ކ. މާލެ
|
18 ނޮވެންބަރ 2017 | ހޮނިހިރު 17:55
ދިއްދޫ ކައުންސިލްގެ ރައީސް
ދިއްދޫ ކައުންސިލްގެ ރައީސް
ގޫގުލް
ދިއްދޫ
މި ސަރުކާރުން ވަނީ ދިއްދޫ މަތިން ހަނދާން ނައްތާލާފައި: ދިއްދޫ އެމްޑީޕީ
ހަތަރު އަހަރުގެ ތެރޭގައި ދިއްދޫ ރައްޔިތުންގެ ހާލު ރައީސް ޔާމީން ބައްލަވާފައެއް ނުވޭ

ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރުނުއިރު ދިއްދޫ ރައްޔިތުންގެ މަތިން ސަރުކާރުން ހަނދާން ނައްތާލާފައިވާ ކަމަށް ހއ. ދިއްދޫ ދާއިރާގެ އެމްޑީޕީ ގޮފިން ބުނެފިއެވެ.

ދިއްދޫ އެމްޑީޕީ ގޮފިން ހޮނިހިރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ދިއްދޫ ރައްޔިތުންގެ ހާލު ބެއްވެލުވުމަށްޓަކައި ރައީސް ޔާމީން އެންމެ ފަހަރަކު ވެސް ދިއްދޫއަށް ވަޑައިގެންފައެއް ނުވެއެވެ. އަދި އެއީ ސަރުކާރުން ދިއްދޫއަށް ދޭ ސަމާލުކަމުގެ ކުޑަކަން ރަމްޒުކޮށްދޭ ކަމެއް ކަމަށާއި އެކަން ނުހަނު ބޮޑަށް ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ދިއްދޫ ރައްޔިތުން އިންތިހާބުކޮށްފައިވާ މެންބަރު އަބްދުއްލަތީފް މުހައްމަދު އެ މަޖިލީހަށް ވަނުމަށް ސަރުކާރުން ހުރަސްއަޅާފައިވާ ކަމަށް މި ބަޔާނުގައި ވެއެވެ.

"ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ސަސްޕްނެޑްކޮށްފައި ހުރި ހުރުމަކީ ވެސް ދިއްދޫ ރައްޔިތުންގެ ޙައްޤުތަކަށް ސަރުކާރުން ބޮޑުކޮށް އަރައިގަނެ ރައްޔިތުންގެ ނިންމުމަށް ސަރުކާރުން އިހްތިރާމް ނުކުރާ ކަމުގެ ދަލީލެއް" ކަމަށް ބަޔާނުގައި ވެއެވެ.

މި ބަޔާނުގައި ބުނެފައި ވަނީ މި ހަތަރު އަހަރަކީ ރާއްޖޭގެ އެހެން ރައްޔިތުންނަށް ވެސް މެދުވެރިވެފައިވާ ގިނަ މައްސަލަތައް ދިއްދޫގެ ރައްޔިތުން ވެސް ތަހައްމަލު ކުރަން ޖެހުނު އަހަރުތަކެއް ކަމަށެވެ. އެގޮތުން ކަރަންޓްގެ ޔަޤީންކަން ރަށުގައި ނެތުމާއި ތަކެތީގެ އަގު ބޮޑުވެގެން ދިޔުމާއި، ދިރިއުޅުމުގެ ޚަރަދުތައް މަތިވުމާއި، ސާފު ބޯފެން ލިބެން ނެތުމާއި ރަށުގައި ޞިއްޙީ ފަރުވާގެ ފެންވަރު ދަށްވުމާއި ތަޢުލީމީ ނިޒާމް ހީނަރުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އޭގެ އިތުރުން ލާމަރުކަޒީ ނިޒާމު ހަލާކުކޮށްލުމާއި ކޮރަޕްޝަނާއި ވައްކަމުގައި ޤައުމުގެ މުއްސަނދިކަން ފޭރިގަތުމާއި ޢަދުލު އިންސާފު ނައްތާލެވިފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން މި ސަރުކާރުން ދިއްދޫ އާއި ދިއްދޫގެ ރައްޔިތުންގެ މަތިން ހަނދާން ނައްތާލާފައިވާ ކަމަށް ދިއްދޫގެ ހުރިހާ ރައްޔިތުން ގަބޫލުކުރާ ކަމަށާއި މީގެ ނަތީޖާއެއްގެ ގޮތުން 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ދިއްދޫ ރައްޔިތުން މި ސަރުކާރަށް ހަރުއަޑުން ނޫނެކޭ ބުނަށް ތައްޔާރުވެފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
18 ނޮވެންބަރ 2017 | ހޮނިހިރު 18:05
ޒަކަރިއްޔާ
ތިވެސް ވާނީ ޕުލޭޖިއަރިޒަމް ގެ މައްސަލަޔަކަށް!