ކ. މާލެ
|
19 ނޮވެންބަރ 2017 | އާދީއްތަ 13:25
މިނިސްޓަރ މުނައްވަރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ
މިނިސްޓަރ މުނައްވަރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ
މަޖިލިސް
މިނިސްޓަރ މުނައްވަރު
މާލީ ވަޒީރަށް ދައުލަތުގެ މާލިއްޔަތު މަސައްކަތްކުރާ ގޮތް އެނގިލައްވާތޯ؟
ބަޖެޓަށް ވޯޓު ނުދެއްވާ މެމްބަރުންގެ ދާއިރާތަކަށް ކަންތައްކޮށްދޭން ދަތިވާނެކަމަށް ވިދާޅުވި
އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ތަމްސީލްކުރާ މަޖިލިސް މެމްބަރުން ބަޖެޓަށް ވޯޓު ނުދެއްވަފާނެ
ވޯޓު ނުދޭ ދާއިރާތަކުގެ ރައްޔިތުންވެސް ޓެކްސް ދައްކާ

ފިނޭންސް މިނިސްޓަރ މުނައްވަރަކީ މީޑިއާއާއި ދުރު ބޭފުޅެކެވެ. ޕީޕީއެމްގެ ޖަލްސާތަކުން ކޮންމެވެސް ވަރަކަށް ފެނުނުނަމަވެސް، ޕޯޑިއަމްއަށް އަރާވަޑައިގެން މާ އަޑު ހަރުވެގެން އުޅުއްވާ ޒާތުގެ ބޭފުޅެއް ނޫނެވެ. މަޑުމައިތިރި ގޮތްތަކެއް ހުންނަކަމަށް ބޭރުފުށުން ފެންނަ ބޭފުޅެކެވެ. ވާހަކަ ދައްކަވައި އުޅުއްވުމުގައިވެސް، އަޑު އިވޭ މަދު ފަހަރެއްގައި، ތަންކޮޅެއް މަޑުމައިތިރި ގޮތްތަކެއް ގެންގުޅުއްވައެވެ.

އެހެންނަމަވެސް ފަހަކަށް އައިސް މިނިސްޓަރ މުނައްވަރު މިއުޅުއްވާ ގޮތުން ކުޑަކޮށް ހައިރާންވެއެވެ. ރައީސް ޔާމީންގެ އަރިހަށް ވަޑައިގަތުމުން ތަންކޮޅެއް ސިޔާސީ ވެވެނީ ކަންނޭނގެއެވެ. މަޖިލީހަށް ވަޑައިގެން މިނިސްޓަރ މުނައްވަރު އެ ދައްކަވާ އާޓުން ވެސް ހައިރާންވެއެވެ. ބަޖެޓް ހުށަހެޅުއްވުމަށް މަޖިލީހަށް ވަޑައިގެންނެވި ދުވަހު އަޅުއްވައިގެން އެ ހުންނެވި ހެޑްފޯނު ފެނިފައިވެސް މީހަކު ޙައިރާންވާނެއެވެ. ނޮއިޒް ކެންސަލިންގ ހެޑްފޯން އަޅުއްވައިގެން ހުންނެވިއިރު، ސީދާ އެކަމުގެ ވައްޓަފާޅި އެނގިވަޑައިގަންނަވާ ބޭފުޅެއްކަން އެނގެއެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙާއި ދިމާއަށް މެމްބަރުން އެއޮތް ވަރަށް އެއްޗެހި ގޮވާއިރުވެސް، އެމަނިކުފާނުވެސް ބޭނުންފުޅުކުރައްވަނީ ފޯނެއްގެ ހެޑްސެޓެއް ކަމަށް ބެލެވެއެވެ.

ދެން އޮތީ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ ވާހަކައެވެ. އިވިފައިވާ ގޮތުގައި މާލީ ވަޒީރު އަހުމަދު މުނައްވަރަކީ ވަރަށް ރަނގަޅަށް ތަންދޮރު އެނގިވަޑައިގަންނަވާ ބޭފުޅެކެވެ. މިދިޔަ އަހަރު، މިއަހަރަށް ލަފާކުރާ ބަޖެޓް ހުށަހެޅި ދުވަސްވަރު، ސަރުކާރާއި އިދިކޮޅު، ތަންކޮޅެއް ހަރުކުލައިގެ މަޖިލިސް މެމްބަރަކު މުނައްވަރު ސިފަކުރެއްވީ "ވަރަށް ރަނގަޅު ކުއްޖެއް"ގެ ގޮތުގައެވެ. މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން އިކޮނޮމިކްސް އެންޑް ފައިނޭންސްގެ ދާއިރާގެ އޮނަރޒް ޑިގްރީއެއް ހާސިލްކުރެއްވުމަށްފަހު މުނައްވަރުވަނީ އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވަރސިޓީއިން އިކޮނޮމިކްސް އެންޑް ފައިނޭންސްގެ ދާއިރާއިން މާސްޓަސް ޑިގްރީ ހައްދަވާފައެވެ. މުނައްވަރުގެ މާސްޓަރސް ޚާއްސަކުރެއްވީ މަނިޓަރީ އިކޮނޮމިކްސްއަށެވެ. ކޮންމެއަކަސް މިފަދަ ތައުލީމެއް ލިބިވަޑައިގެން ހުންނެވި ބޭފުޅަކު މާލީ ވަޒީރުކަން ކުރެއްވުމުން ގޯހެއް ހިނގައިގެންވާނެކަމަށް ނުބެލެވެއެވެ. އެހެން ނަމަވެސް ބަޖެޓް ކޮމިޓީގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުން އެމަނިކުފާނަށް އިޤްތިޞާދާއި މާލީ ނިޒާމު ހިނގާ ގޮތް އެނގިވަޑައިގަނޭތޯ ސުވާލު އުފެދެއެވެ.

"ބަޖެޓަށް ވޯޓު ނުދެއްވާ ބަޔަކަށް އަޅުގަނޑުމެންނަށް ދަތިވާނެ ނޫންތޯ ޕްރޮޖެކްޓު ހިންގުމުގައި ވެސް. މިއީ ހަގީގަތް. މި އަހަރުތެރޭގައި އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ އެބަ ބަޖެޓު ފާސްވެގެން ދާއިރު ކިތައް ބޭފުޅުންތޯ. އެހެން ގައުމުތަކުން ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް، އިދިކޮޅު ވާހަކަތައް ދެއްކި ނަމަވެސް ބަޖެޓަށް ވޯޓު ދެއްވާ"، މިނިސްޓަރ ވިދާޅުވިއެވެ.

އަޅެފަހެ، މިނިސްޓަރ މުނައްވަރަށް ތިވިދާޅުވެވޭ އެއްޗެއް އެބަ އެނގިވަޑައިގަނޭތޯއެވެ؟ ދައުލަތުގެ ބަޖެޓަކީ ހ. ދޫވެހި ނުވަތަ ގދ މަޑަވެލި، ގަހާ ކުއްޔަށް ދީގެން ރައީސް އަބްދުﷲ ޔާމީނަށާއި މިނިސްޓަރ މުނައްވަރަށް ލިބިވަޑައިގަންނަވާ ފައިސާއިން އެކުލަވާލާ އެއްޗެއް ނޫނެވެ. ދައުލަތުގެ ބަޖެޓަށް ޚަރަދުކުރަނީ ދިވެހި ރައްޔިތުންގެ ފައިސާއިންނެވެ. ދައުލަތަށް ވަންނަ ޓެކްސް އާމްދަނީ ފިޔަވައި ދެން ހުރި އާމްދަނީތަކަކީ ދިވެހިން ދަރިންނާއި ދަރިންގެ ދަރިން ދަރަނިވެރިކޮށްގެން ނަގާފައިވާ ލޯނު ފައިސާއެވެ. ބަޖެޓަށް ވޯޓު ދިނުމަކީ މަޖިލިސް މެމްބަރުންގެ މައްޗަށް ލާޒިމު ކަމެއް ނޫނެވެ. އަދި ރައީސް ޔާމީން އެއްޗެކޭ ވިދާޅުވާއިރަށް ވަޒީރުންގެ މަޖިލީހުގެ މެމްބަރުން "ޔެސް ސަރ"އޭ ވިދާޅުވިޔަސް، މަޖިލިސް މެމްބަރުން އެހެން ވިދާޅުވާކަށް ނުޖެހެއެވެ. މުނައްވަރު އެކަން އޮޅިވަޑައިގެން ނޫޅުއްވާށެވެ.

ދައުލަތުގެ ބަޖެޓަށް ފައިސާ ވަންނަނީ ދިވެހި ރައްޔިތުން ކުރާ ކޮންމެ ވިޔަފާރިއަކުން ދައްކާ ޖީއެސްޓީއާއި، ދިވެހި ވިޔަފާރިތަކުން ދައްކާ ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސްއާއި، ދިވެހި ރަށްތަކާއި ބިންތައް ކުއްޔަށް ދީގެން ހިންގާ ޓޫރިސްޓް ރިޒޯޓް، ހޮޓާތަކުން ނަގާ ޓީޖީއެސްޓީފަދަ ޓެކްސްތަކުންނެވެ. އަނެއްކޮޅުން ސަރުކާރުގައި ތިއްބެވި ބޭފުޅުން ބޮޑު ވިޔަފާރިއެއް ކުރެއްވިޔަސް ލޫޕްހޯލްތަކުގެ ބޭނުން ހިއްޕަވައިގެން ބައްލަވަނީ ވީހާވެސް ކުޑަ ޓެކްސްއެއް ދައުލަތަށް ދެއްކޭތޯއެވެ.

ހއ ތުރާކުނުގައި އުޅޭ އަހައްމަދު އޭނަގެ އަންހެނުން ބުނެގެން ފިހާރަޔަށް ގޮސް ގަންނަ ބިސްކޯދު ޕެކެޓުން ޓެކްސްއަށް ދައްކާ 30 ލާރިއާއި، އައްޑޫ ހިތަދޫގައި ހުންނަ ކެފޭއަށް ރައްޓެހިން ގޮވައިގެން ވަންނަ އާއިޝަތު ކޮފީ ނިންމާލާފައި ޓެކްސްއަށް ދައްކާ 12 ރުފިޔާއަކީ ދިވެހި ދައުލަތަށް ވަންނަ ފައިސާއެވެ. އަދި އަނެއްކާ އައިޝާއަކީ ކޮންމެ ދުވަހަކު ކޮފީއަށް ގޮސް، ހަފްތާއަކު އެއްފަހަރު ރައްޓެހިންނާއިއެކު އެތަނަށް ކާން ދާ މީހެކެވެ. މިހެން ޓެކްސްގެ ގޮތުގައި ރެސްޓޯރަންޓުން އެކަނިވެސް އޭނާ  500 ރުފިޔާ ދައްކައެވެ. އަދި އެހެން ކަންކަމުން ދައްކާ ޓެކްސް ކޮބައިތޯއެވެ؟ މުޅި ދާއިރާއިން ދައުލަތަށް ދައްކާ ފައިސާ ކޮބައިތޯއެވެ؟ ދެން ހަމަ އައިޝާގެ ދާއިރާގެ މެމްބަރު ނުވަތަ އެއްކަލަ އަހައްމަދުގެ ދާއިރާގެ މެމްބަރު ކޮންމެވެސް ސަބަބަކާއި ހުރެ ބަޖެޓަށް ވޯޓު ނުދިނުމަކީ އެމީހުންގެ ދާއިރާއަށް ސަރުކާރުން ކޮށްދޭން ޖެހޭ ކަންކަން ކޮށްނުދޭންވީ ސަބަބެއް ނޫނެވެ. ދިވެހި ދައުލަތުގެ ޚަޒާނާގައި ހުންނަނީ ރައްޔިތުންގެ ފައިސާއެވެ. ޕީޕީއެމްއިން ނުވަތަ ރައީސް ޔާމީން ނުވަތަ މިނިސްޓަރ ބޭނުންފުޅުވާ ގޮތެއް ހައްދަވަން ހުންނަ ފައިސާއެއް ނޫނެވެ.

ބަޖެޓަށް ވޯޓު ނުދީފާނެ މެމްބަރުންގެ ދާއިރާތަކުންވެސް ޓެކްސް ދައްކައެވެ. އެއްގަމު އުޅަނދުފަހަރާއި، ކަނޑުއުޅަނދު ފަހަރުގެ ރަޖިސްޓްރީ ފީ ދައްކައެވެ. ޖޫރިމަނާއެއް ކޮށްފިއްޔާ އެއެއް ދައްކައެވެ. ވިޔަފާރީގެ ރަޖިސްޓްރީ ފީއާއި އަހަރީ ފީތައް ދައްކައެވެ. ޕޯސްޓް އޮފީހުން އެއްޗެއް ފޮނުވަންޏާ ސްޓޭމްޕް ގަނެގެން ޖަހައެވެ. ދެން މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ދުވަސް ފެށި ނިމެނީ ދައުލަތަށް ފައިސާ ދެއްކުމުގައެވެ. މިއީ ސަރުކާރަށް ސަނާކިޔާ މެމްބަރުންގެ ދާއިރާތަކަށް ކަންކަން ކޮށްދޭން އެކަނި ހޯދާ ފައިސާއެއް ނޫނެވެ. މިއީ މުޅި ޤައުމުގެ ޖުމްލަ ތަރައްޤީއަށް ހޭދަކުރަން އެއްކުރާ ފައިސާއެވެ.

އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓްގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް ސަރުކާރުން ލަފާކުރެެއެވެ. އެއީ ރައީސް ޔާމީން ނުވަތަ މިނިސްޓަރ މުނައްވަރު ހިތްޕުޅާ ހަމަކުރައްވާ ބަޔަކަށް ކަންތައް ކޮށްދޭން ހުންނަ ފައިސާއެއް ނޫނެވެ. އެއީ މުޅި ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްޤެކެވެ. އެއީ ޕީޕީއެމްގެ ބަޖެޓެއް ނޫނެވެ. ޕީޕީއެމްއަށްވެސް ފައިސާ ދެނީ އެބަޖެޓްގެ ތެރެއިންނެވެ.

 

މިނިސްޓަރ މުނައްވަރު. ކިޔަވައި ވިދާޅުވެގެން ހުންނެވިނަމަވެސް، ސިޔާސީ ވެވަޑައިގަތުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވޭ

ސަރުކާރުގެ މައްޗަށް ލާޒިމްވަނީ ހުރިހާ ރައްޔިތުންނަށް ފައިދާ ހުރި ގޮތަށް، ބަޖެޓް އެކަށައަޅައި، ހުރިހާ ރައްޔިތުންނަށް ޚިދުމަތް ދިނުމަށެވެ. ޤާނޫން އަސާސީއިން ސަރުކާރުގެ މައްޗަށް ލާޒިމްކުރަނީ އެގޮތަށެވެ. ސަރުކާރަކީ ހަމައެކަނި ސަރުކާރަށް ތާޢީދުކުރާ މީހުންގެ ސަރުކާރެއް ނޫނެވެ. ބަޖެޓުން ޕްރޮޖެކްޓް ހިންގަން ޖެހެނީ ބަޖެޓަށް ވޯޓުދޭ ދާއިރާތަކަށް އެކަންޏެއް ނޫނެވެ. އެވަރު އެނގިވަޑައި ނުގަންނަވަންޏާ މިނިސްޓަރ މުނައްވަރު ގޭގައި މަޑުކޮށްލައްވާށެވެ. ސަބަބަކީ އިޤްތިޞާދާއި މާލީ ދާއިރާއިން މަތީ ތައުލީމު ޙާސިލްކުރެއްވި އިރުވެސް އެވަރު އެނގިވަޑައިނުގެންނެވި ބޭފުޅަކު ސަރުކާރު އޮފީހެއްގެ ކާތިބަކަށް ހުންނަވަންވެސް ކުފޫ ހަމަނުވާނެތީވެއެވެ.

މިނިސްޓަރ މުނައްވަރު ހަނދުމަފުޅު ހުންނާނެ ފަދައިން މަނިކުފާނުވަނީ މީގެ އަހަރުތަކެއް ކުރިން މިހާރުގެ ޤައުމީ ޔުނިވަރސިޓީ، ނުވަތަ އޭރުގެ ނަމުންނަމަ ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގައި، ތަފާސްހިސާބުގެ އިލްމުގެ ކޯހެއްގައި ކިޔަވައިދެއްވާފައެވެ. މަނިކުފާނު ނަންގަވައިދެއްވި "ޑިވެލޮޕްމަންޓް އިކޮނޮމިކްސް" ނުވަތަ ތަރައްޤީއާއި ގުޅޭ އިޤްތިޞާދު ކްލާހުގައި ދަރިވަރުންނަށް އެދުވަހު ކިޔަވައިދެއްވި އެއްޗަކާއި، ބަޖެޓް ކޮމިޓީގައި މަނިކުފާނު ތިވިދާޅުވި އެއްޗަކާއި އެބަ ދިމާވޭތޯއެވެ؟ އޭރުގެ ދަރިވަރުން މަނިކުފާނަށް މިއަދު ފާޑުކީމައި، އެބުނެވުނީ ދެން ވަރަށް ބައިވަރު ވާހަކައެވެ.

ބަޖެޓަށް ވޯޓު ނުދޭ މެމްބަރުންގެ ދާއިރާތަކަށް ކަންތައްކޮށްދޭން ދަތިވާނެކަމަށް މުނައްވަރު ވިދާޅުވާއިރު، އެމަނިކުފާ ލަދުހަޔާތުގެ ކަންފުޅެއްވެސް އެބަހުރިތޯ ހިތަށް އެރިއެވެ. ސަބަބު ދަންނަވާލާނަމެވެ. ބަޖެޓަށް ވޯޓު ނުދެއްވާ މެމްބަރުންގެ ދާއިރާތަކަށް ކަންތައްތައް ކޮށްނުދެވޭނެކަމަށް ނުސީދާކޮށް ސަރުކާރުން ބުނިއިރު، ބަޖެޓަށް ވޯޓު ނުދެވޭނެ އެއް ބޭފުޅަކީ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމްއެވެ. މިނިސްޓަރ މުނައްވަރު މަރުކަޒީ ބޭންކް، އެމްއެމްއޭގައި ޓްރެއިނީއެއްގެ ގޮތުގައި އުޅުއްވާފައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިވާޅުވާން މެލޭޝިއާއަށް ވަޑައިގެންނެވީ ޤާސިމް އިބްރާހިމްގެ ޚަރަދުގައެވެ. މިއަދު އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން އެމަނިކުފާނަށް ބަޖެޓަށް ވޯޓު ނުދެއްވުނީމައި، އެމަނިކުފާނުގެ ދާއިރާ ހާލުގައި ޖައްސާލަން މުނައްވަރަށް ކެރިވަޑައިގަންނަވާތީ ހައިރާންވެއެވެ. ގައިމު ލަދުހަޔާތުގެ ކަންފުޅެއް ހުރިނަމަ، ކޯހުން ހޯއްދެވި ނަތީޖާގެ އަގު ވަޒަންކުރައްވައި ގާސިމް ދެއްވި އެވޯޑުގެ ހައްޤުގައި ނަމަވެސް އެމަނިކުފާނުގެ ޚަރަދުގައި ހެއްދެވި ކޯހުން ކިޔަވާ ވިދާޅުވި އެއްޗެއްގެ ބޭނުން ހެޔޮގޮތުގައި ހިފާނެއެވެ.

މިނިސްޓަރ މުނައްވަރެވެ. ބަޖެޓަށް ވޯޓު ނުދޭނެ، އަދި ނުދެވޭނެ، އަދި ސަރުކާރުން ވޯޓު ދޭން ފުރުސަތު ނުދޭނެ މެމްބަރުންނާއި ވޯޓު ދިނުމުގެ ހައްޤުން މަހްރޫމުކޮށްފައި ތިބި މެމްބަރުން މަޖިލީހުގައި ހިމެނެއެވެ. އެއީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައެވެ. ތިވިދާޅުވަނީ އެރައްޔިތުންނަށް ކަންތައްކޮށްދެއްވަން ދަތިވާނެ ވާހަކަތޯއެވެ؟ އެހެންކަމަށް ވަންޏާ ދެން މަނިކުފާނު އަތްޖައްސައްވާށެވެ. ތިއޮތީ ވާ ބަހާރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް