ކ. މާލެ
|
11 ޖެނުއަރީ 2018 | ބުރާސްފަތި 18:25
ހެރީ ކޭން
ހެރީ ކޭން
ގެޓީ އިމޭޖަސް
ހެރީ ކޭން
ރޮނާލްޑޯ އަދި މެސީއާ އެއް އަދަދަކަށް ތަށި ހޯދަން ބޭނުން: ކޭން
ދުނިޔޭގެ ބޮޑެތި ޓީމުތަކުން އަންނަނީ ކޭންއަށް ފާރަލަމުން
މީގެ ކުރިން މީޑިއާތަކުން ކޭން ސިފަ ކޮށްފައި ވަނީ "ވަން ސީޒަން ވޮންޑާ" އެއްގެ ގޮތުގައި

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަދި ރެއާލް މެޑްރިޑްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއް އަދަދަކަށް ތަށި ހޯދަން ބޭނުންވާ ކަމަށް އިނގިރޭސިވިލާތުގެ ޓޮޓެންހަމްއަށް ކުޅެމުން އަންނަ ފޯވާޑް ހެރީ ކޭން ބުނެފިއެވެ.

ނިމިގެންދިޔަ 2017 ވަނަ އަހަރަކީ ކޭންއަށް ވަރަށް ކާމިޔާބު އަހަރެކެވެ. އޭނާ ވަނީ އެ އަހަރުގެ ތެރޭގައި ކުޅުނު 52 މެޗުގައި 56 ލަނޑު ޖަހާފައެވެ. ޔޫރަޕްގެ ގަދަ ފަސް ލީގުގައި ކުޅޭ އެހެން އެއްވެސް ކުޅުންތެރިޔަކަށް މި އަދަދަށް ލަނޑު ޖެހިފައެއް ނުވެއެވެ. ކޭންގެ މި ރެކޯޑާ އެކު އޭނާ ވެގެން ގޮސްފައި ވަނީ ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭ ރޮނާލްޑޯ އާއި މެސީއަށް ވުރެ ގިނައިން ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ހަމައެހެންމެ 2017 ވަނަ އަހަރު ޕްރިމިއާ ލީގުގައި އޭނާ ޖެހި 36 ލަނޑަކީ ވެސް ރެކޯޑެކެވެ.

މަޝްހޫރު ޓީވީ ޗެނަލް އީއެސްޕީއެން އަށް ދިން އިންޓަވިއުއްގައި އުމުރުން 24 އަހަރުގެ ފޯވާޑް ބުނީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭ ރޮނާލްޑޯ އާއި މެސީއާ އެއް ފެންވަރަކަށް އެހެން އެއްވެސް ކުޅުންތެރިޔަކަށް ކުޅެވިފައި ނުވާ ކަމަށާއި އެ ދެ ކުޅުންތެރިންނަށް ތާރީހުން ޖާގަ ލިބޭނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ގޮތުގައި ކަމަށެވެ.

މިދިޔަ އަހަރު އެ ދެ ކުޅުންތެރިންނަށް ވުރެ ގިނައިން ލަނޑު ޖެހުމަކީ ފަޚުރުވެރިވާން ޖެހޭ ކަމެއް ކަމަށާއި އޭނާއަށް މުހިންމު ވަނީ ކޮންމެ އަހަރަކު ވެސް އެ މަގާމު ހޯދުން ކަމަށް ކޭން ބުނެފައި ވެއެވެ. އޭނާ ބުނީ އެ ދެ ކުޅުންތެރިން ފަހަތަށް ޖައްސާލަން ބޭނުން ވާނަމަ އެ ދެ ކުޅުންތެރިންނާ އެއް އަދަދަކަށް ތަށި ހޯދަން ޖެހޭ ކަމަށާއި މިހާ ހިސާބަށް އޭނާގެ ޓީމާއެކު ކުރެވިފައިވާ ކަންކަމާ މެދު އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ.

ކޭން ކުޅެމުން އަންނަ ޓޮޓެންހަމްއަށް މި ސީޒަނަކީ ތަފާތު ސީޒަނެކެވެ. ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާއި ބޮރޫޝިއާ ޑޯޓްމަންޑާ އެކު އެއް ގްރޫޕެއްގައި ހިމެނުނުއިރު އެ ޓީމުން ވަނީ އެ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ކޮލިފައިންގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި ސީޒަނާ ގުޅޭ ގޮތުން ކޭން ބުނީ އަދި ސީޒަނުގެ މިހާތަނަށް ޓީމުން ދައްކަމުން އަންނަ ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި ސްޓޭޑިއަމް ބަދަލުކުރުން ޖެހުމުން އެކަމުގެ އަސަރުތައް ފެންނަމުންދާ ކަމަށެވެ.

މީގެ ކުރިން މީޑިއާތަކުން ކޭން ސިފަ ކޮށްފައި ވަނީ "ވަން ސީޒަން ވޮންޑާ" އެއްގެ ގޮތުގައެވެ. މިކަމާ  ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކޭން ބުނެފައި ވަނީ އަދިވެސް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށާއި އޭނާ މަސައްކަތްކުރަމުން އަންނަނީ ކޮންމެ ސީޒަނެއްގައި ވެސް ދައްކާ ކުޅުން އިތުރަށް ރަނގަޅު ކުރަން ކަމަށެވެ. އޭނާ ބުނީ އަމާޒަކީ ރޮނާލްޑޯ އާއި މެސީ ފަހަތަށް ޖައްސާލުން ކަމަށާއި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ލޭބަލްވުމަކީ ދެކޭ ހުވަފެނެއް ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑެތި ޓީމުތަކުން ކޭންއަށް ފާރަލަމުން އަންނައިރު ބެލެވޭ ގޮތުގައި އޭނާ ޓޮޓެންހަމް ދޫކޮށްލާނީ އެ ޓީމަށް ތަށި ނުހޯދޭ ނަމަވެއެވެ. ކޭން އަންނަނީ މި ސީޒަނުގައި ޓޮޓެންހަމްގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ކޭން ވަނީ 2020 ވަނަ އަހަރުގެ ނިޔަލަށް ޓޮޓެންހަމްގައި މަޑުކުރަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނިންމައި އާ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ކޭން ވަނީ އެޓީމަށް ކުޅުނު 173 މެޗުގައި 113 ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ސީޒަނުގެ މިހާތަނަށް އޭނާ ވަނީ ކުޅުނު 26 މެޗުގައި 26 ލަނޑު ޖަހައިދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް