ކ. މާލެ
|
11 ޖެނުއަރީ 2018 | ބުރާސްފަތި 10:53
މި މެޗުގައި ރެއާލްގެ ދެ ލަނޑު ވެސް ޖަހައިދިން ލޫކަސް ވަސްކުއޭޒް
މި މެޗުގައި ރެއާލްގެ ދެ ލަނޑު ވެސް ޖަހައިދިން ލޫކަސް ވަސްކުއޭޒް
ގެޓީ އިމޭޖަސް
ސްޕެނިޝް ކޮޕާ ޑެލްރޭ
ސްޕެނިޝް ކޮޕާ ޑެލްރޭ: ދެވަނަ ލެގު އެއްވަރުވިޔަސް ރެއާލް ކުއާޓާއަށް
އަމިއްލަ ދަނޑުގައި ނުމަންސިއާ އާއި ދެކޮޅަށް ކުޅެ ރެއާލް އެއްވަރުވީ 2-2 ގެ ނަތީޖާއަކުން
އެހެން ނަމަވެސް ރެއާލް ވަނީ ފުރަތަމަ ލެގު 3-0 އިން ކާމިޔާބުކޮށްފައި

ސްޕެނިޝް ކޮޕާ ޑެލްރޭގައި ކުޅުނު ދެވަނަ ލެގުގެ މެޗު އެއްވަރުވި ނަމަވެސް ރެއާލް މެޑްރިޑްއިން ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ދެވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ނުމަންސިއާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރެއާލް އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރެއާލްގެ ފުރަތަމަ އެގާރައިން ގިނަ ބަދަލުތަކެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ޒުވާން ގިނަ ކުޅުންތެރިންތަކަކަށް މި މެޗުގައި ފުރުސަތު ދީފައެވެ. މި މެޗާއި ރެއާލްއިން ކުރިމަތިލިއިރު މީގެކުރިން ނުމަންސިއާއާ ދެކޮޅަށް އެ ޓީމު ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބު ކޮށްފައިވެއެވެ.

ފުރަތަމަ ހާފުގައި ރެއާލްގެ ޒުވާން ކުޅުންތެރިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެގޮތުން އެ ޓީމުން ވަނީ ނުމަންސިއާގެ ހާފުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ އެ ޓީމުގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލަފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 10 ވަނަ މިނެޓުގައި ޑެނީ ކަވަހާލް ނަގައިދިން ހުރަހަކުން ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ރެއާލްއަށް ލީޑު ނަގައިދިނީ ލޫކަސް ވަސްކުއޭޒްއެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ނުމަންސިއާގެ ގުއިލާމޯ ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީ މެޗުގެ ނަތީޖާ އެ ޓީމަށް ހަމަހަމަ ކޮށްދީފައެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފު ފެށިގެން ނުމަންސިއާއިން އެ ޓީމުގެ ކުޅުން ރަނގަޅު ކުރިއެވެ. އެހެން ނަމަވެސް މެޗުގެ 59 ވަނަ މިނެޓުގައި ލޫކަސް ވަސްކުއޭޒް އަނެއްކާ ވެސް ލަނޑެއް ޖަހައިދީ ރެއާލްއަށް އަލުން އަނބުރާ މެޗުގެ ލީޑު ހޯދައިދިނެވެ. މި ލަނޑަށް ފަހު ނުމަންސިއާއިން އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 82 ވަނަ މިނެޓުގައި ގުއިލާމޯ ލަނޑެއް ޖަހައިދީ އެ ޓީމަށް އަނެއްކާ ވެސް ނަތީޖާ ހަމަހަމަ ކޮށްދިނުމެވެ.

މި މެޗު އެއްވަރުވި ނަމަވެސް ރެއާލް ކުއާޓާއަށް ދަތުރުކުރީ ނުމަންސިއާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވާތީއެވެ. ގެރެތް ބޭލްއާއި އިސްކޯގެ އިތުރުން ބޯޖާ މަޔޯރާލްގެ ލަނޑުތަކާއެކު ރެއާލްއިން ފުރަތަމަ ލެގު ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއިމެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި ކޮންމެ ހާފެއްގެ ވެސް އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ބައިކޮޅަށް ލަނޑެއް ވަދެފައިވުމަކީ ހިތްހަމަނުޖެހޭ ކަމެއް ކަމަށެވެ. އަދި އަނެއްކާ ވެސް ކުޅުންތެރިން ފޯމަށް އެޅެމުންދާ މަންޒަރު ފެންނަމުންދާ ކަމަށާއި މި މުބާރާތުގައި އިތުރަށް ކުރިޔަށް ދިޔުމަށް މަސައްކަތްކުރާނެ ކަމަށް ޒިދާން ހާމަކުރިއެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލްއިން ޖާގަ ހޯދާފައިވާ ޓީމުތަކުގެ ތެރޭގައި ރެއާލްގެ އިތުރުން އެޓްލެޓިކޯ މެޑްރިޑާއި ވެލެންސިއާ އާއި އަލާވޭސްގެ އިތުރުން ލެގާނޭސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް