ކ. މާލެ
|
7 ޖެނުއަރީ 2018 | އާދީއްތަ 09:13
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް - އެ ކޯޓަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވޭ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް - އެ ކޯޓަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވޭ
މުހައްމަދު ޝަރުހާން
މަގޭ ރިޕޯޓް
އިންސާފު ޤާއިމްކުރުމުގައި ސުޕްރީމް ކޯޓު ވަނީ ފެއިލްވެފައި!؟
އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކެއް ސުޕްރީމް ކޯޓުން ނުހަދާ
މެމްބަރުންގެ ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން ޤައުމު ވައްޓާލާފައިވަނީ ބޮޑު ބަހުސްއެއްގެ ތެރެޔަށް

އަދުލް އިންސާފު ގާއިމުކުރުމުގެ ހުރިހާ ބާރެއް އަދި ކޮންމެ މައްސަލައެއްގައި ގާނޫނީ އިމުގެ ތެރެއިން ފަހު ބަސް ބުނުމުގެ ޖާގަ ދީފައި އޮތީ ސުޕްރީމް ކޯޓަށެވެ. މި ޒިންމާ އުއްތަމަ ފަނޑިޔާރުގެ އިތުރުން، އެ ކޯޓުގެ ކޮންމެ ފަނޑިޔާރެއްގެ އިސްތަށިފުޅުގައި އެޅިފައިވެ އެވެ. 

 

ޤާނޫނު އަސާސީއާއި، ޤާނޫނުތައް ނަގަހައްޓައި، އެކަމުގައި ނަމޫނާވެސް ދައްކަވަންޖެނީ ސުޕްރީމް ކޯޓުނެވެ. އެ ކޯޓުގެ ފަނޑިޔާރުންނެވެ. ނަމަވެސް މިއަދު އުފައްދަންޖެހިފައިވާ ސުވާލަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، އެ ކޯޓަކީ ޤާނޫނު އަސާސީއާއި، ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތާ ބަޔެއްތޯ އެވެ. ޤާނޫނުތަށް ނަގަހައްޓާ ބަޔެއްތޯ އެވެ.

 

ހިތާމަޔާއެކުގައި ފާހަގަކުރަންޖެހެނީ، މިއަދުގެ ސުޕްރީމް ކޯޓަކީ އެފަދަ ތަނެއް ނޫންކަމެވެ. ޤާނޫނު އަސާސީ ނަގަހައްޓައި، އެކަމުގައި ނަމޫނާ ދެއްކުމަށް އެ ކޯޓު ފެއިލްވެފައިވާކަމެވެ. އިންސާފު ޤާއިމްކޮށް، އެ ކޯޓަށް ހުށައެޅޭ މައްސަލަތަކުގައި ޝަރުއީ ހައްލުތައް ހޯދައިދޭ ބަޔެއް ނޫން ކަމެވެ. ބަޔެއް މިސާލުތަކަށް ބަލާލާނަމެވެ.

 

 

ރާއްޖޭގެ ޝަރުއީ ދާއިރާއަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމަށް ސުޕްރީމް ކޯޓަށް ދިން މުހުލަތުގައި އެކަން އެ ކޯޓުން ކޮށްފައެއް ނުވެއެވެ. ކުރުގޮތަކަށް ބުނާނަމަ، އެ ޤާނޫނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަމަލުކުރައްވާފައެއް ނުވެއެވެ.

 

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުގައި، އެ ގާނޫނަށް އަމަލުކުރަންފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި، އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގަވާއިދުތައް ހަދަން ޖެހެއެވެ. އެ ގަވާއިދުތައް ހަދަން ޖެހެނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ސުޕްރީމް ކޯޓުންނެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ގަވާއިދުތައް ހަދައި، އާންމުކޮށްފަ އެވެ. އެހެން ނަމަވެސް، އެ ގާނޫނަށް އަމަލުކުރަން ފެށިތާ ތިން މަސް ދުވަސް، މިދިޔަ އަހަރުގެ އޮކްޓޯބަރު 2 ވަނަ ދުވަހަށް ފުރުނު އިރުވެސް، ޝަރުއީ އެންމެ މަތީ މަރުހަލާއިން ހަދަންޖެގޭ ގަވާއިދުތައް ހަދާފައިނުވެއެވެ. އަދި، 2017 ވަނަ އަހަރު ނިމިގެން ދިޔައިރު ވެސް، ސުޕްރީމް ކޯޓުން އެ ގަވާއިދުތައް ހަދައި އާންމުކޮށްފައިނުވެ އެވެ.

 

ސުޕްރީމް ކޯޓުން އެކަމުގައި އަމަލުކުރިގޮތަށް ބަލާކަމުގައިވާނަމަ، އެ ކޯޓުން އާންމު ރައްޔިތުންނަށް ދީފައިވަނީ ވަރަށް ގޯސް މެސެޖެކެވެ. އެ ކޯޓުން އަމަލުކުރިގޮތުން ޤާނޫނުގައި ބުނެފައިވާ މުއްދަތަށް ކަންތައްތައް ނުކުރުމަކީ މައްސަލައެއް ނޫންކަމަށް ބުނާ ކަހަލަ އެވެ. ޤާނޫނުގައި ވަކި ވަގުތަކަށް ވަކި ކަމެއް ކުރަން ބުނި ނަމަވެސް، ފަސޭހަ ވަގުތަކުން އެކަން ކުރުމުން މައްސަލައެއް ނެތްކަމަށް ސުޕްރީމް ކޯޓުން ބުނާ ކަހަލަ އެވެ. ޤާނޫނުން އެ މީހަކު އަމަލުކުރަން ބޭނުން ބަޔަކަށް، ނުވަތަ ފަސޭހަ ތަންކޮޅަކަށް އަމަލުކުރުމަށްފަހު ނުކޮށް ދޫކޮށްލުމަކީ މައްސަލައެއް ނޫން ކަމެވެ.

 

އެހެން ނޫންކަމުގައިވާނަމަ މިހާދުވަސްވީއިރު، އެ ގަވައިދެއް ނުހެދިވާ ސަބަބެއް ސުޕްރީމް ކޯޓުން ހާމަކުރައްވާނެ ނޫންތޯ އެވެ. އެއީ މުވައްޒިފުން ނެތިގެންކަމުގައިވީނަމަވެސް، ނުވަތަ އެހެންކަމެއްވެގެން ކަމުގައިވީނަމަވެސް އެކަމެއް ހާމަކުރުމުން އެންމެ ރަނގަޅު ނޫން ތޯ އެވެ.

 

 

ދެންވެސް އޮތީ ހަމަ އެފަދަ އެހެން މިސާލެކެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުނުކަމަށް ބުނާ މައްސަލައިގައި ސަރުއީ ފަރުވާއެއް ހޯދުމަށް މެމްބަރުން ވަޑައިގަތީ ޤާނޫނު އަސާސީގައި ބުނެފައިވާގޮތުގެ މަތިން ސުޕްރީމް ކޯޓަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާތީ އެވެ. އެކަމަކީ އެތައް ބައިވަރު ރައްޔިތުންތަކެއްގެ ހައްޤުތައް އެކަމާ ގުޅިފައިވާ މައްސަލައަކަށްވަތީ އެވެ. ނަމަވެސް މައްސަލައިގައި ކޯޓަށް ދިއުމުން އެ ކޯޓަށް މައްސަލައަށް ޝަރުއީ ފަރުވާއެއް ހޯދައިދެވިފައެއް ނުވެ އެވެ. ބަދަލުގައި އެ ކޯޓުން މުޅި ޤައުމު ވައްޓާލީ ސުވާލުތަކެއްގެ ތެރެޔަށެވެ. ބޮޑު ބަހުސްއެއްގެ ތެރެޔަށެވެ. އެކަމުން ފައިދާވީ ޚުދުމްޚްތާރު ސަރުކާރަށެވެ. ސަރުކާރުން ބޭނުންވި "ފަރުވާ" އެ ވަނީ ދީފަ އެވެ. 

 

މި މައްސަލައިގައި ސުޕްރީމް ކޯޓުން އިސްކުރީ ރައްޔިތުންގެ ހައްގެއް ނޫނެވެ.  70000 އަށްވުރެ ގިނަ ރައްޔިތުންގެ ހައްޤުތައް ގެއްލިފައިވާއިރު ސުޕްރީމް ކޯޓުން އަދިވެސް އޮތީ "ނިދާފަ" އެވެ. ގޮނޑި ގެއްލުނުކަން ނުވަތަ ނޫންކަން ސުވާލު ނުއުފެދޭ މިންވަރަށް ބުނަން ނުކެރުނު ތަނުގައި، ގޮނޑި ގެއްލިއްޖެ ނަމަ ކަމަށް ކަނޑައަޅާނަމަ 60 ދުވަސްތެރޭގައި ބާއްވަންޖެހޭ އިންތިހާބު ކޮބައިތޯ ވެސް ސުވާލުކޮށްލަން ނުކެރެ އެވެ.  މީގެ ކުރިން އަމިއްލަ އިސްނެގުމަށް ސޫމޮޓޯ މައްސަލަތައް ކުރިއަށްގެންދިޔަ ނަމަވެސް މިކަމުގައި އެފަދަކަމެއް ފެންނާކަށް ނެތެވެ. ސުޕްރީމް ކޯޓް ސިޔާސީ ވެފައިވާ ކަމަށް ތުހްމަތުކުރަނީ މިފަދަ ސަބަބުތައް ހުރުމުންނެވެ. 

 

މިފަދަ ހުރިހާ ކަމަކުން ސާފުވާ ކަމަކީ، ސުޕްރީމް ކޯޓު އޮތީ ޤާނޫނު އަސާސީ ނަގަހައްޓައި، އެކަން ކުރުމަށް ކުޅެދޭ ހާލަތެއްގައި ނޫން ކަމެވެ. ނުވަތަ އެކަން ކުރުމަށް ބޭނުންވެގެން ނޫން ކަމެވެ. އެހެނީ އެކަން ކުރަން ބޭނުންވެގެން ބަޔަކު އުޅޭ ގޮތަށް އެ ކޯޓުގެ ފަނޑިޔާރުން އަމަލު ނުކުރައްވާތީ އެވެ.

 

ކޮންމެއަކަސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހަދުމަފުޅިގައި ބަހައްޓަވަންޖެހޭކަމަކީ، އެ ކޯޓުގެ ފަނޑިޔާރުންނަކީ، ވަކިން ހާއްސަކޮށް އުއްތަމަ ފަނޑިޔާރަކީ ޤާނޫނު އަސާސީންނާއި ޤާނޫނުތަކުން ވަރަށް ބޮޑެތި މަސްއޫލިއްޔަތުތަކެއް ހަވާލުކުރައްވާފައިވާ ބޭފުޅެއްކަމެވެ. ހާވާލުކުރެވިފައިވާ ބޮޑު ޒިންމާ އަދާނުކުރެއްވޭނަމަ ނުވަތަ އަދާކުރައްވަން ބޭނުންފުޅު ނުވާނަމަ އިސްތިއުފާ ދެއްވިދާނެކަމެވެ. ނަމަވެސް އިސްތިއުފާ ނުދެއްވައި، ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި ހިލާފަށް ކުރާ ކަންތައްތަކުގެ ޒިންމާ ކޮންމެވެސް ދުވަހަކުން އެ ބޭފުޅުން ނަންގަވަންޖެހޭނެ ކަމަށެވެ. 

 

ރައްޔިތުންނަށް ހުތުރު ނަމޫނާތައް ނުދައްކަވައި، ކަންތައްތައް އިސްލާހުކުރަންޖެހެ އެވެ. ކަންތައްތައް ހަމަ މަގަށް އަޅުވައި ޤައުމު އިންސާފުގެ މަގަށް ގެންދިއުމަށް ކޯޓުގެ ފަނޑިޔާރުންނަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރެވިދާނެ އެވެ. އެކަން އެގޮތަށް ނުކޮށް އިންސާފުގެ ވާހަކަ އެ ފަނޑިޔާރުން ދެއްކެވުމަކީ ވަރަށް ވެސް ލަދުވެތި ކަމެކެވެ. ކޮންމެ މީހަކު ކަމުގައި ވިޔަސް، ތިމާގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ގާނޫނީ ވާޖިބު އަދާކުރައްވާށެވެ. މި ވާޖިބު އަދާކުރައްވަން ޖެހިލުންވެ ވަޑައިގަންނަވާނަމަ، ދުނިޔެ އާއި އާޚިރަތުގައި ވެސް ލިބޭނީ ހަލާކެވެ. 

- ކޮމެންޓް