ކ. މާލެ
|
11 ޖެނުއަރީ 2018 | ބުރާސްފަތި 18:15
ޕީއެސްޖީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ޕީއެސްޖީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
ފްރެންޗް ލީގު ކަޕް
ފްރެންޗް ލީގު ކަޕް: ޕީއެސްޖީ ސެމީއަށް ދަތުރުކޮށްފި
އެމިއެންސްއާ ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ މޮޅުވެފައި ވަނީ 2-0 ނަތީޖާއަކުން
ޕީއެސްޖީ ސެމީގައި ނުކުންނާނީ ރެނޭސްއާ ދެކޮޅަށް
ސެމީގެ ދެވަނަ މެޗުގައި މޮނާކޯ އަދި މޮންޓްޕިލޭ

ފްރެންޗް ލީގު ކަޕްގެ ކުއާޓާ ފައިނަލްގައި ކުޅުނު މެޗުން މޮޅުވެ ވަރުގަދަ ޕީއެސްޖީ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރަށުން ބޭރުގައި އެމިއެންސްއާ ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ މޮޅުވެފައި ވަނީ 2-0 ނަތީޖާއަކުންނެވެ. މި މެޗުގައި ޕީއެސްޖީ އިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މި މެޗުގައި އެ ޓީމުން އުފެއްދި ގިނަ ހަމަލާތަކެއް ދިފާއުކުރުމުގައި އެމިއެންސްގެ ޑިފެންސުން ވަނީ ރަނގަޅު މަސައްކަތްތަކެއް ކޮށްފައެވެ.

ފުރަތަމަ ހާފު ފެށިގެން ޕީއެސްޖީ އިން ވަނީ އެމިއެންސްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެމިއެންސް އިން ރަނގަޅަށް ޑިފެންސް ކުރަމުން އަންނަނިކޮށް އެ ޓީމަށް ގޮންޖެހުންތަކަކާ ކުރިމަތިވެގެންދިޔައީ މެޗުގެ 34 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭއަށް ފައުލްކުރުމާއި ގުޅިގެން އެ ޓީމުގެ ކީޕަރު ރެޖިސް ގަޓްނާރއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމާ ގުޅިގެންނެވެ. މި މެޗުގެ ބާކީ ބައި އެމިއެންސްއިން ފުރިހަމަކޮށްފައި ވަނީ 10 ކުޅުންތެރިންނާއެކުއެވެ. އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ އެމިއެންސްގެ ގޯލު ޕީއެސްޖީއަށް ފުރަތަމަ ހާފުގައި ހުޅުވާލެވިފައެއް ނުވެއެވެ.

ދެ ޓީމު އެއްވަރުވެގެން، ފުރަތަމަ ހާފު ނިމުނުއިރު ޕީއެސްޖީ އިން ވަނީ ދެވަނަ ހާފުގައި ނަތީޖާ ބަދަލުކުރުމަށް އެ ޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. ޕީއެސްޖީއަށް މެޗުގެ ލީޑު ލިބިގެންދިޔައީ 52 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ ނޭމާ ކާމިޔާބުކޮށްދިނުމާ އެކުއެވެ. މި ލަނޑަށް ފަހު އެ ޓީމުގެ ކުޅުން އިތުރަށް ވަރުދަގަކުރިއިރު އެ ޓީމުން ވަނީ ފުލުފުލުގައި ހަމަލާ އުފައްދާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 78 ވަނަ މިނެޓުގައި އެންހެލް ޑިމަރިއާ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެޑްރިއަން ރެބިއޯ ލީޑު އިތުރަށް ފުޅާކޮށްދިނެވެ.

ޕީއެސްޖީއާ ދެކޮޅަށް ސެމީގައި ނުކުންނާނީ 4-2 ގެ ނަތީޖާއަކުން ކުއާޓާ ފައިނަލްގައި ޓުލޫސް ބަލިކުރި ރެނޭސްއެވެ. މި މެޗުގައި ރެނޭސް އިން ޖެހި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ އެޑްރިއަން ހޯނޯ އަދި ބެންޖަމިން ބޮރިގޯޑްއެވެ. އެ ޓީމުގެ ހަތަރު ވަނަ ލަނޑަކީ ޓުލޫސްގެ ސްޓީވް ޔާގޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗުގައި ޓުލޫސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޔާޔާ ސަނޯގޯ އަދި އިސާގާ ސިއްލާއެވެ.

މި މުބާރާތުގެ ދެވަނަ ސެމީގައި ބައްދަލުކުރާނީ މޮނާކޯ އަދި މޮންޓްޕިލޭއެވެ. މިފަހަރުގެ ސެމީ އިން މޮންޓްޕިލޭ ޖާގަ ހޯދީ ކުއާޓާގައި 1-0 ގެ ނަތީޖާއަކުން އެންގަރސް ބަލިކޮށްގެންނެވެ. މި މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ޖަހައިދިނީ އައިޒަކް ބެންޒާއެވެ. އެ ޓީމާ ދެކޮޅަށް ސެމީގައި ނުކުންނަ މޮނާކޯ ސެމީއަށް ދަތުރުކުރީ ރަށުން ބޭރުގައި 2-1 ގެ ނަތީޖާއަކުން ނީސް ބަލިކޮށްގެންނެވެ. މި މެޗުގައި މޮނާކޯ އަށް ލަނޑުތައް ޖަހައިދިނީ ތޯމަސް ލެމާރ އަދި އާދަމާ ޑިއާބީއެވެ. ނީސްގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ އަލަސަން ޕްލީއެވެ.

މި މުބާރާތުގެ ވޭތުވެދިޔަ ހަތަރު އަހަރު ވެސް ކާމިޔާބުކުރީ ޕީއެސްޖީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް