ފުވައްމުލަކުގައި މިރޭ ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާ ލިބުނު ދެ މީހުން އިތުރު ފާރުވާ ދިނުމަށް މާލެ ގެންނަން ނިންމައިފިއެވެ.
އާސަންދަ ކުންފުނީގެ މީޑިއާ އޮފިސަރ އާޝިޔާ ސޯލިހް ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ޗާޓަރ ފްލައިޓެއް މެދުވެރިކޮށް މާލެ ގެނައުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށާއި، ފަރުވާ ހޯދަމުންދާ ދެ ޒުވާނުން ގޮވައިގެން މާލެ އައުމަށް ހޯމަ ދުވަހުގެރޭ 02:25 ގައި ފުވައްމުލަކުން އެ ފްލައިޓް ފުރާނެ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިސަރ ވިދާލުވި ގޮތުގައި މި އެކްސިޑެންޓް ހިނގިކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ އިރުއޮއްސި 19:15 ހާއިރުއެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ފުވައްމުލަކު އެއާޕޯޓް ސަރަޙައްދުގައި ދެ ސައިކަލް ޖެހިގެން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދަނީ އުމުރުން 19 އަހަރުގެ ފިރިހެނަކަށާއި އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖެކެވެ.
މި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 17 އަހަރު ކުއްޖާ ވަނީ ނިޔާވެފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓްގައި ނިޔާެފައިވަނީ ފުވައްމުލަކު މާލެގަން، ފެންފިނޮޅު، މުޙައްމަދު މުތީއުއެވެ.