ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ސުލީކީ މައްސަލައެއް ޖުޑިޝަލް ސާވީސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ.
ޖޭއެސްސީއަށް އެ މައްސަލަ ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސްއެވެ. އޭނާ މައްސަލަ ހުށަހަޅުއްވާފައިވާކަން ޓްވިޓާ މެދުވެރިކޮށް ހާމަކުރައްވާފައި ވަނީ ގާނޫނީ ވަކީލް މައުމޫނު ހަމީދެވެ.
އެ މައްސަލަ ހުށަހެޅުއްވީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ޝަރީއަތް ކުރުމާ ބެހޭ ގަވާއިދު ސުޕްރީމް ކޯޓުން ހަދާފައިނުވާތީއެވެ. އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ ފަނޑިޔާރުގެ މަގާމާ އެކަށީގެންނުވާ ވަރުގެ އަމަލެއް ކުރިކަމުގެ ތުހްމަތުގައެވެ.
އެ މައްސަލައިގައި ބުނެފައި ވަނީ 2016 ވަނަ އަހަރު އަމަލުކުރަން ފެށި ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ޝަރީއަތް ކުރުމާ ބެހޭ ގޮތުން ހަދަން ޖެހޭ ގަވާއިދުތައް ހަދަން ޖެހެނީ ސުޕްރީމް ކޯޓުން ކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން ގަވާއިދު ހަދަން ޖެހޭ މުއްދަތު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހަށް ހަމަވެފައިވާއިރު މިއަދާ ހަމައަށް ވެސް ހަދާފައިނުވާކަން މައްސަލައިގައި ފާހަގަ ކުރައްވާފައިވެއެވެ. އަދި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ވަނީ ގާނޫނު އަސާސީގެ 142 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ގާނޫނާއި ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 211 ވަނަ މާއްދާއާ ހިލާފުވެފައިވާ ކަމަށް ބުނެފައިވެއެވެ.
"ގާނޫނު އަސާސީގެ 142 ވަނަ މާއްދާގައި ބުނެފައި ވަނީ ފަނޑިޔާރުންނަކީ މުސްތަގިއްލު ބައެއް ކަމަށާއި ފަނޑިޔާރުން އަމަލު ކުރަންވާނީ ގާނޫނު އަސާސީ އާއި ގާނޫނަށް ކަމަށެވެ. އަދި ގާނޫނު އަސާސީ އާއި ގާނޫނުގައި ވަކި ގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީއަތުގައި އެކަމެއް ކަނޑައަޅާފައިވާ ގޮތައް ފަނޑިޔާރުން ރިއާޔަތްކުރަންވާނެ ކަމަށެވެ. މީގެ އިތުރުންވެސް ފަނޑިޔާރުންގެ މަސައްކަތުގައި ގާނޫނު އަސާސީއާއި ގާނޫނާ އެއްގޮތައް ކަންތައް ނިންމަންވާނީ ވަކި ފަރާތަކަށް ބުރަނުވެ ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުމެއް ނުވެ ތައްސަބުން އެއްކިބާވެ ތިބެ ކަމަށް،" ވެސް އެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ޖޭއެސްސީއަށް ހުށަހެޅުއްވި މައްސަލަ ރައްދުވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި އަލީ ހަމީދު މުހައްމަދާއި އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން ޑރ. އަހްމަދު އަބްދުﷲ ދީދީ އަށެވެ.
ޖިނާއީ އިޖްރާއަތުގެ ގާނޫނު ފާސްކޮށް ގެޒެޓްކޮށްފައި ވަނީ 2 މެއި 2016ގަ އެވެ. އެ ގާނޫނަށް އަމަލު ކުރަން ފެށީ މިދިޔަ އަހަރުގެ ޖުލައި ދެ ވަނަ ދުވަހުއެވެ. އަދި އެ ގާނޫނަށް އަމަލު ކުރުމަށް ފަހު ތިން މަސްދުވަހުގެ މުއްދަތެއް ޝަރީއަތް ކުރުމާ ބެހޭ ގަވާއިދު ހެދުމަށް ދީފައިވާއިރު އެ ގާނޫނުގައި ބުނެފައި ވަނީ އެ މުއްދަތައް ފަހު އޭގެ ކުރިން އަމަލު ކުރަމުންދިޔަ ޝަރީއަތް ކުރުމާ ބެހޭ އުސޫލުން އަމަލުކޮށްގެންނުވާނެ ކަމަށެވެ. ނަމަވެސް އެ ގަވާއިދު ނުހަދާ ފާއިތުވާ މުއްދަތުގެ ތެރޭގައި އަމަލު ކޯޓުތަކުން އަމަލު ކުރަމުންދަނީ ކުރިން ވެސް އަމަލު ކުރަމުން އަންނަ އުސޫލުތަކާ އެއްގޮތަށެވެ.