ކ. މާލެ
|
19 ނޮވެންބަރ 2017 | އާދީއްތަ 11:48
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ، މަޖިލީހުގައި 12 ދާއިރާއެއް ތަމްސީލު ނުކުރެވޭ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ، މަޖިލީހުގައި 12 ދާއިރާއެއް ތަމްސީލު ނުކުރެވޭ
ޓްވިޓަރ
ރައްޔިތުންގެ މަޖިލިސް
ބަޖެޓާއިމެދު ބަސްބުނުމުގެ ހައްގު 60،000 އެއްހާ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައި!
ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކަށް މަޖިލިސް ޖަލްސާތަކާއި ކޮމެޓީތަކަށް ނުވަދެވޭ
12 ދާއިރާގެ ތެރޭގައި، 24 ރަށަކާއި މާލެއާއި ފުވައްމުލަކުގެ ދާއިރާއެއް
އާބާދީގެ 14 އިންސައްތައިގެ ބަހެއް 2018 ގެ ބަޖެޓުގައި ނުހިމެނޭނެ

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގައި ސާފު ސަރީހަ އިބާރާތުން ބަޔާންވެގެންވާ ގޮތުގައި ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި އެ ބާރުތައް ދެމިއޮންނަނީވެސް ރައްޔިތުންގެ ކިބައިގައެވެ. ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލުތަކަށް ބަލާއިރު، ރައްޔިތުންގެ ބާރު ކެނޑިގެން ނުދާނެކަން ކަށަވަރު ކުރުމުގެ ގޮތުން ރައްޔިތުންގެ ބަސް އިއްވުމަށް، ރައްޔިތުން އިޚްތިޔާރުކުރާ މެންބަރުންތަކެއް މެދުވެރިކޮށް ގާނޫނުތައް ހަދައި، ދައުލަތުގެ ކަންކަން ނިންމުމުގެ ފުރިހަމަ އިޚްތިޔާރު އޮންނަނީ ލިބިދީފައެވެ. ދިވެހިރާއްޖޭގެ ގާނޫނު އަސާސީއަކީވެސް މި އުސޫލުތައް ކުރިއަރުވައި، ރައްޔިތުން ބާރުވެރިކުރުމަށް ލިޔެފައިވާ ގާނޫނު އަސާސީއެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ވާޖިބުތަކާއި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކުގެެ ތެރޭގައި ދައުލަތުގެ އަހަރީ ބަޖެޓް ފާސްކުރުން ހިމެނެއެވެ. ދައުލަތުގެ އަހަރީ ބަޖެޓުގައި ހުރި ކަންކަން ދިރާސާކޮށް، ރައްޔިތުންގެ މަޝްވަރާއާއެކު، ރައްޔިތުންގެ ބޭނުންވާ ކަންކަން ހިމެނުމަށް ބާރު އެޅުމަކީ މެންބަރުންގެ މަސްއޫލިއްޔަތެކެވެ. ރައްޔިތުންގެ ބަސް އިއްވުމަށް، ރައްޔިތުން ކަނޑައަޅާފައިވާ މެންބަރަކު މި މަސްއޫލިއްޔަތުން އެކަހެރި ކުރެވުމަކީ، ރައްޔިތުންގެ ބާރު ކެނޑިގެންދާނެ ކަމެކެވެ. ކުރިއަށް އޮތް އަހަރުގެ ތެރޭގައި އެ ރައްޔިތުންގެ ދާއިރާތަކުގައި ހިންގާ މަޝްރޫއުތަކާއި ނުވަތަ ނުހިންގާ މަޝްރޫއުތަކާ މެދު ރައްޔިތުންގެ ބަހެއް އިއްވުމުގެ ފުރުސަތު ނުލިބުމެވެ. ހަމަ އެފަދައިން ދައުލަތުގެ ހިންގުމާއިމެދުވެސް ރައްޔިތުންނަށް ބަހެއް ބުނަން ފުރުސަތު ނުލިބުމެވެ.

ދެހާސްއަށާރަ ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާއިރު، އެކިއެކި ސަބަބުތަކާ ހެދި ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއް މިވަނީ މަސްއޫލިއްޔަތުން އެކަހެރިވެފައެވެ. ނުވަތަ މަސްއޫލިއްޔަތު އަދާނުކުރެވޭފަދަ ހާލަތަކަށް ވައްޓާލާފައެވެ. އެހެން ގޮތަކަށް ބުނަނީ ނަމަ، މީގެން ކޮންމެ މެންބަރަކު ތަމްސީލު ކުރާ 5،000 އެއްހާ ރައްޔިތުންގެ ކިބައިން އެ މީހުން އިޚްތިޔާރު ކުރާ މަންދޫބެއް މެދުވެރިކޮށް ބަސް އިއްވުމުގެ ހައްގު މިވަނީ ގެއްލުވާލާފައެވެ. އާބާދީގެ 60،000 އެއްހާ މީހުން ތަމްސީލުކުރާނެ މެންބަރުންނެއް ރައްޔިތުންގެ މަޖިލީހުގައި މިވަގުތަކު ނެތެވެ.

އެކިއެކި ސަބަބުތަކާ ހެދި މަޖިލީހުގައި މަންދޫބެއް ނެތް ދާއިރާތައް:

  • ވިލިނގިލީ ދާއިރާ: ސައުދު ހުސައިންގެ ގޮނޑި ގެއްލުވާލާފައި
  • މަޑުއްވަރީ ދާއިރާ: މުހައްމަދު އަމީތުގެ ގޮނޑި ގެއްލުވާލާފައި
  • ދިއްދޫ ދާއިރާ: އަބްދުލް ލަތީފުގެ ގޮނޑި ގެއްލުވާލާފައި
  • ތުލުސްދޫ ދާއިރާ: މުހައްމަދު ވަހީދުގެ ގޮނޑި ގެއްލުވާލާފައި
  • ދަނގެތީ ދާއިރާ: އިލްހާމު އަހުމަދުގެ ގޮނޑި ގެއްލުވާލާފައި
  • މައްޗަންގޮޅި ދެކުނު ދާއިރާ: އަބްދުﷲ ސިނާނުގެ ގޮނޑި ގެއްލުވާލާފައި
  • ތިނަދޫ އުތުރު ދާއިރާ: ސައުދުﷲ ހިލްމީގެ ގޮނޑި ގެއްލުވާލާފައި
  • ތިނަދޫ ދެކުނު ދާއިރާ: އަބްދުﷲ އަހުމަދުގެ ގޮނޑި ގެއްލުވާލާފައި
  • ތިމަރަފުށީ ދާއިރާ: މުހައްމަދު މުސްތަފާގެ ގޮނޑި ގެއްލުވާލާފައި
  • ފުވައްމުލަކު އުތުރު ދާއިރާ: އަލީ ޝާހުގެ ގޮނޑި ގެއްލުވާލާފައި
  • މާމިގިލީ ދާއިރާ: ގާސިމް އިބްރާހިމް ޖަލު ހުކުމެއްގައި
  • ދިއްގަރު ދާއިރާ: އަހުމަދު ފާރިސް ޝަރީއަތް ނިމެންދެން ބަންދުގައި

ޕާޓީ ބަދަލުކުރާ މެންބަރުންނާއި، ޕާޓީއިން ވަކިވާ މެންބަރުންނާއި، ޕާޓީއިން ވަކިކުރާ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ހުކުމް ކުރިތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސްވީއެވެ. އެ ހުކުމުގެ ދަށުން ބައެއް މެންބަރުންގެ ގޮނޑި ގެއްލުވާލިތާ ވެސް ހަތަރު މަހަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގާނޫނުގެ ދަށުން ބައި އިލެކްޝަން ބާއްވަން ވާނެ ކަމަށް އެ ހުކުމުގައި، އިތުރު މާނައެއް ނުނެގޭނެ ގޮތަށް ބަޔާންކޮށްފައިވެއެވެ. ގާނޫނު އަސާސީގެ 78 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަންޖެހެއެވެ. އެހެން ނަމަވެސް، މިއަދާ ހަމައަށް އައިރު، ބައި އިލެކްޝަން ބާއްވާނެ ދުވަސް ވެސް އިއުލާނުކޮށްފައި ނުވެއެވެ.

ތިން ހާލަތުގައި މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގެ މަފްހޫމަށް ބަލާއިރު ވެސް، އޭގައި މުޅިންހެން އޮތީ ރައްޔިތުންނާއި ގައުމުގެ މަސްލަހަތުގެ ވާހަކައެވެ. ވަކި ސިޔާސީ ފިކުރެއް ރައްޔިތުންނަށް ވިއްކައިގެން މަޖިލީހަށް ހޮވުމަށްފަހު، ރައްޔިތުންނާ ދެމެދު ހެދިފައިވާ އިޖުތިމާއީ އަގުދާއި ޚިލާފުވެ ރައްޔިތުންގެ ފިކުރާ ދެކޮޅު ވެއްޖެނަމަ ގޮނޑި ގެއްލޭނެ ކަމަށެވެ. ސުޕްރީމް ކޯޓުން މި ހުކުމެއް ކުރެއްވުމާއެކު، މެންބަރުންގެ ގޮނޑިތަކެއް ގެއްލުވާލައި، ގައުމު ހާޖާނުގަނޑެއްގެ ތެރެއަށް މިވަނީ ވައްޓާލާފައެވެ. ރައްޔިތުންނާއި ގައުމުގެ މަސްލަހަތުގެ ނަމުގައި ކުރި ހުކުމެއްގެ ނާޖާއިޒު ފައިދާ ނަގައި، ހިތު ހުރިހާ ގޮތަކަށް ހުކުމް މާނަ ކުރަނީއެވެ. ރައްޔިތުންގެ ހައްގު ގެއްލުވާލައި، ސުޕްރީމް ކޯޓުގެ ހުރުމަތާއި ތަސައްވަރު ރައްޔިތުންގެ ކުރިމަތީގައި ކިލަނބު ކުރަނީއެވެ. 10 ދާއިރާއެއްގެ 50،000 އެއްހާ ރައްޔިތުން އެ ވަނީ ދައުލަތް ހިންގުމުގެ ކަންކަމާ މެދު ބަސް ނުބުނެވޭ ހާލަތެއްގައެވެ. ބަޖެޓް ފާސްކުރަން ހިފާފައިވާއިރު، އެ ރައްޔިތުން ކައިރީ "ހޭ" ވެސް އަހާނުލައެވެ. މި ހިސާބަށް ކަންތައްތައް ދިޔައިރު، ސުޕްރީމް ކޯޓު ހަމަ ހިމެނޭނުން އޮތް އޮތުމަކީ، ހުކުމުގެ މަގުސަދާ މެދު އިތުރަށް ސުވާލު އުފަައްދަން ލިބޭ ޖާގައަކަށް ނޫނީ ނުވާނެއެވެ.

މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އެމަނިކުފާނު ތިން އަހަރާއި ދެމަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޯގަސްޓު 25 ވަނަ ދުވަހުއެވެ. ގާސިމްގެ މައްޗަށް އެ ހުކުމް ކުރިތާ 60 ދުވަހަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައީއެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ ތިން ވަނަ ނަންބަރުގައި ބުނެފައި ވަނީ، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ ނަމަ، އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުން ވަކިކުރަން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާ މެދު ސުވާލުއުފެދިއްޖެ ނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ. އެހެން ނަމަވެސް، މިއަދާ ހަމައަށްވެސް، މާމިގިލީ ދާއިރާގެ ގޮނޑި ހުސްވެއްޖެތޯ ނުވަތަ ނޫންތޯ ކަނޑައަޅާފައިނުވެއެވެ. ހުރިހާ ގެއްލުމެއް ލިބެނީ ދާއިރާގެ ރައްޔިތުންނަށެވެ. އެ މީހުންގެ އަޑު އުފުލައިދޭނެ މެންބަރެއް މަޖިލީހަކު ނެތެވެ.

ރިޝްވަތު ދިނުމުގެ ކުށުގެ ތުހުމަތުގައި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރީ ޖުލައި 18 ވަނަ ދުވަހުއެވެ. ބަންދާއި މެދު ގޮތެއް ނިންމުމަށް ޖުލައި 19 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު ނުނިމޭ، ދައުވާ ނުއުފުލޭ، ޝަރީއަތް ނުފަށާ މައްސަލައެއްގެ ޝަރީއަތް ނިމެންދެން ފާރިސް ބަންދުކުރުމަށް އަމުރު ކުރިއެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް، ދިއްގަރު ދާއިރާގެ ރައްޔިތުން ފާރިސްއާ ހަވާލުކުރި މަސްއޫލިއްޔަތު އަދާކުރުމާއި، އެ ރައްޔިތުންގެ ހައްގުގައި ފާރިސް އަދާކުރައްވަންޖެހޭ ޒިންމާ އަދާކުރެއްވުމުގެ ހައްގު މިވަނީ ނިގުޅައިގަނެވިފައެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 83 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، މެންބަރަކު ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ބާއްވާ މަޖިލީހުގެ ޖަލްސާތަކަށާއި، އޭނާ ހިމެނޭ ކޮމެޓީތަކުގެ ބައްދަލުވުންތަކަށް ހާޒިރުވުމުގެ ހައްގު އޭނާއަށް ލިބިގެންވެއެވެ. އެހެންނަމަވެސް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މި މާއްދާއާ ކަނޑައެޅިގެން ޚިލާފުވެ، މަޖިލިސް ޖަލްސާތަކާއި ފާރިސް ހިމެނިވަޑައިގަންނަވާ ކޮމެޓީ ބައްދަލުވުންތަކަށް އޭނާ ހާޒިރުކޮށްދެމުންނެއް ނުދެއެވެ.

ދިއްގަރު ދާއިރާގެ 5،000 އެއްހާ ރައްޔިތުންގެ ހައްގުތައް، މުއައްސަސާއަކުން ނިގުޅައިގަނެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި އަމީން އާންމުގެ މަސްއޫލިއްޔަތު އަދާނުކުރައްވައެވެ. ގަވާއިދު ބުނާގޮތުން މެންބަރަކު ހައްޔަރުކުރެވޭނީ މަޖިލިސް ރައީސްއަށް އެންގުމަށްފަހުއެވެ. 24 ގަޑިއިރުގެ ތެރޭގައި އިމްތިޔާޒް ކޮމެޓީއަށް މެންބަރު ހައްޔަރުކޮށްފައިވާކަން ރައީސް އަންގަންޖެހެއެވެ. ވީ އެންމެ އަވަހަކަށް އިމްތިޔާޒް ކޮމެޓީއިން ބައްދަލުކޮށް އެ މައްސަލަ ބަލައި، މަޖިލިސް ރައީސަށް ރިޕޯޓެއް ހުށަހަޅަންޖެހެއެވެ. މެންބަރު ބަންދުކޮށްފައި ހުރީ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއްގެ މައްޗަށް ބިނާކޮށް ނޫން ކަމުގައި ނުވަތަ ސިޔާސީ މަގުސަދެއްގައި ކަމުގައި ރިޕޯޓުގައި ފާހަގަކޮށްފައިވާނަމަ، މެންބަރު ބަންދުން ދޫކުރުމަށް މަޖިލިސް ރައީސް އަންގަންޖެހެއެވެ. ދޫކުރަން އަންގާތާ 24 ގަޑިއިރުގެ ތެރޭގައި ދޫނުކޮށްފިނަމަ، އެކަން މައްސަލައެއްގެ ގޮތުގައި އެންމެ އަވަހަށް ބާއްވާ ޖަލްސާއަކަށް ހުށަހަޅަންޖެހެއެވެ. އަދި މަޖިލީހުން އެކަމުގައި ނިންމާ ގޮތެއްގެ މަތިން ކަންކަން ކުރަންޖެހެއެވެ. ގަވާއިދުގައި ކަންކުރަންޖެހޭ ގޮތް ސާފުކޮށް ބަޔާންކޮށްފައިވާއިރު، މީގެން އެއްވެސް ކަމެއް މަސީހު ނުކުރައްވާކަން ހާމަކަން ބޮޑު ގޮތެއްގައި ފެންނަން އެބައޮތެވެ. 

ރާއްޖޭގެ އާބާދީގެ 14 އިންސައްތައިގެ ކިބައިން، 2018 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާ މެދު ބަސްބުނުމުގެ ހައްގު މިވަނީ ނިގުޅައިގެންފައެވެ. 24 ރަށަކާއި ފުވައްމަލަކާއި މާލޭ ސިޓީގެ ދާއިރާއެއްގެ ރައްޔިތުންގެ ކިބައިން މި ވަނީ، އެބައިމީހުންގެ ކިބައިން ވަކިނުކުރެވޭނެ ހައްގެއް ވަކިކޮށްފައެވެ. ގއ. ވިލިނގިއްޔާއި، ގއ. ކޮލަމާފުއްޓާއި، ރ. މީދޫއާއި، ރ. މަޑުއްވަރީއާއި، ހއ. ދިއްދޫއާއި، ކ. ދިއްފުއްޓާއި، ކ. ތުލުސްދޫއާއި، ކ. ހިންމަފުއްޓާއި، ކ. ހުރާއާއި، އދ. ދިއްދޫއާއި، އދ. މަންދޫއާއި، އދ. ދިގުރަށާއި، އދ. ދަނގެއްޗާއި، އދ. އޮމަދޫއާއި، އދ. މާމިގިއްޔާއި، އދ. ފެންފުއްޓާއި، ގދ. ތިނަދޫއާއި، ތ. ތިމަރަފުއްޓާއި، ތ. ވޭމަންޑޫއާއި، މ. ދިއްގަރާއި، މ. މުލީއާއި، މ. މަޑުއްވަރީއާއި، މ. ވޭވަށާއި، މ. ރަތްމަންދޫގެ އިތުރުން މައްޗަންގޮޅި ދެކުނާއި، ފުވައްމުލަކު އުތުރު ދާއިރާގެ ރައްޔިތުން ތަމްސީލު ކުރާނެ މެންބަރަކު މަޖިލީހުގައި ނެތެވެ. މިގޮތަށް އޮވެ، ބަޖެޓު ފާސްކޮށްފިނަމަ، 2018 ވަނަ އަހަރުގެ ބަޖެޓު ވެގެންދާނީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މިހާ ގިނަ އަދަދެއްގެ ރައްޔިތުންގެ ބައިވެރިވުމެއް، އެ މީހުންގެ ބަހެއް ނެތި ފާސްކުރާ ބަޖެޓަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް