ކ. މާލެ
|
22 ނޮވެންބަރ 2017 | ބުދަ 16:04
މެންބަރު ޢަބްދުﷲ އަހުމަދު: ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެންބަރުންގެ ތެރޭގައި ހިމެނޭ
މެންބަރު ޢަބްދުﷲ އަހުމަދު: ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެންބަރުންގެ ތެރޭގައި ހިމެނޭ
ޓްވިޓަރ
އަބްދުﷲ އަހުމަދު
ބިރުދައްކައިގެން ތިނަދޫ ރައްޔިތުން ފަހަތަކަށް ނުޖެއްސޭނެ: ޢަބްދުﷲ އަހުމަދު
ފާސިގުންނާއި ޚާއިނުންނާއި ބާޣީންގެ ކިބައިން ތިނަދޫ ލޮބުވެތި ރައްޔިތުން ސަލާމަތް ވެއްޖެ
ދެންއޮތީ ގައުމު ސަލާމަތް ކުރުން
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ އަސާސަކީ ކޮރަޕްޝަނާއި ވައްކަން

ބިރު ދެއްކުމުގެ ތެރެއިން ތިނަދޫ ރައްޔިތުން ފަހަތަށް ނުޖެހޭނެ ކަމަށާއި އިދިކޮޅު ފަރާތްތަކުގެ ޖަލްސާއަށް ރައްޔިތުން ނުކުންނާނެ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ޢަބްދުﷲ އަހުމަދު މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ގދ. ތިނަދޫގައި ބާއްވާ ޖަލްސާގައި ބައިވެރިނުވުމަށް ޕީޕީއެމުގެ ބައެއް އިސް ފަރާތްތަކުން ގޮވާލާފައިވާ ގޮވާލުމަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.

ޕީޕީއެމްގެ ޢަބްދުއްރަހީމާއި އަހުމަދު ނިހާން އަދި މޫސާ ޒަމީރަށް ޓެގް ކުރައްވައި އަބްދުﷲ އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިރުދެއްކުމުގެ ތެރެއިން ތިނަދޫ ލޮބުވެތި ރައްޔިތުން ހުއްޓުވަން ކިތައްމެ މަސައްކަތެއް ކުރިއަސް ނުހުއްޓުވޭނެ ކަމަށެވެ. އަދި ދެމި ތިބޭނީ އިސްލާހީ މަސައްކަތުގެ ކުރީ ސަފުގައި ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

 

ހަމަ އެބޭފުޅުންނަށް ޓެގް ކުރައްވައި ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ފާސިގުންނާއި ޚާއިނުންނާއި ބާޣީންގެ ކިބައިން ތިނަދޫ ލޮބުވެތި ރައްޔިތުން ސަލާމަތް ވެއްޖެ ކަމަށާއި ދެންއޮތީ ގައުމު ސަލާމަތް ކުރުން ކަމަށެވެ. އަދި ލައްކަ ދުވަހެއް ނެތް ކަމަށް ވެސް އަބްދުﷲ ވިދާޅުވިއެވެ.

މީގެ އިތުރުން ބުދަ ދުވަހު ފާސްކުރި އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން ވެސް ޢަބްދުﷲ އަހުމަދު ވަނީ ފާޑު ވިދާޅުވެފައެވެ. އެގޮތުން އޭނާ ވިދާޅުވީ "2018 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ އަސާސަކީ ކޮރަޕްޝަނާއި ވައްކަން" ކަމަށެވެ. އަދި މަޖިލީހުގެ އަޣްލަބިއްޔަތު ވަރަށް ސާފު ކަމަށާއި "ގަދަކަން ދައްކައިގެން ޢަބްދުﷲ މަސީހު ރިޔާސަތުގައި އިންނަން ލަދުގަންނަން ޖެހޭ" ކަމަށެވެ.

މެންބަރު ޢަބްދުﷲ އަހުމަދު މިހެން ވިދާޅުވެފައި މިވަނީ ގުޅިފައިވާ ޕާޓީތަކުން ބުރާސްފަތި ދުވަހުގެ ރޭ ގދ. ތިނަދޫގައި ބާއްވާ ޖަލްސާއަށް ނުދިއުމަށް ސަރުކާރުގެ އިސް ބައެއް ބޭފުޅުން ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް