ކ. މާލެ
|
22 ނޮވެންބަރ 2017 | ބުދަ 05:02
ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް
ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް
ރާއްޖެއެމްވީ
ތޮއްޔިބު ޝަހީމް
މައުލޫމާތު ދެނީ ކޮރަޕްޝަނާއި ފަސާދައާ ދެކޮޅު މީހުން، މުއާމަލާތް ކުރަނީ ފޯނަކުން ނޫން: ތޮއްޔިބު
ތޮއްޔިބަށް މައުލޫމާތު ދޭ މީހުން ހޯދުމަށް އޭނާގެ ފޯނު ވަނީ ހިފަހައްޓާފައި

ސަރުކާރުގެ އިސްވެރިންނާއި ދައުލަތުގެ މުވައްސަސާތަކާ ގުޅޭ ގޮތުން ސޯޝަލް މީޑިޔާގައި އާންމުކުރާ މައުލޫމާތުތައް ލިބެނީ އެތަން ތަނުގައި މަސައްކަތްކުރާ، ކޮރަޕްޝަނާއި ފަސާދައާ ދެކޮޅު މުވައްޒަފުންގެ ފުށުން ކަމަށް ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް ބުނެފި އެވެ.

ދައުލަތުގެ އިސްވެރިންނާ ގުޅޭ ގޮތުން ސޯސަޝަލް އެކްޓިވިސްޓް ތޮއްޔިބަށް މައުލޫމާތު ދޭ މީހުން ހޯދުމަށް އޭނާގެ ފޯން ކޯޓް އަމުރެއްގެ ދަށުން ވަނީ އަތުލައިފަ އެވެ. އެ ކޯޓު އަމުރުގައި ބުނާ ގޮތުން ތޮއްޔިބުގެ މައްޗަށް ކުރަނީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ އަދި ސަރުކާރުގެ އިސްވެރިންނާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމުގެ ތުހްމަތާއި އޭނާއަށް މައުލޫމާތު ދޭ ފަރާތްތައް ހޯދުމެވެ. 

ރާއްޖެޓީވީގެ ސުންގަޑީގައި ވާހަކަ ދައްކަމުން ތޮއްޔިބު ބުނީ އޭނާއަށް މައުލޫމާތު ދޭ މީހުން އޭނާއާ ހިއްސާކުރަނީ ފޯނުން ނޫން ކަމަށެވެ.

"އެއްވެސް ހާލަތެއްގައި ފޯނު ކޮމިއުނިކޭޝަނަކުން ނޫން އަޅުގަނޑާ ހަމައަށް މައުލޫމާތު އަންނަނީކީ. ސަރުކާރުގެ އޮފީސްތަކުގައި އާއި ކޮމިޝަންތަކުގައި އާއި ސިފައިންނާއި ފުލުހުންގެ ތެރޭގައާ މި ހުރިހާ ތަނެއްގައިވެސް އެބަ ތިބި ކޮރަޕްޝަނާއި ފަސާދަ މި ހުރިހާ ކަމަކާ ދެކޮޅު ހަދާ އަދި މިކަން ހުއްޓުވުމަށް މަސައްކަތްކުރާ ބަޔަކު. އެކި ސްޓޭޖްތަކުގައި އަޅުގަނޑާ ހަމައަށްވެސް މައުލޫމާތުތައް މި އަންނަނީ. ޕްލޭނިން ސްޓޭޖުވެސް ބައެއް ފަހަރު މައުލޫމާތު އައިސްފަ އެބަ ހުރި. އަނެއް ބައި ފަހަރު ރޭވިގެން އެކަން ހިނގަމުންދަނިކޮށް ވެސް،" ތައްޔިބު ބުންޏެވެ.

އޭނާ ބުނީ ސަރުކާރުގެ ތެރޭގައި ހިނގާ ކަންކަމުގެ މައުލޫމާތުތައް ޕީޕީއެމްގެ އިސްވެރިންގެ ފަރާތުންނާއި ރައީސް އޮފީހުގެ ތެރެއިންވެސް ލިބިފައި އެބަހުރި ކަމަށެވެ. އަދި ބުނީ އާންމުކުރާ މައުލޫމާތުގައި ބައެއް ފަހަރު ކުޑަ ކުށެއް ހުރުމަކީވެސް ވެދާނެ ކަމެއް ކަމަށާއި އެހެން ނަމަވެސް އެއީ މައުލޫމާތު ފޯރުކޮށްދޭ މީހާ ދޭ މައުލޫމާތު ކަމަށެވެ. އޭނާއަށް މައުލޫމާތު ދޭ ފަރާތްތައް ރާއްޖޭން ބޭރުގައި ވެސް އެބަ ތިބި ކަމަށް ތޮއްޔިބު ބުންޏެވެ. 

ހައްޔަރު ކުރިޔަސް ބިރު ނުގަންނަ ކަމަށާއި އަދި ފޯނު އަތުލިޔަސް، މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުން ވެސް ބިރެއް ނުގަންނާނެ ކަމަށް ތޮއްޔިބު ބުންޏެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް