ކ. މާލެ
|
13 ޑިސެންބަރ 2017 | ބުދަ 15:55
ޕެލޭ ކާމިޔާބުކުރި ހިތްގައިމު ލަނޑު
ޕެލޭ ކާމިޔާބުކުރި ހިތްގައިމު ލަނޑު
ޓްވިޓަރ
އާދަޔާހިލާފު ލަނޑުތައް
ފުޓްބޯޅައިގެ ތާރީހުގައި ފެނިގެންދިޔަ އެންމެ އާދަޔާއި ޚިލާފު ލަނޑުތައް!
ވޯލްޑްކަޕްތަކުގައި ހިތްގައިމު ލަނޑުތައް ވަނީ ފެނިގެން ގޮސްފައި

ވޭތުވެދިޔަ ބައި ގަރުނުގައި ފުޓުބޯޅައިގެ ދުނިޔޭގައި ޖަހާފައިވާ ލަނޑުތަކަށް ބަލާއިރު، އޭގެ ތެރެއިން ހޮވާލެވޭ އެންމެ މޮޅު ކަމަށް ބެލެވޭ ލަނޑުތައް ކަނޑައެޅުމުގައި، އެ ލަނޑު ޖެހި ތާރީޚާއި އެ ދުވަސްވަރުގެ އިޖުތިމާއީ ހާލަތަށް އިންސާފު ކުރަން ޖެހެއެވެ. މީގެ އިތުރުން އެ ފަދަ ލަނޑެއް ޖެހުމުގައި ހުރި އުނދަގޫތަކާއި ކުޅަދާނަ ކަމާއި އަދި ހުނަރަށް ވެސް ބަލާލުމަކީ ކުރަންޖެހޭނެ ކަމެކެވެ.

ފުޓްބޯޅައަށް ލޯބި ކުރާ ގިނަ ފަރާތްތަކާއި އަދި ފުޓްބޯޅައިގެ ތާރީހު ދިރާސާ ކުރައްވާ ތަޖުރިބާކާރުންގެ ލިސްޓްގެ އެއްވަނައަށް އަދިވެސް އަންނަނީ 1958 ގައި ބްރެޒިލްގެ ޕެލޭ ސްވިޑެންއާ ދެކޮޅަށް ޖަހާފައިވާ ލަނޑެވެ.

އެ ލަނޑު ޕެލޭ ޖެހިއިރު އޭނާގެ އުމުރުން އޭރު އެންމެ 17 އަހަރެވެ. ނަމަވެސް އޭނާ ކާމިޔާބުކުރި އެ ލަނޑުގެ ސަބަބުން ފުޓުބޯޅައިގެ ތާރީހުގައި އޭނާގެ ނަން ވަނީ ރަން އަކުރުން ފެވިފައެވެ. 1958 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕްގެ ފައިނަލް މެޗުގެ ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ޕެލޭ ކާމިޔާބުކުރި މި ލަނޑުގެ ސަބަބުން ބްރެޒިލްގެ ރޫހު އަލުން އާލާވެ، ޖެހިގެން އައި ދެ ވޯލްޑް ކަޕުވެސް ބްރެޒިލްއިން ވަނީ ކާމިޔާބު ކޮށްފައެވެ. އެއީ 1962 އަދި 1970 ގެ ވޯލްޑް ކަޕެވެ.

 

"ގޯލް އޮފް ދަ ސެންޗަރީ" ނުވަތަ ގަރުނުގެ ލަނޑު ގޮތުގައި އަދިވެސް މަޝްހޫރު ވެފައިވަނީ 1986 ގައި މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕްގައި އާޖެންޓީނާގެ މަޝްހޫރު ތަރި ޑިއެގޯ މެރަޑޯނާ ޖެހި ލަނޑެވެ. މުޅި މުބާރާތްވެސް ހީވީ މެރަޑޯނާގެ މުބާރާތެއް ހެންނެވެ. ބޯޅަ ކޮންޓްރޯލް ކުރަމުން ހަލުއި ދުވެއްޔެއްގައި ދާއިރު އެކަކަށް ވެސް އޭނާއަށް ހުރަހެއް ނޭޅުނެވެ. އަދި ހާފުގެ މެދެއްހާ ހިސާބުން މެރަޑޯނާ އެ ދިޔަ ބާރު މިނުގައި ގޮސް ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލިއިރު، އިނގިރޭސި ޑިފެންޑަރުންނަށް ކުރެވުނު އެއްވެސް ކަމެއް ނެތެވެ.

އެންމެ ހިތާމަވެރި ފުޓުބޯޅަ ކުޅުންތެރިއަކަށް އިޓަލީގެ ރޮބާޓޯ ބާޖިއޯ ވެދާނެއެވެ. އެއީ 1994 ގެ ވޯލްޑް ކަޕްގެ ފައިނަލްގައި ބްރެޒިލާ ދެކޮޅަށް ޕެނަލްޓީ ޖެހިއިރު، އެންމެ ފަހު ޕެނަލްޓީ އޭނާ ބޭރަށް ޖެހުމުން އިޓަލީ އަށް ތަށި ގެއްލުމުންނެވެ. އަދި ހުއްޓުން އަރާފައި ހިމޭންވެފައި ދަނޑުމަތީގައި ބާޖިއޯ ހުރި މަންޒަރަކީ އަދިވެސް ފުޓުބޯޅައިގެ އެތައް ބިލިއަން ސަޕޯޓަރުން ހަނދާނުން ފުހެ ނުލެވޭ މޮޅިވެރި ވަގުތުކޮޅެކެވެ. ނަމަވެސް އޭގެ ހަތަރު އަހަރު ކުރިން އިޓަލީގައި ބޭއްވި ވޯލްޑް ކަޕްގައި ބާޖިއޯ ޖެހި ލަނޑުތަކަކީ ފުޓުބޯޅައިގެ ތާރީހުގައި އަދިވެސް ބެލުންތެރިންގެ ހަނދާނުން ފިލައިގެން ނުދާނެ ލަނޑުތަކެވެ.

ލީގު މެޗެއް ވިޔަސް ނޫނީ އޮލިމްޕިކްސްގައި ކަމަށް ވިޔަސް ނުވަތަ ވޯލްޑް ކަޕްގައި ނަމަވެސް، ފުޓުބޯޅަ މެޗެއްގެ ހިތްގައިމު ކަމަކީ އެ މެޗު ކުޅޭ ގޮތެވެ.

ކުޅުންތެރިން ކުރާ ހިތްވަރާއި ދައްކާ ހުނަރުތަކުގެ ސަބަބުން އެތައް ފަހަރަކު ތަކުރާރުކޮށް ވެސް އެ މެޗުތަކާއި އެ ގޯލްތައް ބަލާހިތްވެއެވެ. އެ ގޮތުން ޗެލްސީ އާއި ބާސެނޯލާ ބައްދަލު ކުރި މެޗެއްގައި ލަމްޕާޑް ދެއްކި ހުނަރުތަކަކީ އަދިއަދަށް ދާން ދެން ވެސް މީހުން ހައިރާންކޮށްލި ކުޅަދާނަ ކަމެކެވެ. ކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައި އެތައް އުކުޅުތަކެއް ދައްކައި، ގޯލް ކާމިޔާބު ކުރި ގޮތެވެ. އޭނާއަށް ބޯޅަ ޕާސް ކުރުމުން، އެ ކޮންޓްރޯލްކޮށް، ގޯލް ރޮނގު ހުރަސް ނުކޮށް، އިދިކޮޅު ޑިފެންޑަރެއްގެ ހަމަލައަކުން ރެކެން ވެގެން 360 ޑިގްރީއަށް އެނބުރި، ބޯޅަ ކުރިއަށް ފޮނުވާލުމަށް ފަހު، ދުވެފައި ގޮސް ކުރި ހޯދައި، ނުވަ ފޫޓު މަތިން ބޯޅަ ފޮނުވާލައި، ގޯލްގެ ތެރެއަށް ބޯޅަ ވައްދާލި މަންޒަރަކީ މިހާރު ވެސް ބަލާ ފޫހި ނުވާ ލަނޑެކެވެ.

އިނގިރޭސި ވިލާތުގެ ޑޭވިޑް ބެކަމް އަކީ "ފްރީކިކް" ޖެހުމުގައި ދެވަނައެއް ނެތް ކުޅުންތެރިއެކެވެ. ނަމަވެސް ބްރެޒިލް އާއި ސްޕެއިނަށް ވެސް ނިސްބަތްވާ ރޮބާޓޯ ކާލޮސްގެ “ކާވް” ތައް މާ ނުރައްކާ ކަމަށާއި، އުނދަގޫ ކަމަށް ބައެއް ތަޖުރިބާކާރުން ބުނެއެވެ. ބްރެޒިލް 1998 ގެ ވޯލްޑް ކަޕްގައި ބަލިވުމުގެ އެއް އަހަރު ކުރިން 1997 ގައި ފްރާންސާ ދެކޮޅަށް ކާލޯސް ސާޅީހަކަށް ފޫޓު ދުރުން ފޮނުވާލި ބޯޅަ ފުރަތަމަ ހީވީ ގޯލްގެ ދަނޑީގެ އަރިމަތިން ބޭރުވަނީ ހެންނެވެ. ނަމަވެސް އެންމެ ފަހު ވަގުތު ބޯޅަ އެނބުރެމުން އައިސް ވަނީ ގޯލްގެ ތެރެއަށެވެ.

ބައިސިކަލް ކިކް” އަކީ ވެސް ވަރަށް ހުނަރުވެރި، އަދި ބެލެންސް ރަނގަޅު ނޫން ކުޅުންތެރިންނަށް ނޫނީ ފުރިހަމަ ނުކުރެވޭ އުކުޅެކެވެ. މި އުކުޅު ބޭނުންކޮށްގެން ޖެހި އެންމެ މޮޅު ލަނޑުގެ ވެރިޔަކީ ބްރެޒިލްގެ ރިވާލްޑޯއެވެ. ސްޕެނިޝް ލީގުގައި ބާސާއިން ވެލެންސިޔާ 2-3 ގެ ނަތީޖާއަކުން ބަލި ކުރި މެޗުގައި ރިވާލްޑޯއަށް ބޯޅަ ލިބުމުން، ވަރަށް ހަމަޖެހިލާފައި މެއިން ކޮންޓްރޯލް ކުރުމަށް ފަހު، ފުއްމައިގެން އަރައި، ވައަތު ފައިން “އިދިފުށަށް” ވަނީ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ. އަދި އެ ލަނޑު ޖެހީ އެންމެ ފަހު ވަގުތު ކަމުން ދަނޑު ކެކިއެރިއެވެ. މިއީ މިހާތަނަށް ފުޓުބޯޅަ މެޗެއް އެންމެ ފޯރިގަދަވާން ދިމާވި ލަނޑު ވެސް މެއެވެ. ރިވާލްޑޯގެ މި ހެޓްރިކުން ބާސެލޯނާ ޔޫއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވިއެވެ.

ފަހަރެއްގައި އެންމެ މޮޅު އުކުޅުތައް އީޖާދު ކުރި މީހަކީ ނެދަލެންޑްސްގެ ޔޮހާން ކްރަޔަފް ކަމަށް ވެދާނެއެވެ. ޕެލޭ އާއި އިޓަލީގެ މިޝޭލް ޕްލެޓިނީ ފަދަ ފުޓުބޯޅައިގެ "ލެޖެންޑުން"ނާއި އެއް ސަފެއްގައި ގުނާލެވޭ ކްރަޔަފް މަޝްހޫރު ވެގެން ދިޔައީ 1960 އާއި 1970 ގެ އަހަރުތަކުގެ ތެރޭގައެވެ. އޭނާގެ އެންމެ މޮޅު ލަނޑު ކަމަށް ބެލެވެނީ ނެދަލެންޑްސްގެ ލީގުގައި 2 ޖެނުއަރީ 1972 ގައި އަޑޯ ޑެން ހާގް އާ ދެކޮޅަށް އަޔެކްސް ކުޅުނު މެޗުގައި ޖެހި “ޓޫ ޓަޗް” ގޯލެވެ. އޭނާ އަށް ކުރި ދިގު ޕާސް ކޮންޓްރޯލް ކުރުމަށް ފަހު، ޑިފެންޑަރަކަށް އަތު ނުޖެހޭނެ ހިސާބަކަށް ބޯޅަ ފޮނުވާލާފައި، ބޯޅައާ އަލުން އަރާ ހަމަ ކުރުމަށް ފަހު، ގޯލްކީޕަރަށް ވެސް އަތު ނުޖެހޭނެ ހިސާބުން ގޯލްގެ ތެރެއަށް ވައްދާލި ބޯޅައަކީ “ޖާދުލެއް”ގެ ސިފައިގައި އަދިވެސް ގިނަ ބަޔަކު ފާހަގަ ކުރާ ގޯލެކެވެ. ގޯލެއް “ޕާފެކްޓް” ނުވަތަ އެންމެ ފުރިހަމަ ކަމަށް ބެލެވޭނީ މިހާކަންހާ ވަރަށެވެ.

ފުޓުބޯޅައަކީ ކުރިއަށް ގޮތް ކިޔަން ނޭނގޭ ކުޅިވަރެއް ކަމަށް ބެލެވެނީ މިހެންވެއެވެ. ވަގުތާއި ހާލަތް ނިޔާ ކުރާ ގޮތުން ހަމަ ކޮންމެ މީހަކަށް ވެސް އާދަޔާ ޚިލާފު ހުނަރުތައް ދައްކާލަން ފުރުސަތު ލިބޭތީއެވެ. ދުނިޔޭގެ އެންމެ ގިނަ މީހުންނަށް ކަމުދާ ކުޅިވަރަކަށް ފުޓުބޯޅަ ވެގެން ދިޔައީ ވެސް މިފަދަ ސަބަބުތަކާއި ހެދިއެވެ. ކުރިޔަށް އޮތް ތަނުގައިވެސް މިފަދަ ހުނަރުން ފުރިގެންވާ ކުޅުންތެރިންނާއި މެޗުތަށް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.

- ކޮމެންޓް