ކ. މާލެ
|
20 ނޮވެންބަރ 2017 | ހޯމަ 14:08
ބަޖެޓް ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ބަޖެޓް ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން
މުހައްމަދު ފަޒީން
ބަޖެޓް ކޮމެޓީ
ބަޖެޓް ކޮމެޓީ: އިދިކޮޅު މެމްބަރުން ވާހަކަ ދެއްކެވުމަށް އެކަށީގެންވާ ވަގުތު ނުދިނުމުން އެ މެމްބަރުން މިއަދުގެ ކޮމެޓީ ދޫކުރައްވައި ނިކުމެވަޑައިގެންފި
ބަޖެޓް ކޮމެޓީން ކުރިން ނިންމާފައިވަނީ ކޮންމެ ޕާޓީއަކަށް ވެސް ވަކިވަރަކަށް ވަގުތު ދިނުމަށް
މިއަދު ބަޖެޓް ކޮމެޓީގެ މެޖޯރިޓީ އޮތީ ސަރުކާރު ކޯލިޝަންގައި
އިދިކޮޅު ހުރިހާ މެމްބަރުން ވަނީ ކޮމެޓީ ދޫކުރައްވާ ނިކުމެ ވަޑައިގަންނަވާފަ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓާ ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރާއި އާއި އޮޑިޓަރ ޖެނެރަލް ލިޔުމުން ދެއްވާފައިވާ ލަފާފުޅަށް ވާހަކަ ދެއްކުމަށް އިދިކޮޅު މެމްބަރުންނަށް އެކަށީގެންވާ ވަގުތު ނުދިނުމުން ކޮމެޓީ ދޫކުރައްވައި އެމެމްބަރުން ނިކުމެވަޑައިގެންފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު އާއި އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ލިޔުމުން އެކޮމެޓީއަށް ދެއްވާފައިވާ ލަފާފުޅާ ގުޅިގެން ބަޖެޓް ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނާއިބު ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވީ އެކަމާއި ގުޅޭގޮތުން ކޮންމެ މެމްބަރަކަށްވެސް ތިން މިނެޓްގެ ވަގުތު ކޮޅެއް ދެއްވުމަށް ހުށަހަޅުއްވާ ކަމަށެވެ. އެކަމާ ދެކޮޅަށް ބަޖެޓް ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ ބަޖެޓް ކޮމެޓީން ކުރިން ބޭއްވި ބައްދަލުވުމުގައި މެމްބަރުން ވާހަކަ ދެއްކުމަށް ވަގުތު ކަނޑައަޅާފައިވާ ކަމަށެވެ. 

ޝަރީފް ވިދާޅުވީ މީގެކުރިން ބޭއްވި ބަޖެޓް ކޮމެޓީގެ ބައްދަލުވުމުގައި، ޕީޕީއެމަށް 30 މިނެޓް، އެމްޑީޕީއަށް 20 މިނެޓް، ޖުމްހޫރީ ޕާޓީއަށް 10 އެމްޑީއޭއަށް 5 މިނެޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ. ކޮމެޓީގެ އެ ބައްދަލުވުމުގައި މެޖޯރިޓީ އޮތީ އިދިކޮޅު މެމްބަރުންނަށް ކަމަށާއި އެދުވަހު އެގޮތަށް ނިންމީ ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާ މަޝްވަރާ ކުރުމަށް ފަހު އެ މެމްބަރުންވެސް އެދިލައްވާ ގޮތް ކަމަށްވާތީ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ނަމަވެސް މިއަދުގެ ބައްދަލުވުމުގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުނަށް މެޖޯރިޓީ އޮތުމުން އިދިކޮޅު މެމްބަރުންގެ އަޑު ކަނޑުވާލުމަށް މަސައްކަތް ކުރުމަކީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ހަމަ މެޖޯރިޓީއެއް ލިބޭ ކޮންމެ ފަހަރަކު އިދިކޮޅު މެމްބަރުންގެ އަޑުކަނޑުވާލަން ކުރަމުންދާ މަސައްކަތަކީ ޑިމޮކްރެސީއާ ހިލާފް ކަމެއް ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

ޝަރީފްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ކަމަށްވާ އަލީ ހުސައިން އާއި ފައިސަލް ނަސީމް އަދި ހުސައިން މުހައްމަދު ވަނީ ޝަރީފްގެ އެވާހަކަތަކުގެ ދިފާއުގައި އަދި ސަރުކާރަަށް ނިސްބަތްވާ މެމްބަރުންނަށް ރައްދު ދެއްވާފަ އެވެ. 

މިއަދު ބޭއްވި ބަޖެޓް ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން: ސަރުކާރަށް ނިސްބަތްވާ މެމްބަރުން 

ނަމަވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ ރިޔާޒުގެ އެ ހުށަހެޅުވުމަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ރިޔާޒު ހުށަހެޅުއްވި ގޮތަށް ކޮންމެ މެމްބަރަކަށް ތިން މިނެޓް ދެއްވައިގެން ކޮމެޓީ ކުރިއަށް ގެންދަން މަސައްކަތް ކުރެއްވުމުން އިދިކޮޅު ހުރިހާ މެމްބަރުން ވަނީ ކޮމެޓީ ދޫކުރައްވާ ނިކުމެ ވަޑައިގަންނަވާފަ އެވެ. 

އިދިކޮޅު މެމްބަރުން ކޮމެޓީން ނިކުންނެވުމާއެކު ކޮމެޓީ ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއެކުގަ އެވެ. އަދި ސަރުކާރަށް ނިސްބަތްވާ މެމްބަރުން ކޮމެޓީގެ އެ ބައްދަލުވުމުގައި މާގިނަ ވާހަކަތަކެއް ނުދައްކަވަ އެވެ. އަދި މާގިނަ ވަގުތެއް ނުނަގާ ކޮމެޓީ ވެސް ނިންމަވާލައްވާފައިވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް