ކ. މާލެ
|
21 ނޮވެންބަރ 2017 | އަންގާރަ 21:49
މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް
މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް
މުހައްމަދު ފަޒީން
2018 ވަނަ އަހަރުގެ ބަޖެޓް
ބަޖެޓުން ދާއިރާގެ ބައެއް ރަށްރަށަށް ބޮލަކަށް 50ރ. ވެސް ނުޖެހޭ: އަނާރާ
މަކުނުދޫ، ކުމުންދޫ އަދި ނޭކުރެންދޫ ރައްޔިތުންނަށް ޙައްޤުވާ މިންވަރު ހިމެނިފައިވާ ކަމަށް ޤަބޫލެއް ނުކުރެވޭ

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުން މަކުނުދޫ ދާއިރާގެ ބައެއް ރަށްރަށުގެ ރައްޔިތުންގެ ބޮލަކަށް 50ރ. ވެސް ނުޖެހޭ ކަމަށް އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލް ކުރައްވާ ހަމައެކަނި މެންބަރު އަނާރާ، އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2018 ވަނަ އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުގައި މަކުނުދޫ، ކުމުންދޫ އަދި ނޭކުރެންދޫ ރައްޔިތުންނަށް ޙައްޤުވާ މިންވަރު ހިމެނިފައިވާ ކަމަށް ޤަބޫލް ނުކުރައްވާ ކަމަށެވެ. އަދި 27 ބިލިއަނަށް ބަޖެޓް އަރާއިރު ދާއިރާގެ ރައްޔިތުންގެ ތެރެއިން ބޮލަކަށް ޚަރަދު ކުރާ މިންވަރު 50ރ. ވެސް ނުޖެހޭ ރަށްރަށް އެބަހުރި ކަމަށް އަނާރާގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

އަނާރާ މިގޮތަށް ވިދާޅުވެފައި މިވަނީ ބަޖެޓަށް ވޯޓު ނުދޭ މެންބަރުންގެ ދާއިރާތަކަށް މަޝްރޫޢު ހިންގަން ދަތިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެފައި ވަނިކޮށެވެ.

ބަޖެޓް ދިރާސާކުރާ ކޮމެޓީއަށް ވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ބަޖެޓަށް ވޯޓް ދެއްވުމަކީ ކޮންމެހެން ކުރައްވަންޖެހޭ ކަމެއް ކަމަށާއި އެހެންކަމުން ބަޖެޓަށް ވޯޓް ނުދެއްވާ މެމްބަރުން ނިސްބަތްވާ ދާއިރާތަކަށް ޕްރޮޖެކްޓް ނުހިންގޭނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ މެމްބަރުންގެ ތެރެއިން ބަޖެޓަށް ވޯޓް ދެއްވާ މެމްބަރުން ނިސްބަތްވާ ދާއިރާތަކަށް ޕްރޮޖެކްޓްތައް ހިންގަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަނާރާއަކީ ގުޅިފައިވާ ޕާޓީތަކުގެ މެންބަރެކެވެ. އަދި ސަރުކާރުން ކަން ކުރައްވަމުން ގެންދަވާ ގޮތުން ފާޑު ވިދާޅުވަމުން ވެސް ގެންދަވާ މެންބަރެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް