ކ. މާލެ
|
2 ޖެނުއަރީ 2018 | އަންގާރަ 21:36
އާ އަހަރު ފާހަގަ ކުރުމަށް މިދިޔަ އާދިއްތަ ދުވަހު ކާނިވަލުގައި ބޭއްވި ޝޯގެ ތެެރެއިން
އާ އަހަރު ފާހަގަ ކުރުމަށް މިދިޔަ އާދިއްތަ ދުވަހު ކާނިވަލުގައި ބޭއްވި ޝޯގެ ތެެރެއިން
މުހައްމަދު ޝަރުހާން
އާ އަހަރު ޝޯ
ފާހިޝް މަންޒަރުތައް ހިމެނޭ ޝޯ ޓީވީއެމުން ދެއްކި މައްސަލަ ސަލަފުން ބްރޯޑްކޮމަށް ހުށަހަޅައިފި
އެ ޝޯގައި ގާނޫނާ ހިލާފު އަމަލުތައް ހިންގި
ފިޔަވަޅު އެޅުމަށް ސަރުކާރަށް ވެސް ވަނީ ހުށަހަޅާފައި
ޝޯއާ ގުޅިގެން ސަރުކާރުން ވަނީ މައާފަށް އެދިފައި

ފާޙިޝް މަންޒަރުތައް ހިމެނޭ އާ އަހަރުގެ ޝޯ، ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޓީވީއެމުން ލައިވްކޮށް ދެއްކި މައްސަލަ ބަލައިދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ޖަމިއްޔަތުއް ސަލަފުން ހުށަހަޅައިފިއެވެ.

ރައީސް އަބްދުﷲ ޔާމީނާއި ކެބިނެޓުގެ ވަޒީރުންނާއި ސަރުކާރަށް ތާއިދުކުރާ މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންނެވި ޝޯއާ ގުޅޭ ގޮތުން ސަލަފުން ބުނީ އެ ޝޯގައި ފާހިޝް އަމަލުތައް ހިންގާފައި ވާތީ، އެކަން ކުރި ފަރާތްތަކާ މެދު ފިޔަވަޅު އަޅައިދިނުމަށް ހޯމް މިނިސްޓްރީއަށާއި އިސްލާމިކް މިނިސްޓްރީއަށް ވެސް ސަލަފުން ވަނީ ހުށަހަޅާފައެވެ.

ދީނީ މައުލުމާތު ފަތުރައި، ދީން އުގަންނައިދިނުމުގެ މަސައްކަތްކުރާ ސަލަފުގެ ވެބްސައިޓްގައި ބުނެފައި ވަނީ އާ އަހަރު ފާހަގަ ކުރުމަށް ބޭއްވި ޝޯ، ޕީއެސްއެމް އިން ވަގުތުން ދައްކަމުން ދިޔައިރު، ބްރޯޑްކާސްޓުކުރުމުގެ ޤާނޫނާއި ބްރޯޑްކާސްޓުކުރުމުގެ ޤަވާޢިދާ ޚިލާފުވެފައިވާކަން އެ ޖަމިއްޔާއަށް ފާހަގަ ކުރެވޭ ކަމަށެވެ.

ކީރިތި ގުރުއާނުގެ އާޔަތްތަކާ ހަވާލާދީ އެ ޖަމިއްޔާ އިން އަންގާރަ ދުވަހު ބުނެފައި ވަނީ އީމާންވީ މީހުންގެ ތެރޭގައި ހުތުރުކަން ބޮޑު ފާފައިގެ ވާހަކަ އާއި ޢަމަލު ފެތުރިގެންދިއުމަށް ލޯބިކުރާ މީހުން ދުނިޔެ އާއި އާޚިރަތުގައި ވޭންދެނިވި ޢަޒާބު ލިބޭނެ ކަމަށާއި މާތް ﷲ އެކަން ދެނެވޮޑިގެންވާ ކަމަށެވެ. 

އާ އަހަރު ފާހަގަ ކުރުމަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޝޯގައި ހިންގި އަމަލުތަކަކީ ޤާނޫނުއަސާސީއާ ހިލާފު، އަދި ޢާއްމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނާ ދެކޮޅު އަމަލުތަކެއް ކަމަށެވެ. އެ އަމަލުތަކާ ގުޅިގެން އެޝޯގައި ހިންގާފައިވާ ޙަރަކާތްތަކާ މެދު ފިޔަވަޅު އަޅައިދިނުމަށް މުއައްސަސާތަކަށް އަންގާރަ ދުވަހު ސިޓީ ފޮނުވާފައިވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

"އާ އަހަރު ފާހަގަ ކުރުމާއި އަދި އާއަހަރު ފާހަގަ ކުރުމުގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގައިދިޔަ މުންކަރާތްތަކަކީ ދީނީ ގޮތުންނާއި ، އިޖްތިމާޢީ ގޮތުން ނޭދެވޭކަމެއްކަމާއި އަދި ދީނީ ޢިލްމުވެރިންނާއި އިސްލާމްދީނަށް ލޯބިކުރާ ފަރާތްތަށް އެކަންކަމަށް އިންކާރުކުރާ ކަމެއްކަން މިފުރުޞަތުގައި އެންމެހާފަރާތްތަކަށް ހަނދުމަކޮށްދެމެވެ،" ސަލަފުގެ ވެބްސައިޓުގައި ބުނެފައިވެއެވެ.

ޖަމިއްޔަތުއް ސަލަފުގެ ނާއިބު ރައީސް ޝެއިހް ހަސަން މޫސާ ފިކުރީ މިދިޔަ ހޯމަ ދުވަހު ރާއްޖެ އެމްވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެގައި ވަނީ އާ އަހަރު ފާހަގަ ކުރުމަށް ހިންގާފައި ވަނީ މުންކަރާތްތަކެއް ކަމަށެވެ. އެފަދަ މުންކަރާތްތަކަށް ދުވަހަކު ވެސް ދީނީ އިލްމުވެރިން ތާއިދު ނުކުރާނެ ކަމަށާއި އެ ޝޯ ބޭއްވި ދުވަހު ވެސް ދީނީ އިލްމުވެރިން އެކަން ކުށްވެރިކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފައިވާނެ ކަމަށް ފިކުރީ ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައި ވަނީ އެފަދަ ކަންކަން ދީނި އިލްމުވެރިން ކުށްވެރިނުކުރާ ކަމަށް ބުނެ، ދީނި އިލްމުވެރިންނަށް ފާޑުކިޔުމަކީ ހައްލެއް ނޫން ކަމަށާއި އެކި ނަންނަމުގައި ދީނާ ހިލާފަށް ބާއްވާ ކަންތައްތަކުގައި ބައިވެރިނުވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.

ސަރުކާރުން އިންތިޒާމުކޮށްގެން، އާ އަހަރު ފާހަގަ ކުރުމަށް ހިންގި ޝޯގައި ފާހިޝް އަމަލުތައް ހިންގި މައްސަލާއާ އެ މަންޒަރުތައް ދައުލަތުގެ މީޑިއާ ޓީވީއެމުން ދެއްކި މައްސަލާގައި އިދިކޮޅު ފަރާތްތަކުންނާއި ދީނީ ބައެއް އިލްމުވެރިން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ސަރުކާރުން ވަނީ އެ ޝޯގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން އަންގާރަ ދުވަހު މައާފަށް އެދިފައެވެ. 

- ކޮމެންޓް