ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަދި މޯލްޑިވްސް ސޮކާ ގުޅިގެން ދޭ 'މޯލްޑިވްސް ފުޓްބޯލް އެވޯޑްސް' އަށް ވާދަކުރާ ފަރާތްތައް އިއުލާނުކޮށްފިއެވެ.
މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެވޯޑު ނައިޓުގައި ގިނަ ކެޓަގަރީތަކަކުން އެވޯޑުތައް ދޭން ވަނީ ނިންމާފައެވެ. އެގޮތުން އެންމެ މޮޅު ކުޅުންތެރިޔާ އަށާއި އެންމެ މޮޅު ކޯޗު، އެންމެ މޮޅު އަންހެން ކުޅުންތެރިޔާ، އެންމެ މޮޅު އަންހެން ކޯޗު، އެންމެ މޮޅު ގޯލްކީޕަރު، އެންމެ މޮޅު ގޯލު، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ، ފެއާ ޕްލޭ ޓީމް އަދި އެންމެ ވަރުގަދަ ސަޕޯޓެއް ދޭ ޓީމަކަށް ވެސް އެވޯޑު ދެވިގެން ދާނެއެވެ. ހަމައެހެންމެ އެންމެ އުއްމީދީ ކުޅުންތެރިޔާއަށް ވެސް އެވޯޑު ހަވާލުކުރެވިގެންދާނެއެވެ.
މިއަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ މިދިޔަ އަހަރު ވެސް މި މަގާމު ހޯދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ފޯވާޑް އަލީ ފާސިރް (ސެންޓޭ) އާއި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި އެ ޓީމުގެ ޒުވާން ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މުހައްމަދު އުމެއިރުގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބުގައި މޮޅު ކުޅުމެއް މި ސީޒަނުގައި ދެއްކި އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އާއި ހަމަ އެ ޓީމުގެ ހުނަރުވެރި ވިންގާރ ނާއިޒް ހަސަން (ދާދު) އެވެ.
މިފަހަރު އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރަނީ ޓީސީ ސްޕޯޓްސް ކްލަބާއެކު މިދިޔަ ސީޒަނުގައި ވެސް މި އެވޯޑު ހޯދި މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި މާޒިޔާގެ ކޯޗުގެ ގޮތުގައި މި ސީޒަނުގައި ފެނުނު މަރްޖާން ސެކުލެވޮސްކީގެ އިތުރުން މި ސީޒަނުގައި ނިއުއަށް އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް ހޯދައިދިން ކޯޗު އޮސްކާ ބްރޫޒޯންއެވެ. މި ކޯޗުންގެ ތެރެއިން މާޒިޔާގެ ކޯޗު މަރްޖާން ސެކުލެވޮސްކޯ ވަނީ އެ ޓީމު ދޫކޮށްލާފައެވެ.
ވޯޓު ދީގެން ހޮވާ އެންމެ މޮޅު ކޯޗާއި އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމަށް މިފަހަރު ވޯޓު ދޭނީ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ކޯޗުންނާއި ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ޓީމުތަކުގެ ކެޕްޓަނުންގެ އިތުރުން ކުޅިވަރު ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނެވެ.
މިދިޔަ އަހަރުގެ އެވޯޑުގައި އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ސެންޓޭއަކީ އެފަހަރު އެންމެ ގިނަ ލަނޑު ޖަހައި ރަން ބޫޓޫ ގެންދިޔަ ކުޅުންތެރިޔާ ވެސްމެއެވެ. ހަމައެހެންމެ މިދިޔަ ފަހަރު އެންމެ މޮޅު ކޯޗުގެ މަގާމު ނިޒާމްބެ ގެންދިޔައީ މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދީގެންނެވެ.
މިއީ ރާއްޖޭގެ ފުޓްބޯޅައިގެ މައިދާނުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑަށްވާއިރު މިފަހަރުގެ އެވޯޑު ހަފްލާވެސް ވަރަށް ކުލަގަދަ ވާނެކަމަށް ބެލެވެއެވެ.