ކ. މާލެ
|
12 ޖެނުއަރީ 2018 | ހުކުރު 12:28
ޔުއެފާ ޓީމް އޮފް ދަ އިޔަރއަށް ހޮވުނު ކުޅުންތެރިން
ޔުއެފާ ޓީމް އޮފް ދަ އިޔަރއަށް ހޮވުނު ކުޅުންތެރިން
ޔުއެފާ
ޔުއެފާ ޓީމް އޮފަ ދަ އިޔަރ
ޔުއެފާގެ ޓީމް އޮފް ދަ އިޔަރ އާންމުކޮށްފި
މި ޓީމުގައި އެންމެ ގިނައިން ހިމެނެނީ ރެއާލްގެ ކުޅުންތެރިން
މި ޓީމު ހޮވުމަށް 8.8 މިލިއަން ވޯޓު ދީފައިވޭ
މި ޓީމުގައި ނޭމާ އަދި ކޭން ހިމެނިފައެއް ނުވޭ

ނިމިގެންދިޔަ 2017 ވަނަ އަހަރު ޔޫރަޕުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިންގެ މައްޗަށް ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ އިން އެކުލަވާލި ޓީމު އާންމުކޮށްފިއެވެ.

މި ޓީމަކީ ޔުއެފާގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ސަޕޯޓަރުން ވޯޓް ދީގެން ހޮވާފައިވާ ޓީމެކެވެ. މި ޓީމު އެކުލަވާލުމަށް ޖުމްލަ 8.8 މިލިއަން ވޯޓް ލިބިފައިވާ ކަމަށް ޔުއެފާގެ ރަސްމީ ވެބްސައިޓްގައި ވެއެވެ. މިއީ ރެކޯޑު އަދަދެކެވެ. މިފަހަރުގެ ޓީމުގައި އެންމެ ގިނައިން ހިމެނިފައި ވަނީ މިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގު އުފުލާލި ރެއާލް މެޑްރިޑްގެ ކުޅުންތެރިންނެވެ. މިފަހަރަގެ ޓީމުގައި މިދިޔަ ސީޒަނުގެ ޔުއެފާ ޔުރޮޕާ ލީގު އުފުލާލި އިނގިރޭސިވިލާތުގެ މެންޗެސްޓާރ ޔުނައިޓެޑްގެ އެއްވެސް ކުޅުންތެރިޔަކު ހިމެނިފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ގޯލްކީޕަރުގެ ގޮތުގައި މި ޓީމަށް ހޮވުނީ ނިމިގެންދިޔަ ސީޒަނުގައި ޔުވެންޓަސްއާ އެކު އިޓާލިއަން ސެރީއޭ އަދި އިޓާލިއަން ކަޕް ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކުރި އެ ޓީމުގެ ކެޕްޓަން ޖިއަންލުއީޖީ ބުފޮންއެވެ. އުމުރުން 39 އަހަރުގެ ބުފޮންއަކީ ޔުއެފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ޓީމަށް މިހާތަނަށް ހޮވުނު އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއެވެ.

ހަތަރު ޑިފެންޑަރުންގެ މައްޗަށް އެކުލެވުނު މި ޓީމުގެ ޑިފެންސްގައި ހަރަކާތްތެރި ވަނީ ޔުވެންޓަސްގެ ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީ އާއި ޕީއެސްޖީގެ ޑިފެންޑަރު ޑެނީ އަލްވޭސްގެ އިތުރުން ރެއާލްއާ އެކު ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލަލީގާ ކާމިޔާބުކުރި މާސެލޯ އަދި އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. މިފަހަރު ވެސް އެންމެ ގިނަ ވޯޓު ލިބިގެން މި ޓީމަށް ހޮވުނު ކުޅުންތެރިޔަކީ ރާމޯސްއެވެ.

މި ޓީމުގެ މިޑްފީލްޑުގައި ހަރަކާތްތެރި ވަނީ ރެއާލްގެ މެދުތެރޭގެ މައި ދެ ތަނބު ކަމަށްވާ ޓޯނީ ކްރޫސް އާއި ލޫކާ މޮޑްރިޗްގެ އިތުރުން މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑެބްރައިނާ އަދި ޗެލްސީގެ މިޑްފީލްޑަރު އެޑެން ހަޒާޑްއެވެ. މި ކުޅުންތެރިންގެ ތެރެއިން މިއީ ހަޒާޑް އަދި ޑެބްރައިނާ މި ޓީމަށް ހޮވިގެންދިޔަ ފުރަތަމަ ފަހަރެވެ. ހަމައެހެންމެ ޑެބްރައިނާ ވެގެން ގޮސްފައި ވަނީ މި ޓީމަށް ހޮވުނު މެންޗެސްޓާ ސިޓީއަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާއަށެވެ.  

މި ޓީމުގެ ފޯވާޑް ލައިން ބެލެހެއްޓުމަށް ސަޕޯޓަރުން ވޯޓު ދީފައި ވަނީ ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ރެއާލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ބާސާގެ ލިއޮނެލް މެސީއެވެ. މި ދެ ކުޅުންތެރިންގެ ތެރެއިން ރޮނާލްޑޯއަކީ މިދިޔަ އަހަރު ފީފާއިން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.

މިފަހަރުގެ ޓީމުން އެންމެ ފާހަގަކޮށްލެވެނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ކަމަށްވާ ނޭމާއަށް ފުރުސަތު ލިބިފައިނުވުމެވެ. ހަމައެހެންމެ އެ ޓީމަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭއަށް ވެސް ފުރުސަތު ލިބިފައިނުވާއިރު ނިމިގެންދިޔަ 2017 ވަނަ އަހަރު އެންމެ ގިނަ ލަނޑު ޖެހި ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭންއަށް ވެސް ފުރުސަތު ދީފައި ނުވެއެވެ. ކޭންއަށް ފުރުސަތު ދީފައިނުވާތީ އިނގިރޭސި މީޑިއާއިން އަންނަނީ ބޮޑެތި ފާޑުކިޔުންތަކެއް މި ޓީމަށް އަމާޒުކުރަމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް