ކ. މާލެ
|
18 ޑިސެންބަރ 2017 | ހޯމަ 14:24
ރައީސް ޔާމީން ސަރުކާރުގެ މިނިސްޓަރަކާއި ޑިޕްލޮމޭޓަކު ސްރީލަންކާގެ އިދިކޮޅު ފަރާތަކާ އެކު ބޭއްވި ބައްދަލު ކުރުމުގެ ތެރެއިން
ރައީސް ޔާމީން ސަރުކާރުގެ މިނިސްޓަރަކާއި ޑިޕްލޮމޭޓަކު ސްރީލަންކާގެ އިދިކޮޅު ފަރާތަކާ އެކު ބޭއްވި ބައްދަލު ކުރުމުގެ ތެރެއިން
ޓްވިޓަރ
ސްރީލަންކާ-ދިވެހިރާއްޖެ
ޔާމީން ސަރުކާރުން ބޭރުގެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުން މައްސަލައެއް ނޫން!
ބޭރުގެ ޑިޕްލޮމޭޓުންނާ ބައްދަލު ކޮށްގެން ޔާމީން ސަރުކާރުންވަނީ ކައުންސިލަރުން ސަސްޕެންޑް ކޮށްފައި
ބޭރުގެ ފަރާތްތަކާ ކައުންސިލަރުން ބައްދަލު ކުރުމަކީ ގައުމުތަކާ އޮންނަ ގުޅުމަށް ބުރޫ އަރާނެ ކަމެއް ކަމަށް ސަރުކާރުން ދެކޭ

ދިވެހި ރާއްޖޭގެ ދާޚިލީ ކަންކަމާ ބޭރުގެ ގައުމަކުން ބެހުމަކީ ދިވެހި ސަރުކާރުން ވަރަށް ރުޅިގަދަވާ ކަމެއްގެ ގޮތުގައި އޮތީ ފާހަގަ ކުރެވިފައެވެ. މިގޮތުން ބޭރު ގައުމެއްގެ ސަފީރަކު، އިދިކޮޅު ފަރާތްތަކާ ބައްދަލުކުރުމާ މަޝްވަރާ ކުރުމަކީ ޔާމީން ސަރުކާރަށް ހަޖަމު ކުރެވޭ ވަރުގެ ކަމަކަށް ނުވެއެވެ. އަބަދުވެސް މިއީ ސަރުކާރުން ވަރަށް ކަންބޮޑުވާ ކަމެއްގެ ގޮތުގައި އޮންނަނީ ފާހަގަ ކުރެވިފައެވެ. އެއީ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލާއި، އެތެރޭގެ ކަންކަމާ ބެހުން ކަމަށް ސަރުކާރުން ފާހަގަ ކުރެއެވެ. މިކަން މިހެން ހިނގަމުން ގޮސް ސަރުކާރުގެ ރުޅި ފަޅައިގެން ދިޔައީ، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާއި، ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ބައެއް ކައުންސިލްތަކުގެ މެމްބަރުންނާ ބައްދަލު ކުރެއްވި ހިސާބުންނެވެ.

އިންތިޚާބު ކުރެވޭ ކައުންސިލަރުންނަކީ ސީދާ ރައްޔިތުންގެ ވޯޓަކުން މަގާމަށް ހޮވޭ ބައެއް ކަމުގައި ވިޔަސް، ސަރުކާރުގެ މުށުތެރޭގައި އޮންނަ ލޯކަން ގަވަންމަންޓް އޮތޯރިޓީން ވަނީ އިންޑިއާ ސަފީރުއާ ބައްދަލު ކުރެއްވި ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުން 3 މަސް ދުވަހުގެ މުއްދަތައް ސަސްޕެންޑް ކޮށްފައެވެ. ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ރައްޔިތުން އައްޔަން ކޮށްފައިވާ ކައުންސިލެއް ކުއްލިއަކަށް ސަސްޕެންޑް ކުރީ، އިންޑިއާ ސަފީރު އާ އެކު ބޭއްވި ބައްދަލުވުމުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ބެލެވެއެވެ. މައްސަލަ މިހާ ބޮޑަށް ގޯސް ވެގެން ދިޔައީ، ސަފީރު އާ ބައްދަލު ކުރި ކައުންސިލަރުންގެ ގޮތުގައި ތިއްބެވީ ސަރުކާރަށް ސަނާ ކިޔާ މެމްބަރުންނަށް ނުވި ނުވުން ކަމަށް ބެލެއެވެ.

ލޯކަލް ގަވަންމަންޓް އޮތޯރިޓީގެ ރުޅި ފަޅައިގެން ގޮސް ކައުންސިލް ތަކުން ބޭރުގެ ޑިޕްލޮމޭޓުންނާ ބައްދަލު ކުރެވޭނީ އެ އޮތޯރިޓީގެ ހުއްދަ ކުރިން ހޯދައިގެން ކަމަށްވެސް މިހާރު ހަމަޖައްސައިފިއެވެ. ސަފީރުގެ ބައްދަލުވުމާއެކު، އަމިއްލަ ސިއްކަ އޮންނަ، އަމިއްލަ ނަމުގައި ލޯނު ނެގޭ، އަމިއްލަ ނަމުގައި ދައުވާ ކުރެވޭ ފަދަ ބާރުތައް ގާނޫނުން ދީފައިވާ ކައުންސިލްގެ ބާރުތަކާ މިނިވަންކަމަށް އެ އޮތޯރިޓީން އަރައިގަނެފިއެވެ.

ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވީ ކައުންސިލްތަކުން ބޭރުގެ މަންދޫބުންނާ ބައްދަލުކުރާ ނަމަ ހުއްދަ ހޯދަން ޖެހޭ ގޮތަށް ނިންމީ ރާއްޖޭގެ ސިޔާދަތާއި ދާޚިލީ މިނިވަންކަން ކަށަވަރު ކުރުމަށް ކަމުގައެވެ. ކައުންސިލްތަކާ ރާއްޖެއާ ސިޔާސީ ގުޅުން ގާއިމް ކޮށްފައިވާ ގައުމުތަކުގެ މަންދޫބުން ބައްދަލު ކުރުމަކީ ރާއްޖޭގެ މިނިވަން ކަމަށް ބުރޫ އަރާފާނެ ކަމެއް ކަމަށް ޔާމީން ސަރުކާރުން ކޮންމެ އަކަސް ނިންމައިފިއެވެ. ޔާމީން ސަރުކާރުން ކަންބޮޑުވަނީ، ރާއްޖޭގެ ދާހިލީ ސިޔާސަތު ކަނޑައަޅަނީ ސަރުކާރުން ކަމަށް ވެފައި ކައުންސިލްތަކުން ވަކިން ބޭރުގެ މަންދޫބުންނާ ބައްދަލުކޮށް، މައުލޫމާތު ދިނުމަކީ ބޭރުގެ ގައުމުތަކާ އެކު ރާއްޖެ އިން ދަމަހައްޓާ ގުޅުމަށް ބުރޫއަރާފާނެ ކަމެކެވެ. ރާއްޖޭގައި މިހާރު އޮތް ސަރުކާރުން މި ބުނަނީ، ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހޭ ގޮތުން ސަރުކާރަށް ނޫން ފަރާތަކަށް ބޭރުގެ އެއްވެސް ފަރާތަކަށް މައުލޫމާތުދީ ގުޅުން ބަދަހިކޮށް ހަދައިގެން ނުވާނެ ކަމަށެވެ.

މިއީ މިކަން އޮންނަންވާނެ ގޮތް ކަމަށް ދިވެހި ސަރުކާރަށް މި ފެންވަރަށް ގަބޫލު ކުރާއިރު ހައިރާންވާން ކަމަކީ، ދިވެހި ސަރުކާރުގެ ޑިޕްލޮމޭޓުން ބޭރު ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކޮށް ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރުމެވެ. މިގޮތުން ހުވަދު އަތޮޅު ކައުންސިލަރުން ސަސްޕެންޑް ކުރުމާ އެކުއެކީ ކަހަލަ ގޮތަކަށް ފެނިގެން ދިޔައީ ދިވެހި ސަރުކާރުގެ ޑިޕްލޮމޭޓުންނާއި، މިނިސްޓަރުން އަވައްޓެރި ސްރީލަންކާގެ އިދިކޮޅު ޕާޓީގެ އިސް ފަރާތަކާ ބައްދަލުކޮށް، އެކަމާ އެކްސައިޓް ވެގެން އުޅުއްވި މަންޒަރުތަކެވެ. ތިމާމެން ކުރުމުން މިއީ ރަނގަޅު ކަމަކަށް ވެފައި އަނެކާ ކުރުމުން އެއީ ގޯސް ކަމަކަށް ވާ ކަންކަން މިއީ ޔާމީން ސަރުކާރުގައި އާއްމުކޮށް ފެންނަ ކަމެކެވެ. އެއީ ހަގީގަތުގައި ހައިރާންވާން ޖެހޭ ވެސް ކަމެއް ނޫނެވެ. ނަމަވެސް މިވާހަކަ ފާހަގަކޮށްލަން މިޖެހުނީ ތާރީޚަށް ޓަކައި މިގައުމުގައި އޮތް ސަރުކާރުން ކަންކަން ކޮށްފައި ހުންނަ ދެކޮޅު ނުޖެހޭ ކަންކަން ފާހަގަ ކޮށްލުމުގެ ހަމައެކަނި ބޭނުމުގައެވެ.

ކޮޅުނބުގައި ހުންނަވާ ރައީސް ޔާމީންގެ ސަފީރު މުހައްމަދު ހުސެއިން ޝަރީފް އާއި ރައީސް ޔާމީން ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު، ލަންކާގެ އިދިކޮޅު ޕާޓީތައް ތަމްސީލް ކުރައްވާ މެމްބަރު އަދި ލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ރާޖަޕަކްސާ އާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަތަކަށް ފަހު ކުރެއްވި ޓްވީޓެއްގައި ހާމަ ކުރައްވާފައި ވަނީ، ރަނގަޅު ވާހަކަތަކެއް ކުރިއަށް ދިޔަ ކަމަށެވެ.

 

ސްރީލަންކާގެ މީޑީއާއިން ހާމަކޮށްފައިވަނީ ރައީސް ޔާމީން ސަރުކާރުގެ މިނިސްޓަރަކާއި ކޮޅުނބުގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސެއިން ޝަރީފް، މި ދެބޭފުޅުން ލަންކާގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރައްވާ މަޝްވަރާތަކެއް ބާއްވަވައިފި ކަމަށެވެ.

ދިވެހި ސަރުކާރުން ލަންކާގެ އިދިކޮޅު ފަރާތްތަކާއި ގާތް ގުޅުމެއް ބާއްވާ، ފާޅުގައި ބައްދަލުވުން ތައް ބާއްވާއިރު، އެ ގައުމުގެ ރައްޔިތުން ވޯޓު ލައިގެން ހޮވާފައިވާ ގާނޫނީ ސަރުކާރެއް އެބައޮތެވެ. ދިވެހި ސަރުކާރުގެ ޑިޕްލޮމޭޓުން އެހެން ގައުމުތަކުގެ އަދި ޚާއްސަކޮށް އަވައްޓެރި ގައުމުތަކުގެ އިދިކޮޅު ފަރާތްތަކާ ބައްދަލުކޮށް ގުޅުން ބަދަހި ކުރުމަކީ މައްސަލައެއް ކަމަކަށް ރައީސް ޔާމީން ދެކެވަޑައި ނުގަންނަވަނީތާއެވެ؟ އެހެން ކަމަށް ވާނަމަ، ބޭރު ގައުމުތަކުގެ ޑިޕްލޮމޭޓުން ރާއްޖޭގެ އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރުމުން ސަރުކާރުން ފަޔަށް ހިނި އަރައިގެން އުޅޭ ގޮތައް މިއުޅެނީ ކީއްވެގެން ބާވައެވެ؟ ސްރީލަންކާގެ އިދިކޮޅު ފަރާތްތަކާއި ދިވެހި ސަރުކާރުގެ ޑިޕްލޮމޭޓުންނާ ބައްދަލު ކުރެއްވާ މަޝްވަރާ ކުރެއްވުމަކީ ސްރީލަންކާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް ބުރޫ އަރާފާނެ ކަމެއް ކަމަކަށް ދިވެހި ސަރުކާރުން ނުދެކެނީތާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް
19 ޑިސެންބަރ 2017 | އަންގާރަ 15:24
ރާޔާ
ކަލޯ! ނަމާލް ރާޖަޕަކްސާ އުޅެނީ ސްރީލަންކާ ސަރުކާރުގެ ވަޒީފާއެއްގަތަ؟
18 ޑިސެންބަރ 2017 | ހޯމަ 22:42
ޒައީމް
ދެން ބައްދަލު ކުރާނީ މަހިންދަ ރާޖަޕަކްޝައާ. އެބައްދަލުވުމުގަ އެޕޮއިންޓްމެންޓް ހެދީ.