ކ. މާލެ
|
18 ޑިސެންބަރ 2017 | ހޯމަ 08:24
ޗައިނާ އަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅު ތެރެއިން
ޗައިނާ އަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅު ތެރެއިން
ރައީސް އޮފީސް ޓްވިޓާ
ބެލްޓް އެންޑް ރޯޑްއިނީޝިއޭޓިވް
ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް: އިތުރު ޖަރީމާތަކަށް ހުޅުވޭ ދޮރެއްތަ؟
މި ސްޓްރެޓެޖީގެ ތެރެއިން ގިނަ ގައުމުތަކަކާ އެކު އަންނަނީ ގުޅުންތައް ގާއިމް ކުރަމުން
ރާއްޖެއާ އެކު ފްރީ ޓްރޭޑް އެގްރީމެންޓެއް ވަނީ އެކުލަވާލެވިފައި
ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްއަކީ ޗައިނާގެ ރައީސް ޝީ ޖިން ޕިންގ އެކުލަވައިލެއްވި ޕްލޭނެއް

ޗައިނާއާ އެކު ދިވެހި ރާއްޖޭއިން އެއްބަސްވި ވިޔަފާރީގެ އެއްބަސްވުމުގެ ވާހަކައަކީ ތަފާތު އެކި ގޮތްގޮތަށް ދެކެވެމުންދާ ވާހަކަތަކެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޑިސެމްބަރު މަހުގެ 09 ވަނަ ދުވަހު ޗައިނާއަށް ވަޑައިގެން އެގައުމާ އެކު މި އެއްބަސްވުމުގައި ސޮއިކޮށްފައިވާ އިރު ޗައިނާ އިން ވަނީ މި އެގްރީމެންޓަކީ އެގައުމުގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ވެވުނު އެއްބަސްވުމެއްކަން ފާހަގަކޮށްފަ އެވެ.

"ވަން ބެލްޓް، ވަން ރޯޑް އިނީޝިއޭޓިވް" (ބީއާރްއައި) އަކީ ޗައިނާ އިން ޔޫރަޕްގެ ގައުމުތަކާއި އޭޝިއާގެ ގައުމުތަކާއި އެފްރިކާގެ ގައުމުތަކާ އޮންނަ އިގްތިސާދީ، އިޖްތިމާއީ އަދި ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރުމަށް އެކުލަވާލާފައިވާ ސްޓްރެޓެޖީއެވެ. އެހެން ނަމަވެސް މި ސްޓްރެޓެޖީގެ އަމަލީ މަސައްކަތުގެ ތެރެއިން ޗައިނާ އަށް ހާސިލް ވަނީ ކޮން ކަމެއްތޯ ބަލާލަންޖެހެއެވެ.

މި ސްޓްރެޓެޖީ އިން ފައިދާ ކުރާނީ ވިޔަފާރީގެ ގޮތުންތޯ ނުވަތަ ސިޔާސީ ގޮތުންތޯ އެއީ ގިނަ ބަޔަކު ސުވާލު އުފައްދާ ކަމެއް ކަމަށެވެެ. އެހެން ނަމަވެސް ދުނިޔޭގައި އެންމެ ބޮޑުވެފައިވާ އެއް މައްސަލަ ކަމުގައިވާ ޓެރަރިޒަމްގެ އަމަލުތައް އިންތިހާއަށް އިތުރުވަމުންދާ އިރު މިކަމާ ގުޅޭ ގޮތުން ދުނިޔޭގެ ގައުމުތަކުން ނުވަތަ ޗައިނާ ސަރުކާރުން ވެސް މަޝްވަރާއެއް ނުކުރެވެއެވެ.

ބީއާރްއައިގެ ދަށުން ދަތުރުފަތުރު ކުރުމާއި، އުފެއްދުންތެރިކަމާއި މާކެޓް ޝެއަރ އިތުުރުކުރުމަށް މަސައްކަތް ކުރަމުންދާ އިރު މިފަދަ ސްޓްރެޓެޖީއެއްގެ ތެރެއިން ކުށްތައް ވެސް އިންތިހާއަށް އިތުރުވެގެންދެއެވެ. އެގޮތުން ފަސޭހަ ކަމާ އެކު އެއްގައުމުން އަނެއް ގައުމަށް ވަނުމުގެ ފުރުސަތު ފަހިވުމުގެ ސަބަބުން ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް އިތުރު މެންބަރުން ރެކްރޫޓް ކުރުމަށް ފަސޭހަ ވެގެންދެއެވެ.

ބީއާރްއައިގެ ތެރެއިން ކުރިއަށް ގެންދާ ޓްރާންސްޕޮޓޭޝަން ޕްރޮޖެކްޓްގެ ދަށުން ޓްރެފިކިންގގެ ޖަރީމާ ހިންގުމަށް ވަރަށް ބޮޑު ފަސޭހައެއް ނުވަތަ މަގެއް ތަނަވަސް ވެގެންދެއެެވެ. މަގުތައް އާ ކުރުމުގެ މަސައްކަތުގެ ތެރެއިން މަސްތުވާތަކެތި ސްމަގުލްކޮށް މިޔަމަންމާ ފަދަ ގައުމުތަކަށް އެތެރެ ކުރުމަށް ފަސޭހަވެގެންދެއެވެ.

އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޗައިނާ އަށް އެތެރެކުރާ 66 ޕަސެންޓްގެ މަސްތުވާތަކެތި އެތެރެ ކުރަނީ މިޔަންމާއިންނެވެ. މީގެ އިތުރުން ޗައިނާގެ 70 ޕަސެންޓް ހެރޮއިން އެޑިކްޓުން ތިބީ މިޔަންމާ އާއި ޗައިނާ ބޯޑަރުގެ އެންމެ ކައިރީގައި އޮންނަ ޕްރޮވިންސް ކަމުގައިވާ ޔުނާން ޕްރޮވިންސްގައެވެ.

ބީއާރްއައިގެ ތެރެއިން ގައުމުތަކުގެ މެދުގައި އީ-ކޮމާސް އިތުރު ކުރާ އިރު އެކަމުގެ ސަބަބުން އޮންލައިންކޮށް ޑްރަގް ޓްރެފިކިންގ އަށް ވަރަށް ބޮޑަށް މަގުފަހިވެގެންދެއެވެ. އެގޮތުން 2012 ވަނަ އަހަރާއި 2015 ވަނަ އަހަރުގެ ތެރޭގައި އޮންލައިން ޑްރަގް ޓްރެފިކިންގ 900 ޕަސެންޓަށް ވަނީ އިތުރުވެފައެވެ.

ޗައިނާ އާއި ޕާކިސްތާނާ އެކު އެކުލަވާލެވުނު ވިޔަފާރީގެ އެެއްބަސްވުމުގެ ތެރެއިން މިދިޔަ ތިން އަހަރުގެ ތެރޭގައި ޕާކިސްތާނުގެ 54 ލޭބަރުން ވަނީ އެކި ޓެރަރިސްޓް ހަމަލާތަކުގައި މަރާލާފައެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަކުން އެފްރިކާގެ ގައުމުތަކުން އަބަދު ވެސް ނާޖާއިޒް ފައިދާ ނަގަމުންދެއެވެ. ގިނަ އަހަރުތަކެއް ވަންދެން ހުޅަނގުގެ ގައުމުތަކުގެ ވަކިތަކުގެ ދަށުގައި އޮތުމަށް ފަހު ދުނިޔެ ޒަމާނީ ތަރައްގީ ހޯދަމުން ދިޔައިރު ވެސް އެފްރިކާ އޮންނަން ޖެހުނީ އިހުގެ ބޯދާ ގޮތްތަކުން އަރައިނުގަނެ ތަރައްގީ ގާއިމް ކުރާނެ ގޮތެއް ނެތިފައެވެ. ނަމަވެސް ޗައިނާ ވެފައި ވަނީ އެފްރިކާގެ ގައުމުތަކަށް މިފަދަ އެހީތައް ވެދޭ، އަދި ތަރައްގީގެ ހުވަފެން ހަގީގަތަކަށް ހެދުމަށް މަސައްކަތްކޮށްދޭ އެއް ގައުމަށެވެ. ޒިމްބާބްވޭ ފަދަ އިގްތިސާދީ ގޮތުން ވަޅުޖެހިފައިވާ ގައުމުތައް ކޮޅަށް ޖެހުމަށް އެންމެ ބޮޑު މާލީ އެހީ ފޯރުކޮށްދެނީ ޗައިނާ އިންނެވެ. އެފްރިކާގެ ގައުމުތަކަކީ އިގްތިސާދީ ގޮތުން ވަރަށް ނިކަމެތި ގައުމުތަކެއް ކަމަށްވީ ނަމަވެސް ވަސީލަތްތަކުގެ ގޮތުން މުއްސަނދި ގައުމުތަކެކެވެ. އެފްރިކާގެ ފަސްގަނޑަކީ މައުދަނުގެ މުއްސަނދިކަން ލިބިފައިވާ ފަސްގަނޑެކެވެ. ގުދުރަތީ ގޮތުން ވެސް ވަސީލަތްތައް ގިނައެވެ. ޗައިނާ އިން ވަމުންދާ މާލީ އެހީގެ ބަދަލުގައި އެ ގައުމުން ދަނީ މި ގުދުރަތީ ވަސީލަތްތަކުގެ ފުރިހަމަ ބޭނުން ހިފަމުންނެވެ. ދުނިޔޭގެ މާކެޓަށް ޗައިނާ އިން ނެރޭ ގިނަ އުފެއްދުންތަކަށް ބޭނުންވާ އަސާސީ މައްދާތަކާއި ވަސީލަތްތައް ހޯދަނީ ކުރިން ފާހަގަކުރި ގޮތަށް އެފްރިކާގެ ގައުމުތަކުންނެވެ. ތެލާއި ދަގަނޑާއި ލަކުޑި އާއި މައުދަނުގެ އެހެން ބާވަތްތަކުން ފެށިގެން ތަފާތު މައުދަންތައް ޗައިނާ އަށް އެތެރެކުރަނީ އެފްރިކާގެ ގައުމުތަކުންނެވެ. އޭގެ ބަދަލުގައި ޗައިނާއިން ކުރާ ކަމަކީ އެފްރިކާގެ ގައުމުތަކަށް އަގުހެޔޮކޮށް އިމާރާތް ކުރުމަށް ބޭނުންވާ މުދަލާއި ބިލިއަނުން ލޯނާއި އިންވެސްޓްމެންޓްތައް އޮއްސަނީއެވެ. އެ ގައުމުތަށް ޗައިނާ އަށް ދަރަނިވެރިކުރުވައި އިގްތިސާދީ ގޮތުން އަޅުވެތިކުރަނީއެވެ. 

