ކ. މާލެ
|
20 ނޮވެންބަރ 2017 | ހޯމަ 23:06
މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
ފާތިމަތު ޝަނާ މުހައްމަދު
ފަލަސުރުހީ
ރިޔާސީ އިންތިހާބުގެ ނަތީޖާއިން ޖުއްލާބުކާން ޖެހޭ ބައެއް ވަރަށް ސާފުވާނެ: ރޮޒައިނާ
ގާނޫނު އަސާސީއަށް މުއައްސަސާތަކުގެ ވެރިން ފުރަތަމަ ބޯލަނބަންޖެހޭ
ރައީސް ޔާމިނަށް 2018 ކާމިޔާބެއް ނުވާނެ
ޖަލްސާތަކަށް މީހުން ގެންދަނީ ގަދަކަމުން

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ނަތީޖާއިން ޖުއްލާބު ކާންޖެހެނީ ކޮން ބައެއް ކަން ވަރަށް ރަގަޅަށް ރައީސް ޔާމީނަށް ސާފުވެލައްވާނެ ކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރަމުގައި ވާހަކަދައްކަވަމުން މެންބަރު ރޮޒައިނާ ވިދާޅުވީ ރައީސް ޔާމީން އެންމެ ބާރަށް ވިދާޅުވާ އަޑު އިވެނީ ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ކަންކަން ކުރައްވާ ވާހަކަ ކަމުގައިވީ ނަމަވެސް މިފާއިތުވެ ދިޔަ އަހަރުތަކުގައި ދައުލަތުގެ ބަޖެޓް ވެސް ކަނޑައަޅާފައިވާ ތާރީހަށް ހުށަހެޅިފައިނުވާ ކަމަށެެވެ.

ރޮޒައިނާ ވިދާޅުވީ، ބަޖެޓަށް ވޯޓު ނުދެއްވައި މެންބަރުގެ ދާއިރާތަކުގެ ތަރައްގީގެ މަސައްކަތްތައް ނުކުރެވޭނެ ކަމަށް، ބަޖެޓު ކޮމިޓީއަށް ވަޑައިގެން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެ ބިރު ދެއްކި ނަމަވެސް މެންބަރުން ބަޖެޓަށް ވޯޓު ދެއްވަން ނުޖެހޭނެ ކަމަށެވެ. ބަޖެޓުގެ ތެރެއިން ސަރުކާރުން ހިތަށް އެރި ގޮތެއް ފާސްކުރަމުންދާ އިރު އުސޫލުތަކުގެ ބޭރުން ކަންކަން ކުރައްވާ ނަމަ މެންބަރުން ވޯޓު ދޭން ނުޖެހޭނެ ކަަމަށް ރޮޒައިނާ ވިދާޅުވި އެވެ.

ދައުލަތުގެ މާލީ އިދާރާ، މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ފާހަގަކުރައްވާފައިވާ ކަންބޮޑުވުންތައް ތަކުރާރުކުރައްވައި ރޮޒައިނާ ވިދާޅުވީ، ޓެކްސްގެ ނިޒާމު ފުރިހަމަކުރުމަށްޓަކައި އިންކަމް ޓެކްސް ވެސް ނެގުން މުހިއްމު ކަމަށެވެ. އެހެން ނަމަވެސް އެކަން ކުރުމަށް ވެސް ހަރުދަނާ އުސޫލުތަކެއް ކަނޑައެޅެންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ، އެއްލައްކަ ވަޒީފާ އުފައްދާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ އިރު މި ރާއްޖޭގައި އަލަށް ވަޒީފާ ބޭނުންވާ އެއްލައްކަ މީހުން ނުވެސް ތިބޭނެ ކަމަށެވެ. އެހެން ކަމުން އެއް ލައްކަ ވަޒީފާއަކީ އެއްވެސް ވަރަކަށް ގަބޫލުކުރެވޭ އަދަދެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނުތަކާއި އުސޫލުތައް އޮންނަ ގޮތް ވެރިންނަށް ތިބޭ މީހުންނަށް ނޭނގެނީތޯ. ދިވެހި ރައްޔިތުން ގާނޫނުތަކާއި އެއްގޮތަށް އުޅުމުގެ ކުރިން، ރައީސް ޔާމީން ވެއްޖެއެއް ނޫންތޯ ރައީސް ޔާމީން އެކި މުއައްސަސާތަކުގެ ވެރިންނަށް ކަނޑައަޅާފައިވާ މީހުންނަށް ގާނޫނާ އެއްގޮތަށް އުޅެން ދަސްކޮށްދެން،"

ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުން ގަދަބާރުން ޖަލްސާތަކަށް ގެންދަވާ އިރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ލިބުނު މިންވަރަށް ރައީސް ޔާމީނަށް އަންނަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ނުލިބޭނެ ކަމަށް ޒޮރައިނާ ވިދާޅުވި އެވެ.

"މާލޭ އާއި އަތޮޅު ތެރޭގައި ތަރައްގީގެ މަސައްކަތްތައް ކުރިއަށްގެންދަން ޖެހޭނީ އެއް ހަމައަކުން. ހުރިހާ ރައްޔިތުންނަށް އޭގެ މަންފާ ލިބޭނެ ގޮތަކަށް. ރައީސް ޔާމީނަށް އަޅުގަނޑު ދަންނަވާލަން އޮތީ، އަމިއްލައަށް ތި ކުރައްވާ ކަންކަމުގައި އަމިއްލައަށް އޮޅިވަޑައިގެން ނޫޅުއްވާށޭ. ހުޅުމާލޭގައި މަނިކުފާނު ޖަލްސާއެއް ބާއްވާފައި، ސަރުކާރަށް ނިސްބަތްވާ ހުރިހާ ކުންފުނިތަކެއްގެ މީހުން ގަދަަކަމުން އެތަނަށް ގެންގޮސްފައި އަމިއްލައަށް ތިމަންނައަށް ބޮޑު މަންޒަރެއް ފެނިގެން، ވޯޓުތަކެއް ލިބެނިއްޔޭ ހީކުރައްވައިގެން ނޫޅުއްވާ. އަޅުގަނޑަށް އެނގޭ 2013 ވަނަ އަހަރު ރައީސް ވަހީދު ކެމްޕެއިނަށް ނުކުމެވަޑައިގަތުމުންވެސް ރަށްރަށުންވެސް ރައްޔިތުން ނުކުމެވަޑައިގެންނެވި. ހާދަމީހުންނެއް އޭރު އޮތޭ. އެކަމަކު ނިމުނު އިރު ފަސް ޕަސެންޓް. ރައީސް ޔާމީނަށް ނުވާނެ އެވަރުވެސް. އޭރު ވެއްޖިއްޔާ މީހުން އެއްކުރީކީ ގަދަބާރުންނެއް ނޫން،" ރޮޒައިނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް