ކ. މާލެ
|
2 ޖެނުއަރީ 2018 | އަންގާރަ 22:17
ރައީސް ޔާމީން
ރައީސް ޔާމީން
އަޒުމޫން އަހުމަދު
މަރުގެ ހުކުމް ތަންފީޒްކުރުން
މަރުގެ ހުކުމް ތަންފީޒުކުރާކަށް ރައީސް ޔާމީނަން ކެރިވަޑައެއް ނުގަންނަވާނެ: ރިޔާޒު
ދަން ޖައްސައިގެން މަރުގެ ހުކުމް ތަންފީޒުކުރުމަށް ބޭނުންވާ ތަން ހަދާ ނިމިއްޖެ
މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ވަސީލަތްތައް ގާއިމުކޮށް ނިމޭނެ ކަމަށް ރައީސް ވިދާޅުވި
ރާއްޖޭގައި މަރުގެ ހުކުމެއް އެންމެ ފަހުން ތަންފީޒު ކުރީ 1953 ވަނަ އަހަރު

މަރުގެ ހުކުމް ތަންފީޒުކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށް ނިމިފައިވާ ކަމަށް ހޯމް މިނިސްޓަރު އަޒުލީން އަހުމަދު ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒު ރައްދުދެއްވާއިފިއެވެ.

މަރުގެ ހުކުމް ތަންފީޒުކުރުމާ ބެހޭ ގޮތުން ރާއްޖެއެމްވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރަން ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް ނިމިފައިވާ ކަމަށާއި، ކޮންމެ ވަގުތަކު މަރުހަލާތައް ނިމުނު ކަމުގައިވީ ނަމަވެސް، ހުކުމް ތަންފީޒު ކުރެވޭނެ ކަމަށެވެ.

މިނިސްޓަރގެ ވާހަކައަށް އިޝާރަތް ކުރައްވައި ރިޔާޒު ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރާ ވާހަކަ ސަރުކާރުން ދޭތެރެ ތޭތެރެއިން ދައްކަނީ ވަކި ބައެއްގެ ވޯޓު ހޯދުމުގެ ނިޔަތުގައި ކަމަށެވެ. އަދި ރައީސް ޔާމީންގެ ރިޔާސީ ދައުރު ނިމޭ އިރު ވެސް މި ވައުދު ފުއްދަން ކެރިވަޑައެއް ނުގަންނަވާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

 

 

މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މަރުގެ ހުކުމް ތަންފީޒު ކުރަން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމުކޮށް ނިމި އެކަމަށް ބޭނުންވާ އިޖުރާއަތުތައް ވެސް ފުރިހަމަކޮށް ނިމޭނެ ކަމަށެވެ.

މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ އިޖުރާއަތުތައް ކަނޑައަޅައި، 2016 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން ގަވާއިދެއް އެކުލަވާލާފައިވެއެވެ. އެ ގަވާއިދުގެ ދަށުން މަރުގެ އަދަބު ތަންފީޒުކުރެވޭނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލައެއް ބެލުމަށް ފަހު، މަރުގެ ހުކުމް އިއްވައިފި ނަމައެވެ. މަރާލެވިފައިވާ މީހާގެ ވާރިސުންގެ ފަރާތުން ޝަރީއަތުގައި ބަހެއް ހޯދުމުގެ ކުރިން، އިސްލާމްދީނުގައި އެކަން އޮންނަ ގޮތް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ފަރާތްތަކަށް އޮޅުން ފިލުވައިދޭން ޖެހެއެވެ. މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން، ކުށް ސާބިތުވެފައިވާ މީ ހާއާއި މަރާލެވިފައިވާ މީހާގެ ވާރިސުންނާ ދެމެދު އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅާ ފަރާތެއް މެދުވެރިކޮށް މީޑިއޭޓްކުރަން ޖެހެއެވެ.

ކުށް ސާބިތުވެފައިވާ މީހާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރެވޭނީ، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ އިޖުރާއަތުތަކާ އެއްގޮތަށް އަދި ގާނޫނީ ގޮތުން ހުރިހާ ކަމެއް ފުރިހަމަވެފައިވާކަން އެނގޭ ލިޔުމެއް ޕްރޮސެކިއުޓަރ ޖެނެރަލް، އުއްތަމަ ފަނޑިޔާރު ނުވަތަ އުއްތަމަ ފަނޑިޔާރު ކަނޑައަޅާ ފަރާތެއްގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް އެކުލެވޭ ކޮމިޓީއަކުން ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމުންނެވެ. އަދި ލިޔުން ލިބޭތާ ތިން ދުވަހުގެ ތެރޭގައި، ކުށް ސާބިތުވެފައިވާ މީހާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ އަމުރެއް ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް ފޮނުވަން ޖެހެއެވެ.

ގަވާއިދުގައިވާ ގޮތުގައި، މަރުގެ އަދަބު ތަންފީޒުކުރެވޭނީ، އެ ލިޔުން ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް ލިބޭތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ކޮމިޝަނަރ އޮފް ޕްރިޒަންސް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކަނޑައަޅާ ޑޮކްޓަރަކު، ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ކަނޑައަޅާ ގާނޫނީ ވަކީލަކު އަދި ކޮމިޝަނަރ އޮފް ޕްރިޒަންސް ކަނޑައަޅާ އާންމުގެ ތެރެއިން ތިން މީހެއްގެ ހާޒިރުގައެވެ. ނަމަވެސް، މަރުގެ ހުކުމްތަންފީޒުކުރާ ދުވަހު، އެހުކުމް ތަންފީޒުކުރުމުގެ ކުރިން، މަރާލެވިފައިވާ މީހާގެ ވާރިސުންގެ ބަހެއް ހޯދަން ޖެހެއެވެ.

ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގައި މަރުގެ ހުކުމެއް އެންމެ ފަހުން ތަންފީޒު ކުރީ 1953 ވަނަ އަހަރުގަ އެވެ.

މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ހުރިހާ މަރުހަލާތަކެއް ނިމި، ހުކުމް ތަންފީޒުކުރުމާ ހިސާބުގައި ތިބީ ތިން މީހުންނެވެ. އެއީ، އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު އާއި، 2012 ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި، އަބްދުﷲ ފަރުހާދު މަރާލިކަން ސާބިތުވެ، ގ. ރީފް މުހައްމަދު ނަބީލެވެ.

- ކޮމެންޓް