ބޮޑުވުން ލާޒިމް ވެފައި ވެއެވެ. ބައެއްގެ މޯހިރުގައި އުޅުނުއިރު ލައްކަ ވާހަކަ ދައްކައި ބަސްމަގު ރީތި ހުޝާމިދުތައް ކުރަން ޖެހިފައިވެއެވެ.

އެއް ބަޔަކީ ރަށުގައި ހުއްޓާ ގޮތެއް ނެތި ހުއްޓާ ގެނެސް އުނުއޮރިޔާން ނިވައި ކޮށްދިނުމާ ގޭތަށިމަތިން ކާންދީގެން ކަރަތަކުން ކިޔަވައިދީ ބޮޑެތި މީހުންނަށް ހަދައިދިން މީހުންނެވެ. ލައްކައިން ގުނާލެވޭވަރަށް ފައިސާ ހޭދަކޮށްގެންނެވެ. ނުވިތާކަށް އަމަލީ މައިދާނަށްވެސް ނެރެ ބޮޑެތި ސިންގާހާ ރިސޯޓްތަކުގެ ޖެނެރަލް މެނޭޖަރުންގެ ގޮނޑީގައި ބައިތިއްބައިދިނެވެ. އަމިއްލަ ދަރިންހެންނެވެ. އަމިއްލަ މުދަލުން ވާރުތަ ވެރިންނަށް ބަހާހެން ހިއްސާ ދޭހާ ކައިރިކޮށްގެންނެވެ.

އަނެއް ބަޔަކީ ދުނިޔޭގެ އަޖަލުގައި ޖެހި ބޮޑެތި ސިންގާހާ ހުކުމްތައް އައިސް ތިބި މީހުންނެވެ. ކުރެވުނު ކުށާ ހުރެ އެއިން މަޤާމަކަށް ކުރިމަތިލާން ލަދުން ވެސް ނުކެރޭހާ މީހުންނެވެ. ދެން ތިބި މީހުންނަކީ އުޅެވުނު ގޮތުން މީހުން ބަލައިގަންނަން ފޫހިވި މީހުންނެވެ.

މިމީސް މީހުން ސިޔާސީ މައިދާނަށް ނެރުނީ ހެޔޮއެދޭ ބައެކެވެ. ޕީޕީއެމުން ނަމަ ރައީސް މައުމޫނު ހުނިޖަހާލާފައި ނެގެއެވެ. އެމަނިކުފާނުގެ އެންޑޯސްމަންޓުން އެދާއިރާއަށް ނެރުނީ އެމަނިކުފާނަށް ކުރާ ގަދަރު އެމީހުންނަށްޓަކައި އެހެން މީހުން ވެސް ކުރަން ވިދާޅުވެގެންނެވެ. އަތުކުރީ ލައިގެން ހިނގާ އެމީހުން ބަޔަކަށް ހެދީތީއެވެ. ކެމްޕޭނުތަކުގައި އެމީހުންނަށް ވުރެ ބޮޑަށް ރައީސް މައުމޫނުގެ ފޮޓޯފުޅު ދައްކައިގެންނެވެ. ކެންޕޭނު މެޓީރިއަލްތަކުގައި ރައީސް މައުމޫނުގެ ބަސްފުޅުތަކާއި އެމަނިކުފާނާއެކު ނަގާފައިވާ ފޮޓޯތައް ހިމަނައިގެންނެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަކީ ވެސް އެފަދަ ބޭފުޅެކެވެ. ނިކަމެތިންނަށް އަޅައިލި ބީދައިން އެމަނިކުފާނުގެ މަސައްކަތުން މިއަދު މިނިސްޓަރުންނާއި މަޖިލިސް މެންބަރުންނަށް ހަދާފައި ތިބީކީ މަދު ބައެއް ނޫނެވެ.

އެކަމަކު ޒަމާނަށް އައި ބަދަލާ އެކު އޭގެ ތެރެއިން ބަޔަކު ބަދަލުވެއްޖެއެވެ. މީހާއަށް މީހާއަށް އޮޅިއްޖެއެވެ. އެއްބަޔަކަށް ކުއްޅަވަކުގައި ތަނޑި އިންނަ ކޮޅު އެޅިއްޖެއެވެ. ރަށުގައި ލައިއުޅުނު ގަންޖިފަރާސްގަނޑާ އަނދެ އުޅުނު މުންޑުގަނޑުމަތިން އަމުދުން ހަނދާނެއް ނެތެވެ. އެއަށްވުރެ ބޮޑަށް ވަޒީރުކަން މުހިއްމު ވެއްޖެއެވެ. ގެންގުޅެ ބޮޑުކުރި މީހާ ބޮލަށް ފަސްފުރަން ފެށިއްޖެއެވެ. ހެޔޮކަމަކަށް ތެޔޮހަމެކޭ ބުނެ ކާންދިން އަތުގައި ދަތްއަޅައިފިއެވެ. މިއަދުގެ ވަޒީފާގެ އަވައިގާ ޖެހި މިހާރުގެ ބޮހަށް ހުޝާމިދު ކުރުމުގައި ކިޔޭ ނުކިޔޭ އޮޅިއްޖެއެވެ.

ކޮންމެއަކަސް ލިބުނު މޮޅައިގެން އެމީހުންނަށް ތިބެވޭ ގޮތް ނުވެ ކުރާންފެށި ކަމަކުން ގިނަ ބަޔަކު ހަޖޫޖަހަން ފަށައިފިއެވެ. އެހިސާބަށް ގެނެސްދިން މީހުންނަށް އެފަދަ ހާލެއް ޖައްސާފައި ގޮސް މިއޮށް ހުރިހާ ދުވަހު އުޅުނުއިރު ވެސް އެވެރިން ތިބީ ސުއްބު ވެސް ނުބުނެއެވެ. އެކަމަކު އަމިއްލައަށް އަނގަފުޅާކޮށް ކުނިހުތުރު ގޮވަން ފެށީމާ ހިމޭނުން ހުރެވޭނީ ފަހެ ކާކަށް ހެއްޔެވެ. މަޤާމާ ޖާހާ މަންސަބަށްޓަކައި ތިޔައީ ދެން ބޮޑުވަރެވެ. ތިޔަ ތަޅާ އަނގައިން ހަމަ ލަދުން ބޯ ހަލާކެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް