ކ. މާލެ
|
8 ޑިސެންބަރ 2017 | ހުކުރު 10:06
ނިހާން (ކ) މަޖިލިސް ރައީސް މަސީހުއާއިއެކު އެމިރޭޓްސް ބިޒްނަސް ކްލާހުގައި ޑުބާއީއިން ބްރެޒިލްއަށް ވަޑައިގަންނަވަނީ
ނިހާން (ކ) މަޖިލިސް ރައީސް މަސީހުއާއިއެކު އެމިރޭޓްސް ބިޒްނަސް ކްލާހުގައި ޑުބާއީއިން ބްރެޒިލްއަށް ވަޑައިގަންނަވަނީ
އިންސްޓަގްރާމް
މެމްބަރު ނިހާން
ނިހާން އުޅުއްވާހާ އުހުގައި އުޅެވޭނެނަމަ..
މި ދަތުރުގެ ޓިކެޓްތަކަށް އަރާ އަގު ބައި މިލިއަނަށް ވުރެ ބޮޑު
ނިހާންމެން ދަތުރުކުރައްވަނީ ބިޒްނަސް ކްލާހުގައި
ދަތުރުގައި ބޭނުންކުރައްވަނީ ދިގު ރޫޓެއް

އިންސްޓަގްރާމް ފޮޓޯ ފެނުނީމައި ދިޔައީ ސިއްސައިގެންނެވެ. އެމިރޭޓްސްގެ މަތިންދާބޯޓުގައި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެން މަނިކު އެހުންނެވީ ސީދާ ބިޒްނަސް ކްލާހުގައެވެ. ޖެހިގެން އެހުންނެވީ އެބޭފުޅެއްގެ ގޮނޑީގެ ދިފާޢުގައި މުޅި ސަރުކާރު ނިކުތް، ލާހިކު ކުޅަދާނަ ގޮތަކަށް ގޮނޑި ދުއްވާނުލެވޭނެ މި ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހެވެ. ދަތުރު އެކުރައްވަނީ ސީދާ ރަތް ކަނޑު މަތިންނެވެ. ނުލާހިކު އުހުގައެވެ. 35 ހާސް ފޫޓު މަތިންނެވެ. އަޅުގަނޑުމެން ރަށަށް ދާއިރު މޯލްޑިވިއަންއިން ދިހަވަރަކަށް ހާސް ފޫޓަށް މައްޗަށް އެރީމާ އަޅުގަނޑުމެންނަށް ލައްކައެކޭ ހީވަނީތޯއެވެ. ގަޑިއަކު ފައްސަތޭކަ ފަސްދޮޅަށް ހަ މޭލު ބާރުމިނުގައި އެކުރައްވާ ދަތުރުގައި އެމިރޭޓްސްގެ ބިޒްނަސް ކްލާހުގައި 14 ގަޑިއިރު ހޭދަކުރައްވާނެ ގޮތް ހިތަށް އަރާލީމާ، ތަލިން ކުޅު ހިކުން ފިޔަވައި ނިކަމެތި އަޅުގަނޑު ކުރާނެ އިތުރުކަމެއް ނެތެވެ.

ދެންވެސް ހުރީ ހަމަ އެފެންވަރުގެ ފޮޓޯއެކެވެ. 35 ހާސް ފޫޓު އުހަށް ނުވިޔަސް، ދިވެހިންގެ 90 އިންސައްތަ މީހުން ނާރާހާ އުހުގައެވެ. އާދައިގެ ތަނެއްގައެއް ނޫނެވެ. ބްރެޒިލްގެ ކޮޕަކަބާނާ ބީޗްގައެވެ. އާދައިގެ ހޮޓަލެއްގައެއް ނޫނެވެ. ސީދާ ރިއޯގެ ހިލްޓަން ހޮޓަލުގައެވެ. ރެއަކަށް އެތައް ސަތޭކަ ޑޮލަރެކެވެ.

މިހާ އުހުގައި މަސީހާއި ނިހާން ސެލްފީ ނަންގަވައި، ރިއޯގެ ހިލްޓަންގައި މިއުޅުއްވަނީ ކީއްތޯ ބަލާލާ ހިތްވެއްޖެއެވެ. ޗުއްޓީއެއްނަމަ އިންސްޕިރޭޝަންކޮޅެއް ހޯދާލުމަށެވެ. އެކަމަކު އަސްތާ، ކަންވީ އެހެނެއް ނޫނެވެ. މި ދަތުރު މިވީ ކޮންމެހެން ދާން ޖެހޭ ދަތުރެއް ނޫން ނަމަވެސް، ހަމަ ބައިތުލްމާލުން ޚަރަދު ކޮށްލައިގެން އެބޭފުޅުން ކޮށްލައްވާ ދަތުރުފުޅަކަށެވެ. އެނގިފައިވާ ގޮތުގައި މިދަތުރަކީ ބްރެޒިލްގެ ރިއޯއަށް ކުރަންޖެހޭ ދަތުރެއް ނޫނެވެ. މިއީ އާޖެންޓީނާގެ ވެރިރަށް ބޮއިނަސްއައިރިސްއަށް ކުރަން އޮތް ދަތުރެކެވެ. އެކަމަކު މިބޭފުޅުން ރާއްޖެއިން ޑުބާއީއަށް ވަޑައިގެން، އެތަނުގައި ޗުއްޓީއެއް ހައްދަވާލެއްވުމަށް ފަހު ދެންވެސް އާޖެންޓީނާއަށް ވަޑައިނުގެން ވަޑައިގެންނެވީ ބްރެޒިލްއަށެވެ. އާޖެންޓީނާއަށް ދަނީ އަދި މާފަހުންނެވެ.

ނިހާން ކިތަންމެ އުހުގައި ސެލްފީ ނެންގެވިނަމަވެސް އަޅުގަނޑަށް އެކަން ކުރެވޭކަށް ނެތެވެ. ބައިތުލްމާލުން އަޅުގަނޑަށް ޚަރަދެއް ނުކުރެއެވެ. ބޭކާރު ދަތުރުތަކުގައި ޗުއްޓީ ހަދާލަން ބިޒްނަސް ކްލާހުގައި އަޅުގަނޑު ނުފޮނުވައެވެ.

މިޗުއްޓީގައި ރަށުން ބޭރަށް ދާން، ނުވަތަ ބޭނުން ތަނަކަށް ދާން މާލީ ތަނަވަސްކަން ނެތި ގޭގައި ތިބެން ޖެހޭ ބޭފުޅުންނަށް ކިޔައިދޭން އަޅުގަނޑު ބޭނުން ވާހަކައެއް އެބައޮތެވެ. ތިބޭފުޅުންނަށް ތަންތަނަށް ނުދެވެނީ ނިހާނުމެން ކަހަލަ ބޭފުޅުން ސެލްފީ ނަންގަވައި، ޗުއްޓީ ހޭދަކުރަން ކުރައްވާ މިފަދަ ދަތުރުތަކުގެ ސަބަބުންނެވެ. މިދަތުރުގެ ސަބަބުން ރާއްޖޭގެ ބައިތުލްމާލުން މިލިއަނަކާއި ގާތްކުރާ އަދަދެއް މަދުވެޔޭ ބުނުމުން އާއްމު ދިވެހި ރައްޔިތަކު ބިރުން ފިތްކަނޑައިގެންދާނެއެވެ. އެމިރޭޓްސްގައި ޑުބާއީއިން ރިއޯއަށް ބިޒްނަސް ކްލާސް ޓިކެޓެއް އުޅެނީ ގާތްގަނޑަކަށް 10 ހާސް އެމެރިކާ ޑޮލަރަށެވެ. ނިހާނުމެންގެ 4 ވަރަކަށް ބޭފުޅަކަށް، ކޮންމެ މީހަކަށް 10 ހާހެއްހާ ޑޮލަރުގެ ޓިކެޓެއް ނެގުމުން، ޑުބާއީ އާއި ރިއޯއާއި ދެމެދުގެ ޓިކެޓްގެ އަގު އެކަނިވެސް 6 ލައްކައަށް އަރައެވެ. އަދި ރިއޯގައި ހުރުމާއި، ނިހާން ސައިޓް ސީންއަށް ވަޑައިގަންނަވާ ޚަރަދުތައް ކޮބައިތޯއެވެ. މި ވަފުދު ރާއްޖެއިން ޑުބާއީއަށް އިއްޒަތުގައި ވަޑައިގެންނެވި ޚަރަދާއި، އެތަނުގައި ކުރެއްވި ޚަރަދު ކޮބައިތޯއެވެ؟ އަދި ރިއޯއިން ބޮއިނަސް އައިރިސްއަށް ވަޑައިގަންނަވާނެ ޚަރަދު ކޮބައިތޯއެވެ. އަނބުރާ ރާއްޖެ ވަޑައިގަތުން ކޮބައިތޯއެވެ؟ މިއިން އެއްވެސް ކަމެއް ސަހަލު އަގެއްގައި ކުރައްވާފައިނުވާނެކަން ކަށަވަރެވެ. އެކަން އެހެން ކުރައްވާނެނަމަ އެންމެ ފުރަތަމަވެސް ރާއްޖެއިން ބޮއިނަސް އައިރިސްއަށް އެއަށް ވުރެ އަގުހެޔޮކޮށް ދެވެން އޮއްވާ ދާނީ އަގު ހެޔޮ ރޫޓުންނެވެ. ބިޒްނަސް ކްލާހުން ޤަތަރު އެއަރވޭސްގައި 22 ގަޑިއިރުން ބިޒްނަސް ކްލާހުގައި 7 ހާސް ޑޮލަރަށް ދެވެން އޮވެއެވެ. އޭގެ އެތައް ގުނައެއް އިތުރަށް މިބޭފުޅުން ޚަރަދު ކުރައްވަނީ ހަމަ ރަތްކަނޑު މަތިން ސެލްފީއެއް ނަގާލަންތޯއެވެ؟

މިބޭފުޅުން މިއުޅުއްވާ ލަގްޒަރީ ލައިފްސްޓައިލަކީ ރާއްޖެފަދަ ބަނގުރޫޓުވާން ގާތްވެފައިވާ ޤައުމެއްގެ ބަޔަކަށް އުޅެވޭނެ ލައިފްސްޓައިލެއް ނޫނެވެ. ރޮލެކްސް އަތުކުރީ ގަޑިއާއި، ދަރިފުޅުގެ އުފަންދުވަހު އަގުބޮޑު ކާރާއި، ހެޔޮ އަގުގައި ދެވެން އޮންނަ ތަންތަނަށް ބޮޑު އަގުގައި ދަތުރުކުރުމާއި، އެދަތުރުގައިވެސް އެގްޒޯޓިކް ޑެސްޓިނޭޝަންތަކަށް ޑީޓުއަރ އަޅާލުމަކީ އަޅުގަނޑުމެންކަހަލަ ނިކަމެތިންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އައިއެމްއެފްއިން ކިތަންމެ ވަރަކަށް ޚަރަދުކުޑަކުރާށޭ ބުންޏަސް ކުރާނީ ކީއްތޯއެވެ؟ ކައުންސިލެއްގެ އަހަރު ދުވަހުގެ މުސާރަ ޝީޓަށް އަރާވަރު މިބޭފުޅުން މި ޚަރަދުކޮށްލައްވަނީ އެންމެ ދަތުރަކަށެވެ. އެވެސް ބޭކާރު ދަތުރަކަށެވެ. ދަރަނި ބޮޑުވީމާ ދައްކާނީ އެވާހަކަ ދެއްކި މީހާގެ ގޯސް ވާހަކައެވެ.

އަޅުގަނޑުމެންނަށް ޖެހޭނީ ހަމަ އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން ފުއްދާލައިގެން ތިބޭށެވެ. އަޅުގަނޑުމެން ބޭނުންވަނީވެސް އެގޮތެވެ. ރައްޔިތުންގެ ފައިސާއިން އަމިއްލަ ޚަރަދުކުރުމަށް ވުރެ، އަމިއްލައަށް ބުރަ މަސައްކަތްކޮށްގެން ހޯދާ ފައިސާއިން ކުރެވެނު ކަމެއް ކޮށްލައިގެން އަޅުގަނޑުމެން ތިބޭނީއެވެ. ނިހާނުމެން މަޖިލީހުގައި ތިއްބަވައިގެންވެސް އަޅުގަނޑުމެންނަށް ތިކަހަލަ ދަތުރުތައް ކޮށްލެވޭނެ ވަރުގެ އާމްދަނީއެއް ލިބޭނެ މަގެއް ފަހިކޮށްދެއްވަނީއެއް ނޫނެވެ. 36ވަނަ ބުރީގައި ހުރެ ނިހާން ފޮޓޯ ނެންގެވިޔަސް، އަޅުގަނޑުމެންނަށް އަޅުއްވައިދެއްވަން ވިދާޅުވި 25 ބުރީގެ ބަދަލުގައި ނިހާނުގެ ސަރުކާރުން ތި އަޅުއްވައިދެއްވަނީ 14 ނުވަތަ 15 ބުރިއެވެ. އެތަނުން ދެން ފެންނަން ހުރި މަންޒަރެއްގެ ފޮޓޯ، އެތަން ހެދުނިއްޔާ ހެދުނު ދުވަހަކުން ނަގާނީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
9 ޑިސެންބަރ 2017 | ހޮނިހިރު 18:22
މިބޭފުޅުން ޚަރަދު
ހަރަދު ތަކުގެ ސާރވޭ ބެލޭނެބާ؟
8 ޑިސެންބަރ 2017 | ހުކުރު 14:51
ވަރަނގު
ތިހެންވީމައޭ އަހަރެން ތަކުރާރުކޮށް މިބުނަނީ "ވާކާސް އޮފް ދަ ވާލްޑް ޔުނައިޓް!" މިސިއާރު ރާއްޖެ ގެނެސް އާލާކުރަން ލަސްވެއްޖޭ! ދިވެހިރާއްޖޭގެ މަސައްކަތްތެރިން އެއްބައިވެލާގެން ނިކުމެ މިހެން އުޅޭ މީހުންނާ ރިސޯޓުވެރި މަހުޖަނުން އަތުން ރާއްޖެ އަތުލަންވިއްޔޭ. ބިދޭސީ ރިސޯޓު އޯނަރުވެސް ބޭރުކޮފައި ބޭރުގައުމުތަކުގެ ދަރަނި ތައް ފިލުވަންވިއްޔާ. ކީއްކުރާކައްތަ ބަލަންވީ. މިތަން ވާކާސް ޕެރެޑައިސް އަކަށް ހަދަންވީ. އެންމެން މަހުޖަހުން ގެ އަޅުންނަށް ދެން ނުވާންވީ. ޔުނައިޓް! ޔުނައިޓް! ޔުނައިޓް!