ކ. މާލެ
|
22 ނޮވެންބަރ 2017 | ބުދަ 05:22
އަންނަ އަހަރުގެ ބަޖެޓަކާ ގުޅޭ ގޮތުން ބޭއްވި ޕެނަލްގައި އިބްރާހިމް ހަސަން ވާހަކަ ދައްކަވަނީ
އަންނަ އަހަރުގެ ބަޖެޓަކާ ގުޅޭ ގޮތުން ބޭއްވި ޕެނަލްގައި އިބްރާހިމް ހަސަން ވާހަކަ ދައްކަވަނީ
މުރުޝިދް އަބްދުލް ހަކީީމް
2018 ވަނަ އަހަރުގެ ބަޖެޓް
އަންނަ އަހަރުގެ ބަޖެޓަކީ އެންމެ އަނިޔާވެރި، ހިޔާނާތްތެރި ބަޖެޓް: އިބްރާހިމް ހަސަން
ބޮޑެތި އަދަދުތަކުން ފައިސާ ހިމަނާފައިވަނީ ކޮރަޕްޝަންގެ މަޝްރޫއުތަކަށް
ތޮއްޑޫ ދާއިރާ އޮތީ ޗާޓުން ބޭރުކޮށްލާފައި

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ވެގެންދާނީ މިހާތަނަށް ފާސްކުރާ އެންމެ އަނިޔާވެރި އަދި ހިޔާނާތްތެރި ބަޖެޓަކަށް ކަމަށް ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ފަރާތުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އިބްރާހިމް ހަސަން ވިދާޅުވީ މި ސަރުކާރު އައިފަހުން ފާސްކުރި ކޮންމެ ބަޖެޓެއް ވެސް ފާސްކުރަނީ އުއްމީދީ ބަޖެޓެއް ކަމަށް ބުނެ ކަމަށެވެ. ނަމަވެސް އެއްވެސް  ބަޖެޓަކުން ހާސިލްކުރަން ބޭނުންވާ މަގުސަދު މިހާތަނަށް ހާސިލް ވެފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަންނަ އަހަރުގެ ބަޖެޓަކީވެސް އޮޅުވާލުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބަޖެޓްގެ ކޮންމެ ރުފިޔާއަކަށް އަހަރަކަށް ދޮގެއް އެބަ އޮތް ހައްދަވާފައި. އެހެންވީމަ 27.9 ބިލިއަން ދޮގު ހައްދަވަން އެބަ ޖެހޭ ހަތް މަސްދުވަސް ތެރޭގައި މި ބަޖެޓުން ކަންތައް ކޮށްދޭ ކަމަށްވަންޏާ. އެމަނިކުފާނުގެ ދައުރު ހަމަވާން ގާތްގަނޑަކަށް ހަތް މަސް. 27.9 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ރާއްޖޭގެ ރަށްރަށުގައި ހިންގާނެ ގޮތަކާމެދު، ވާހަކަ އިން ހިޔާލުން އެކަން ކޮށްދޭން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ހަސަން ވިދާޅުވި ގޮތުން މި ބަޖެޓަށް ވޯޓު ނުދޭނެ އެންމެ ބޮޑު ސަބަބަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލެއް ލިބިގެން ނުދިއުމެވެ. ބަޖެޓުގައި ބޮޑެތި އަދަދުތަކެއް ޖަހާފައިވަނީ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކަށް ކަމަށްވެސް އޭނާ ވަނީ ސިފަ ކުރައްވާފަ އެވެ.

ވޭތިވެދިޔަ ހަތަރު އަހަރުގެ ތެރޭގައިވެސް އޭނާ ތަމްސީލް ކުރައްވާ، ތޮއްޑޫ ދާއިރާ އޮތީ އެކަހަރި ކޮށްފައިކަން ފާހަގަ ކުރައްވައި، އިބްރާހިމް ހަސަން ވިދާޅުވީ އަންނަ އަހަރު ވެސް ތޮއްޑޫ ޗާޓުން ބޭރުކޮށްލާނެ ކަމަށެވެ.

"ތޮއްޑޫ ސްކޫލު ބަރާބަރު ތިން އަހަރު ބަޖެޓުގައި ޖަހާ ބިޑްކޮށް މިނިސްޓްރީއަށް ފޮނުވައި، އަދިވެސް ވީތަނެއް ނޭނގޭ. މި އަހަރަކު ނެތް. ރަސްދޫ ކަނޑުތޮށި މިއީ ދެން ބޮޑު އަރަތެއް. ރަސްދޫ ކަނޑުތޮށީގެ ނުނިމި އިންބައި، އަޅުގަނޑާ މަޝްވަރާކޮށް، އެތައް ފަހަރެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާއާ ވެސް ބައްދަލުކޮށް، މިނިސްޓަރާ ވެސް ބައްދަލުކޮށް ވާނީ ހިމެނިފައި. އެކަމު މި އަހަރު ވެސް އަނެއްކާވެސް ބަޖެޓުގައި ހިމަނާފައި،" އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރު އެކި މަޝްރޫއުތައް ފެށި ނަމަވެސް އެއީ ރިޔާސީ އިންތިހާބާ ދިމާކޮށް ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަންކުރާ ކަންކަތައްކަމަށް އޭނާ ވިދާޅުވި އެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ ބޭފުޅުންނަށް ރައީސް ޔާމިން ގެންދަވަނީ "ޖޯކު" ޖައްސަވަމުން ކަމަށް ވިދާޅުވެ ރައީސް ޔާމިނަށް ވަރަށް ބޮޑަށް އިބްރާހިމް ހަސަން ވަނީ ފާޑު ވިދާޅުވެފަ އެވެ.

"ރައީސް ނަޝީދު ސިޔާސީ ގޮތުންދާ މަގަކުން ރައީސް ޔާމިނަށް ވައިވެސް ނޭޅެވޭނެ. އެއްކޮން ފެއިލްވެފައި. އެހެންވީމަ އެކި އެކި ރައީސުންނަށް ޖޯކް ޖެއްސެވޭ ވަރުގެ ރައީސެއް ނޫން (ރައީސް ޔާމިން)މިއީ،" އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން ރައްޔިތުންނަށް ދިން އަނިޔާގެ ބަދަލު ދޭނީ ރިޔާސީ އިންތިހާބުގައި ވޯޓުން ކަމަށް އިބްރާހިމް ހަސަން ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް