އެއީ މީގެ 13 އަހަރު ކުރިއެވެ. ދިވެހިންގެ ހިތްތަކުގައި އެދުވަހުގެ ހަނދާންތައް ވަނީ ބިންވަޅު ނެގިފައެވެ. ބިރުވެރި ދުވަހަކެވެ. އެހާމެ ހިތާމަވެރި ދުވަހަކެވެ. މިއަދު އެދުވަހާއި މެދު ވިސްނާ ފިކުރު ކޮށްފިނަމަ، އެ ދުވަސް ސިފަ ކުރެވެނީ އިބުރަތުން ފުރިގެންވާ ދުވަހެއްގެ ގޮތުގައެވެ. މާލޭ ހުނޅަގު ފަރާތުގެ ތިން ރުއް ޕާކަށް ޒިޔާރަތްކޮށްލުމުން އެދުވަހުގެ ހަނދާންތައް އާވެ، އާލާވެއެވެ. އެއީ އެތަނަށް "ސުނާމީ ބިނާ"ގެ ނަމުން ނަންދެވިފައި ވާތީއެއް ނޫނެވެ. ސުނާމީގެ އެތައް ހަނދާންތަކާއި ގުޅުވައިގެން ފަރުމާކޮށްފައިވާ ސުނާމީ ބިނާ ހުރުމުންނެވެ. މިއަދު ތިން ރުއްޕާކުގައި ހުރި އެ ބިނާ އަށް ބަލާލުމުން ހަމަ ހަގީގަތުގައި ވެސް އެދުވަހުގެ ހަދާންތަށް އާވެއެވެ. މިކަމުން އެ ބިނާގެ މުހިންމުކަން ހާމެވެއެވެ.
ސުނާމީ ބިނާއޭ ބުނުމުން މިއަދު ބައެއް ދިވެހިންނަން އެ ބިނާއިން ރަމްޒުކޮށްދެނީ ކޮން ކަންތައްތަކެއް ކަމެއް ނޭނގެއެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ހެދި ސުނާމީ ބިނާއަކީ 84 ދަގަނޑު ރޮޑް ވަށްކޮށް އަތުރާލައިގެން ހަދާފައިވާ ބިނާއެކެވެ. އެންމެ ފުރަތަމަ އެ ބިނާ ހުރީ މާލޭ ރާޅުގަނޑު ސަރަހައްދުގައެވެ. އެ ބިނާގެ ކޮންމެ ހޮޅިއެއް ނިސްބަތް ވަނީ ސުނާމީ ކާރިސާގައި ނިޔާވި ދިވެއްސަކަށެވެ. އަދި އެ ބިނާގެ އެކި ސައިޒުގެ ހޮޅި ބޭނުންކޮށްގެން ފަރުމާކޮށްފައި ވުމުން، އެކަމުން ދައްކުވައި ދެނީ އެ ހާދިސާގައި ދުނިޔެ ދޫކޮށް ދިޔައީ އެކި އުމުރުގެ މީހުން ކަމެވެ. އެ ބިނާ ވަށާއިގެން އަތުރާފައިވާ އެލްމިނިއަމް 20 ބޯޅައިން ދައްކައިދެނީ ރާއްޖޭގެ ޖަޒީރާ ރަށްތައް އެކުލެވިގެންވާ އަތޮޅުތަކެއެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި ބެހެއްޓި ސުނާމީ ބިނާ ކައިރިއަށް ގޮސް، އަރައި ފައިބާނެ ގޮތް ހެދީ ރައީސް ނަޝީދުގެ ސަރުކާރުގަ އެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ މާރޗް މަހުގެތެރޭގައި، ތިން ރުއް ޕާކް ތަރައްޤީކޮށް، އެ ޕާކަށް ވަނީ ސުނާމީ ބިނާ ބަދަލުކޮށްފައެވެ.
ރާއްޖޭގެ ގިނަ ރަށްތަކަށް އެރި ސުނާމީގެ ސަބަބުން ޖުމްލަ 84 މީހުން މަރުވެފައެވެ. 24 މީހުން ގެއްލިފައިވެއެވެ. އަދި 15،000 ދިވެހި ރައްޔިތުންގެ ގެދޮރު ގެއްލުނެވެ. ރާއްޖޭގެ އަބާދީގެ 62 އިންސަތަ މީހުންނަން މި ހިތްދަތި ކާރިސާގައި އެކި ކަހަލަ ގެއްލުންތަކާއި ކުރިމަތިވިއެވެ.
އަންނަން އޮތް ޖީލުތަށް ސުނާމީގެ ކާރިސާގެ ހަނދާންތައް އައުކުރުމަށް މި ބިނާ ހެދީ ބޮޑު ހަރަދުކޮށްގެނެވެ. އެހެންނަމަވެސް މިއަދު ގިނަ ދިވެހިންނަށް އެބިނާ ފެނުމުން އެތަނުން ރަމްޒުކޮށްދެނީ ކޮން ކަންތައްތަކެއްކަން ސާފެއް ނުވެއެވެ. ބައެއް މީހުން އެބިނާ ކައިރިއަށް ގޮސް ފޮޓޯ ނަގާވެސް ނަގައެވެ. ދިވެހިންނާއި ޓޫރިސްޓުންނެވެ. އެހެންކަމުން ހިތުގައި އުފެދޭ ސުވާލަކީ އެ ބިނާ ހެދުމުގެ ބޭނުން ހިފޭތޯއެވެ.