މިކަމާ މެދު ފާޑުކިޔާ ފަރާތްތަކުން ބުނަނީ އެފްރިކާގެ ގައުމުތަކުގައި ޗައިނާ އިން އިންވެސްޓްކުރުމުގައި ގެންގުޅެނީ ވަރަށް ނާއިންސާފު އުސޫލުތަކެއް ކަމަށެވެ. އަދި ޗައިނާގެ މި ސިޔާސަތަކީ ހަމައެކަނި ޗައިނާ ކޮޅަށް ބަރުވާ ގޮތަށް ހަދާފައިވާ ސިޔާސަތެއް ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ދެކެއެވެ. އަދި މިއީ ޗައިނާ އިން ހަންފެތުރުމަށް ނުވަތަ އެމީހުންގެ ބާރު ގަދަކޮށް އަޅުވެތި ކުރުމަށް ގެންގުޅޭ އުކުޅެއް ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ސިފަކުރެ އެވެ.

ޗައިނާގެ އިގްތިސާދީ އަޅުވެތިކުރުން ހަމައެކަނި އެފްރިކާ ބައްރާ ހަމައަކުން ނުނިމެއެވެ. ބައްރަކަށް ފަހު ބައްރެއް، ގައުމަކަށް ފަހު ގައުމެއް ފަތަހަކުރަމުން ދާ ޗައިނާގެ ހަންފެތުރުން ދެކުނު އޭޝިޔާ އާއި އިރުމަތީ އޭޝިޔާ އަށް ވެސް ދަނީ ފެތުރެމުންނެވެ. ހާއްސަކޮށް ގުދުރަތީ ވަސީލަތްތަކުން މުއްސަނދިވެފައިވާ މިޔަންމާ އާއި ލަންކާ ފަދަ ގައުމުތަކުގައި ޗައިނާގެ ހަރަކާތްތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.

ގުދުރަތީ ގޮތުން މާބޮޑު މުއްސަނދިކަމެއް ލިބިފައި ނެތް ނަމަވެސް ސަރަހައްދީ ގޮތުން ދިވެހި ރާއްޖެ ވެސް އޮތީ މުހިންމު ތަނެއްގައެވެެ. އެހެން ކަމުން ރާއްޖެ އަށް ޗައިނާ އިން ކަޅިއަޅާތާ އެތައް ޒަމާނެކެވެ. މިއަދު ރާއްޖޭގެ ހާލަތަށް ބަލާ އިރު އަޑުއިވިގެން މިދަނީ ފުލުފުލުގައި ޗައިނާ އިން ވެދޭ އެހީތަކުގެ ވާހަކައެވެ. އެހީތަކެއް ނޫނެވެ. މާލީ އަދި އެނޫން ވެސް ފައިދާތަކަށް ދޭ ލޯނުތަކުގެ ވާހަކައެވެ. ރައީސުލްޖުމްހުރިއްޔާ އެންމެ ފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި 12 އެގްރީމެންޓްގައި ސޮއި ކުރެއްވި އިރު މި އެގްރީމެންޓްތަކުގައި ވެސް އެމީހުންގެ ބާރު ފޯރުވުމުގެ އުސޫލު އެކުލެވިފައި ވެއެވެ.

ވެރިރަށް މާލެ އާއި ރާއްޖޭގެ މުސްތަގުބަލު ގުޅިފައިވާ ހުޅުމާލެއާ ދެމެދު ބްރިޖަކުން ގުޅާލުމުގެ މަސައްކަތުގައި ވެސް ޗައިނާ އިން ދަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. މުޅި މަޝްރޫއަށް ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ހޭދަވާއިރު 100 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ދެއެވެ. އަދި ބާކީ ބައި ލޯނު އެހީގެ ގޮތުގައި ޗައިނާ އިން ދަނީ ފޯރުކޮށްދީފައެވެ. އޭގެ ބަދަލުގައި ޗައިނާގެ ކުންފުނިތަކަށް ރާއްޖޭގެ ބައެއް ފަޅު ރަށްތަކާއި ފަޅުތައް ދެމުންގެންދާ ވާހަކައަކީ މިހާރު އެންމެ ގަދައަށް ފެތުރޭ އެއް ވާހަކައެވެ. މީގެ އިތުރުން ވެސް ބަނދަރު ތަރައްގީ ކުރުމާއި ރާއްޖޭގެ ކަނޑާއި ތިމާވެށި ރައްކާތެރި ކުރުމަށާއި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި، އިތުރު ރިސޯޓް ތަރައްގީ ކުރުމަށް ޗައިނާގެ އިންވެސްޓަރުން ޝައުޤުވެރިވާ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންގް ޕިން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ޗައިނާއާ އެކު ވެވުނު ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ޗައިނާގެ ޓެރިފް ޝެޑިއުލްގެ 91 ޕަސެންޓް ޑިއުޓީ ކަނޑާލަ އެވެ. މީގެ އިތުރުން  ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 95 ޕަސެންޓަށް ޑިއުޓީ ކަނޑާލަ އެވެ. އެހެން ނަމަވެސް މިފަދަ ބޮޑު އެގްރީމެންޓެއްގެ ތެރެއިން ދިވެހި ރާއްޖެއަށް ފައިދާ ވާނީ ކިހާވަރަކަށްތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ޗައިނާއަކީ އެކްސްޕޯޓް މާކެޓް ދުނިޔޭގައި ވެސް އެންމެ ބޮޑު ގައުމަށްވާ އިރު، މި އެގްރީމެންޓްގެ ސަަބަބުން އެގައުމަށް ހަމަގައިމު ވެސް ވަރަށް ބޮޑު ފައިދާއެއް ކުރާނެއެވެ. މިދިޔަ އަހަރު އެކަނި ވެސް އެގައުމަށް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ 2.09 ޓްރިލިއަން ޑޮލަރަށް އަރައެވެ. އެގައުމުން ދަނީ މި އަދަދު އިތުރު ކުރުމަށް ގިނަ ބަޔަކާ އެކު ފްރީ ޓްރޭޑް އެގްރީމެންޓްތައް ހަދައި، އެކްސްޕޯޓް މާކެޓް ފުޅާ ކުރަމުންނެވެ.

ރާއްޖެއާ އެކު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި މިހާރު ދެމުން ގެންދާ އެހީތަކުގެ ފަހަތުގައި ވަނީ ރާއްޖެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ވުރެ ބޮޑަށް ޗައިނާގެ އިގްތިސާދީ ދުވެލި އިތުރަށް ހަރުދަނާކުރުމުގެ ވިސްނުމެކެވެ. އަދި ސަރަހައްދުގައި ހަންފެތުރުމަށް ޗައިނާ އިން ކުރަމުންދާ މަސައްކަތެވެ. އެފްރިކާ އާއި އިރުމަތީ އޭޝިޔާ އަދި ލަންކާ ފަދަ ދެކުނު އޭޝިޔާގެ ގައުމުތައް ފަދައިން ޗައިނާގެ ނުފޫޒު ރާއްޖޭގެ އިގްތިސާދުގައި ވަރުގަދަކުރުމަކީ ޗައިނާގެ ސިޔާސަތެކެވެ.

 

 

 

- ކޮމެންޓް