ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ރޭ ސިންގަޕޫރަށް ވަޑައިގެންފިއެވެ.
ރައީސް މައުމޫންގެ އަރިހުގައި އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ވެސް ވަނީ ސިންގަޕޫރަށް ވަޑައިގެންފައެވެ. ރައީސް މައުމޫން މިއަދު ވަނީ އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވި ކަމަށް ޓްވިޓާ މެދުވެރިކޮށް ހާމަކުރައްވާފައެވެ. އެކަމަކު މި ދަތުރުފުޅާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާކުރައްވާފައެއް ނުވެއެެވެ.
ރައީސް މައުމޫން ސިންގަޕޫރަށް ވަޑައިގެންނެވި އިރު އިދިކޮޅު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ހުންނެވީ ސިންގަޕޫރުގައެވެ. މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައި ގާސިމް ތިން އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ގާސިމް ސިންގަޕޫރަށް ވަޑައިގެންނެވީ ބޭސް ފަރުވާއަށެވެ.
ރައީސް މައުމޫން ކުއްލި ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވި އިރު އިދިކޮޅު ފަރާތްތަކުން ދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެއް ކެންޑިޑޭޓަކު ނެރެން މަޝްވަރާ ކުރަމުންނެވެ. މިހާތަނަށް އައިއިރު އެމްޑީޕީ އާއި އަދާލަތުން ވަނީ އެކަން އެކަމަށް ތާއީދުކޮށް އެކަން އިއުލާނު ކޮށްފައެވެ. ޖޭޕީންނާއި ރައީސް މައުމޫނު އދި ވަކި ގޮތެއް ހާމައެއް ނުކުރައްވައެވެ.
އެނގިފައިވާ ގޮތުގައި ރައީސް މައުމޫން އަންނަ ހަފުތާގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާނެއެވެ. އިދިކޮޅު ހަރަކާތުގައި އިސް ދައުރެއް އަދާ ކުރައްވަމުން ގެންދަވާ ރައީސް މައުމޫނު ފިޔަވައި ދެން ތިއްބެވި އިދިކޮޅު ލީޑަރުން ތިއްބެވީ ޖަލު ހުކުމެއްގައެވެ.