ކ. މާލެ
|
22 ނޮވެންބަރ 2017 | ބުދަ 12:22
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ
ޓްވިޓަރ
ބަޖެޓް 2018
ބަޖެޓް ފާސްކުރަންޖެހޭނީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
ރައްޔިތުން ކުރުން ލާޒިމްކުރާ ކަންތައްތަކުގައި ވޯޓަށް އަހަންޖެހެނީ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ މެންބަރުންގެ ހާޒިރުގައި
ބަޖެޓަކީ ގާނޫނު ހެދުމުގެ އާންމު ބާރުގެ ތެރެއިން ކުރާ ކަމެއް
ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން ބަޖެޓް ވޯޓް ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށްވެސް އެދިފައިވޭ

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ފާސްކުރަންޖެހޭނީ ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ 'ށ' ގެ ދަށުން ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ 'ށ' ގައިވާ ގޮތުގައި، ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައެވެ. 

އިދިކޮޅު ސިޔާސީ ޕާޓީތަކާއި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތުން އާންމު މަސްލަހަތު ހިމެނޭ މައްސަލައެއްގެ ގޮތުގައި ހުށަހެޅި މި މައްސަލައިގައި އެދިފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާގައި ހިމެނޭ، ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމްކުރާ ކަންތައްތަކުގެ ތެރޭގައި ދައުލަތުގެ ބަޖެޓް ފާސްކުރުމުގެ ވޯޓް ހިމެނޭ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައިވާ ގޮތުގައި، ރައްޔިތުން އެ މައްޗަށް އަމަލުކުރަން ލާޒިމުކުރާ ކަންކަމުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާގެ ދަށުން ބަޔާންކޮށްފައި ވަނީ ވަކި ބާވަތްތަކެއްގެ ގާނޫނު ފާސްކުރުމެވެ.

އެގޮތުން ފާހަގަކޮށްފައިވާ ގާނޫނުތަކުގެ ތެރެއިން ރައްޔިތުންގެ އަތުން ފައިސާއެއް ޚަރަދުކުރަންޖެހޭ ކަންކަމާއި، ރައްޔިތުންގެ އަތުން ޓެކްސްއެއް ނެގުމާއި، ރައްޔިތަކު އުފުލަންޖެހޭ ޝަހްސީ ޒިންމާ ހިމެނޭއިރު، ދައުލަތުގެ އަހަރީ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓަކީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ 'ށ' ގެ ދަށުން މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ އާންމު ބާރުތަކުގެ ތެރެއިން ކުރާކަމެއް ކަމަށް މައްސަލައިގައިވެއެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައިވާ ގޮތުގައި، ގާނޫނުއަސާސީގެ 97 ވަނަ މާއްދާގައިިވާ ގޮތުން، ދައުލަތުގެ މުދަލާއި ފައިސާ ޚަރަދުކުރުމާއި ހޭދަކުރުމާބެހޭ ވަކި ހާއްސަ ގާނޫނަކީ ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓު ކަމަށްވެފައި، މަޖިލީހުން ބަޖެޓް ފާސްކުރުމަކީ ގާނޫނެއް ފާސްކުރުމުގެ ދަރަޖައިން އިފްތިރާޟުވެގެންވާކަމެކެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން، ބަޖެޓް ފާސްކުރުމަށް ބުދަ ދުވަހު ނަގަން އޮތް ވޯޓް ފަސްކޮށްދިނުމުގެ އަމުރަކަށް ވެސް މައްސަލައާއެކު އެދިފައިވެއެވެ.

މި މައްސަލަ ހުށަހެޅިއިރު، ބަޖެޓް ކޮމެޓީއިން ވަނީ، އެއްވެސް ބަދަލެއް ނުގެެނެސް ފިނޭންސް މިނިސްޓްރީއިން ހުށަހެޅި ގޮތަށް 27.9 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފަ އެވެ. އަދި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ފާސްކުރަން ވަނީ ތާވަލްކޮށްފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް