ކ. މާލެ
|
20 ނޮވެންބަރ 2017 | ހޯމަ 20:55
ކުނޫޒްގައި ބޭއްވި ބަޖެޓް ބަހުސް
ކުނޫޒްގައި ބޭއްވި ބަޖެޓް ބަހުސް
ޓްވިޓަރ
ކުނޫޒް ބަޖެޓް ބަހުސް
އަންނަ އަހަރުގެ ބަޖެޓަކީ އެއްވެސް ތަސައްވަރެއް ނެތް ބަޖެޓެއް: ގުޅިފައިވާ ޕާޓީތައް
ބަޖެޓުގައި ހިމަނާފައިވާ ކަންކަން އަމަލީ ގޮތުން ހިނގާ މަންޒަރެއް ނުފެނޭ
ސަރުކާރުން މިއަހަރު ލިބޭނެ ކަމަށް ބުނާ އާމްދަނީއެއް ނުލިބޭނެ
އާމްދަނީ ހޯދުމަށް ހިމެނި ގިނަ ކަންކަމުން އަންދާޒާކުރި އާމްދަނީއެއް ނުލިބޭ

މިއަހަރުގެ ބަޖެޓަކީ އެއްވެސް ތަސައްވަރެއް، އަމާޒެއް ނެތް ބަޖެޓެއް ކަމަށާއި ބަޖެޓުގައި ލިޔެފައިވާ ގޮތަށް އެއްވެސް ކަމެއް ހިނގާ މަންޒަރު މިފާއިތުވެ ދިޔަ އަހަރުތަކުގައި ވެސް ފެނިފައިނުވާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަޖިލީސް މެންބަރުން ވިދާޅުވެއްޖެއެވެ.

މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަދައްވަަމުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، ސަރުކާރުން ބަޖެޓެއް އެކުލަވާލައިގެން ކުރިއަށްދިޔަ ނަމަވެސް އޭގައި ހިމަނާފައިވާ ކަންތައްތަކާ އެއްގޮތަށް އަމަލު ކުރެވޭ މަންޒަރު ނުފެންނަ ކަމަށެވެ. ބަޖެޓުގައި ލިޔެފައިވާ ކަންތައްތައް ނުުކުރެވޭ އިރު ބަޖެޓުގައި ނުހިމެނޭ ކަންކަން ވެސް ހިޔާނާތުގެ ތެރެއިން ކުރެވެމުންދާ މަންޒަރު ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަޖެޓުގައި އަޅުގަނޑުމެންނަށް ނުފެނޭ އެއްވެސް ތަސައްވަރެއް. ސަރުކާރުން މިކަންކަން ކުރައްވަނީ ހަމައެއް ލަމައެއް ނެތި. ފިޝަރީޒް މިނިސްޓަރު ވެދާނެ ކުއްލިއަކަށް ފޮރިންގ މިނިސްޓަރަށް ވެސް. އެޓަރނީ ޖެނެރަލް ކުއްލިއަކަށް އެބަ ބަދަލުވޭ ޓޫރިޒަމް މިނިސްޓަރަށް. މިކަމުން ވެސް އެނގެނީ މިއީ އެއްވެސް އަމާޒެެއް ނެތް ގޮތަށް އުޅުއްވާ ބޭފުޅުން ކަން،" އިމްތިޔާޒް ވިދާޅުވި އެވެ.

ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، ވޭތުވެދިޔަ ހަތަރު އަހަރު ސަރުކާރުން ބަޖެޓުގައި ކަނޑައެޅިވަރު ނުވަތަ ފޯކާސްޓް ކުރިވަރާ ގާތަށް ވެސް އާމްދަނީ ލިބިފައިނުވާ ކަމަށާއި ސަރުކާރުން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ބުނާ 20 ބިލިއަން ރުފިޔާ މި އަހަރު ނިމޭ އިރު ލިބޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަންނަ އަހަރުގައި 22 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ކަނޑައަޅާފައިވާ އިރު އެ އަދަދު އެއްވެސް ވަރަކަށް ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޓެކްސްއަކީ އެންމެ ބޮޑު އާމްދަނީ ލިބޭ ވަސީލަތް ކަމުގައިވާ އިރު، ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަކީ މިނިވަން މުއައްސަސާއެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"ވިހި ބިލިއަންގެ ތަރައްގީއެއް އަންނާނެ ކަމަށް ވިދާޅުވާ އިރު، އެމްއެމްޕީއާރްސީގެ ފައިސާއިން އެބޭފުޅުންގެ ޖީބަށް އެކަނި ތަރައްގީ ލިބިފައި ވަނީ. އެއް ބިލިއަން ޑޮލަރުގެ ހިޔާނަތް ހިންގާފައިވާ ކަަމަށް އަޅުގަނޑުމެންނަށް މިފެނިގެންދަނީ. އެއީ ގާތްގަނޑަކަށް 20 ބިލިއަން ރުފިޔާ. ތަރައްގީގެ ވާހަކަދައްކާއިރު ތަފާސް ހިސާބުތަކުން އަޅުގަނޑުމެންނަށް ފެންނަން އޮތީ ވައްކަމުގެ ވާހަކަ އެކަނި،" ފައްޔާޒު ވިދާޅުވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ފެނިގެންދިޔައީ އާމްދަނީގެ ގޮތުގައި އެސްއީޒެޑުން ލިބޭނެ ކަމަށް ބުނާ އާމްދަނީ އާއި ރިސޯޓް ކުލިން ލިބޭނެ ކަމަށް ބުނާ އާމްދަނީއެއްގެ އިތުރުން ބިން ވިއްކައިގެން ލިބޭނެ ކަމަށް ބުނާ އާމްދަނީއެއް ކަަމަށެވެ. އެހެން ނަމަވެސް އެބުނާ ކަންކަަމުން އާމްދަނީއެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއްވެސް ކަހަލަ ލިޔެ ކިޔުމަކުން އެކަންކަން ނުފެންނަ ކަމަށް އީވާ ވިދާޅުވި އެވެ.

"އެއްވެސް ކަހަލަ ބެކިންގއަކާއި ނުވާ ނުވަތަ ގެރެންޓީއަކާ ނުލާ އާމްދަނީގެ ގޮތުގައި ވަކި އަދަދުތަކެއް ހިމެނީ. އެގޮތަށް ޖެހުމުން އިދިކޮޅު މެންބަރުން ވަރަށް ބޮޑަށް އެކަމާ މިފާއިތުވެދިޔަ އހަަަރުތަކުގައި ވަނީ އަޑު އުފުލާފައި. މިފާއިތުވެދިޔަ ތިން އަހަރުގައި އާމްދަނީ ވަރަށް ބޮޑަށް ބަރޯސާ ކުރި އެސްއީޒެޑަށް. އެކަމަކު އެ އާމްދަނީއެއް ލިބިފައެއް ނުވޭ،" އީވާ ވިދާޅުވި އެވެ.

ސަރުކާރުން ބޭނުންވާ އިންވެސްޓްމެންޓްތައް ގެނައުމަށް ނުކުޅެދުމުގެ ސަބަބުން އާމްދަނީ ހޯދުން މުޅިން ފުރޮޅާލީ ރައްޔިތުންގެ އަތުން ފައިސާ ހޯދުމަށް ނުވަތަ ޓެކްސް އަށް ކަމަށް އީވާ ވިދާޅުވި އެވެ. ޓެކްސްގެ ތެެރެއިން ފައިސާ ހޯދުމަށް ސަރުކާރުން މަސައްކަތް ކުރާ އިރު އަދިވެސް އިންކަމް ޓެކްސް ނެގުމަށް ސަރުކާރުން ނުކުޅެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއީ އިދިކޮޅު ފަރާތްތަކުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގޭ އިރު ރާއްޖޭގެ އެންމެ މުއްސަދިންގެ އަތުން އިންކަމް ޓެކްސްއެއް ނެގުމަށް އަޅުގަނޑުމެން މީގެ ކުރިން ވެސް ވާނީ ގޮވާލާފަ. ތިވަރަށް ޓެކްސް ނަގާ ކަމުގައިވާ ނަމަ އެހަށް ފަށާށޭ އިންކަމް ޓެކްސް ނަގަން. މިއީ އަޅުގަނޑުމެން މިބުނާ ވާހަކައަކީ،" އީވާ ވިދާޅުވި އެވެ.

މީގެ އިތުރުން އީވާ ވިދާޅުވީ، ސަރުކާރުން މިފެނިގެންދަނީ ކިރިޔާ ވެސް ވިޔަފާރިއެއް ކުރި އަރާ އިރަށް ފުނޑާލާ މަންޒަރު ކަމަށާއި މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށެވެ. ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާ އިރު ރާއްޖޭގެ ދަރަނި މިހާރު އޮތީ 63 ޕަސެންޓްގައި ކަމަށާއި އެހެން ނަމަވެސް ފިސްކަލް ރެސްޕޮންސިބިލިޓީ އެކްޓް ނުވަތަ ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގައި އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ބަހައްޓަން ޖެހޭނީ 60 ޕަސެންޓްގައި ކަމަށް ބުނެފައިވާ ކަަމަށެވެ. އެހެން ކަމުން ސަރުކާރުން ހަރަދުތައް ކުރުމުގައި ގާނޫނާ ވެސް ހިލާފުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޝާން އަނީސް
- ކޮމެންޓް
20 ނޮވެންބަރ 2017 | ހޯމަ 20:41
Katheed
Kaleymen dhahkaa dhoguvaahaka aduahaane bayaku mihaaru mi qaumaku nei, v salaam.